...

ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާ ޕީޖީ އޮފީހާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް ޢާދަމް ޝާމިލްއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމްއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ވަނީ އެއްބަސްވެފައެވެ.މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ.

އެގޮތުން އޭސީސީން ތަޙުޤީޤުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ޙިއްޞާކުރަމުންދިއުން ހިމެނެއެވެ.