...

ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އެސެޓް ރިކަވަރީގެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭ- މިނިސްޓަރ އަމީރު

ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އެސެޓް ރިކަވަރީގެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭކަމަށް މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމާގުޅޭ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަޢުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ އާއި މުދަލުގެ ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 2009 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު ކޮރަޕްޝަންގެ ކުށްތަކުން އެކަނިވެސް 1.9 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިގެން ގޮސްފައިވާކަމަށާއި، އޭސީސީ އިން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މުހިންމުވަނީ އެ ސަބަބައްޓަކައި ކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިފަދަ ނިޒާމެއް ގާއިމުވެގެން ދިއުމަކީ ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެ ކަމެއްކަމަށެވެ. އަދި ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަން އޮންނަ ޝައުގު ކުޑަކޮށް، ނައްތާލަން އެޅޭނެ ހަރުދަނާ ފިޔަވަޅެއް. މިއީ ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދުކުރުމާއެކު، ކޮރަޕްޝަނާއި ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ ހޯދޭނެ ހަރުދަނާ ނިޒާމެއް ބޭނުންވާކަމަށާއި، އުންމީދުކުރަނީ މި ފެށިގެންދާ މަސައްކަތުގެ ތެރެއިން މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވި، މި ނިޒާމު ގާއިމުކުރަން އެކްޝަން ޕްލޭނެއް އެކުލަވާލެވިގެން ދިއުމަށްކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، ދުރު ނޫން މުސްތަގުބަލެއްގައި މި ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން ފެށިގެންދާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.