...

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަށައިފި

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފަށައިފިއެވެ.

އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް ޢަމީރު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް، އޮޑިޓަރ ޖެނެރަލް ހުޞައިން ނިޔާޒީ، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ އެންރީކޯ ބޮނިންސޭނާ، ދައުލަތުގެ އިތުރު ބައެއް މުއައްސަސާތަކާއި އޭސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް ޢަމީރުއާ އޭސީސީގެ ރައީސް އާދަމް ޝާމިލް ވާހަކަފުޅުދެއްކެވިއެވެ.

ދަޢުލަތުގެ ކަމާގުޅިންހުރި ޢިދާރާތައް ބައިވެރިކޮށްގެން ކުރިއަށްގެންދާ 3 ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި ކުށްކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ ދަޢުލަތަށް ނެގޭނެ ހަރުދަނާ އަދި ވަށާޖެހޭ ނިޒާމެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، މި މަސައްކަތްކުރުމަށް އެކުލަވާލަންޖެހޭ މަގުޗާޓު އެކުލަވާލުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޭސީސީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފައިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ދިވެހި ފުލުހުންގެ ޚިދުމަތް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މަސްލަހަތުވެރިންގެ ގޮތުގައި ބައިވެރިވެއެވެ.