...

އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022 ފަށައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހަތްތެރިކަމަށް އަމާޒުކޮށްގެން މިއަހަރު ބާއްވާ އެންޓި-ކޮރަޕްޝަން ކޮންފަރެންސް މިއަދު ފަށައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ފެށުމަށް މިއަދު ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މިފަހަރުގެ އެންޓި-ކޮރަޕްޝަން ކޮންފަރެންސްގެ މަޤްޞަދަކީ ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމެވެ.

އެހެންކަމުން މި ކޮންފަރެންސްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަމާއި، ދެފުށްފެންނަ ނިޒާމެއްގެ ދަށުން ކުންފުނިތަކުގައި ކަންކަން ރާވައި ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ކުންފުނިތައް ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާ ގޮތެއްގެ މަތިން ބައްޓަންކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ކަމާބެހޭ ގިނަ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާ ޖަމާޢަތްތައް މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސް ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް ކޮމިޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެއެވެ. މީގެ އިތުރުން، މި ކޮންފަރަންސްގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސެކްރެޓޭރިއަޓް އާއި ޔުނައިޓެޑް ނޭޝަންސްގެ ޕެނަލިސްޓުންވެސް ބައިވެރިވާނެއެވެ.

މި ކޮންފަރަންސް ނިމިގެންދާއިރު، ކޮންފަރަންސްގައި މަޝްވަރާކުރެވޭ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ކޮންމެ ސެޝަނަކުން ފާހަގަކުރެވޭ ކަންކަން ހިމަނައިގެން ޕްލެޖެއް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޕްލެޖުގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރާނެ އިދާރާތަކާއި އަދި މަސައްކަތް ނިންމާނެ މުއްދަތު ކޮންފަރެންސްގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ޕްލެޖުގައި ހިމެނޭ ކަންކަން ކުރިއަށްދާ މިންވަރު އޭސީސީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޕީސީބީ ގުޅިގެން ބަލަމުންދާނެއެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީގުގެ އިސް ފަރާތްތަކާއި، އޭސީސީ، ޓްރާންސްޕޭރަންސީ މޯލްޑިވްސް، ޕީސީބީ އަދި ރާއްޖޭގައި ހަރަކާތްތެރިވާ އީޔޫ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.