...

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފި

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފިއެވެ.

މި މަގުޗާޓު އެކުލަވާލާފައިވަނީ އެކަމައްޓަކައި އެކުލަވާލި ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިންނެވެ. 3 ދުވަހުގެ އެ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ފަންނީ ކޮމިޓީންވަނީ އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައި އެމަސައްކަތް ކުރާނެ އިދާރާތައް ދެނެގަނެ، އެޢިދާރާތަކުން ކުރާނެ މަސައްކަތްތަކާއި އެކަމަށް ހޭދަވާނެ މުއްދަތު ކަނޑައަޅާފައެވެ.

ވޯކްޝޯޕް ނިންމުމަށް އޭސީސީގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ  އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ވޯކްޝޮޕްގައި ބައިވެރިވި ފަންނީ ބޭފުޅުން ކުރައްވާފައިވަނީ ތާރީޚީ މަސައްކަތެއްކަމަށެވެ. މިކުރެވުނު މަސައްކަތަކާއެކު މިފަދަ ނިޒާމެއް ކަނޑައެޅުމަށް ދެން ކުރަންޖެހޭ މަސައްކަތްތައްވެސް ލަސްތަކެއްނުވެ ކޮމިޝަނުން ކުރާނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނަރަލް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލް އެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޭސީސީގެ އިތުރުން މިނިސްޓްރީ އޮފް ފައިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ދިވެހި ފުލުހުންގެ ޚިދުމަތް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މަސްލަހަތުވެރިންގެ ގޮތުގައި ބައިވެރިވެއެވެ.