...

ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޝަން ސްކިލްސް ޕްރޮގްރާމެއް ބާއްވައިފި

އެންޓިކޮރަޕްޝަން ކޮމިޝަނާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އޮފީސް އޮފް އޯވަރސީސް ޕްރޮސެކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ އިން ފުލުހުންގެ ޚިދުމަތާ ގުޅިގެން ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ.

އޮކްޓޯބަރ 9 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އޭސީސީގެ އިތުރުން ފުލުހުންގެ ޚިދުމަތާއި، އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓް އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން މުވައްޒަފުން ބައިވެރިވިއެވެ. 

ކޮރަޕްޝަނަކީ ކޮބައިކަމާއި، މަނީ ލޯންޑްރިންގެ ތަފާތު ވައްތަރުތަކާ އަދި ކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު މި ޕްރޮގްރާމްގައި ބައިވެރިވި އިދާރާތަކުގެ މުވައްޒަފުންނަށް ވަނީ ހިއްސާކޮށްފައެވެ. 

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި މެންބަރުން ބައިވެރިވި ރަސްމިއްޔާތުގައި އޭސީސީގެ ނާއިބުރައީސް އަލްއުސްތާޒް އަބްދުއްސަލާމް ދެއްކެވި ވާހަކަ ފުޅުގައި، ރާއްޖޭގައިވެސް މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާކަމާއި އެފަދަ މައްސަލަތައް މަދުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރާ އަދި ތަހުގީގުކުރާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް ވާހަކަފުޅު ދެއްކެވިއެވެ.