...

"ފެހިފަހި އޭސީސީ" ޕްރޮގްރާމް އިފްތިތާޙުކޮށްފި

އޭސީސީގެ މަސައްކަތު މާޙައުލަކީ، ތިމާވެއްޓާ ރައްޓެހި މާޙައުލަކަށް ހެދުމުގެ ގޮތުން "ފެހިފަހި އޭސީސީ" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މިއަދު އިފްތިތާޙު ކޮށްފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އޭސީސީން ފެށި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި ޚާއްޞަކޮށްގެން އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭސިޓީގެ 4 ސްކޫލެއްގެ ތިމާވެށީގެ ކުލަބުގެ ރައީސުންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އޭސީސީގެ މަސައްކަތު މާހައުލަކީ ތިމާވެއްޓާ ރައްޓެހި މަސައްކަތުގެ މާހައުލަކަށް ހެދުމާއި، މުވައްޒަފުންނަކީ ތިމާވެއްޓަށް ލޯބިކުރާ، އިސްނެގުމާއެކު ތިމާވެށީ ޙިމާޔަތްކުރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް އުޅޭ ނަމޫނާ މުއައްސަސާއަކަށް ކޮމިޝަން ހެދުމެވެ.

ކަނޑައެޅިފައިވާ ވަކި މުއްދަތުތަކެއްގެ ތެރޭގައި ތަންފީޒުކުރާގޮތަށް ގިނަ ޙަރަކާތްތަކެއް ހިމެނޭ މި ޕްރޮގްރާމް ބެހިފައިވަނީ މައިގަނޑު 4 އަމާޒެއްގެ މައްޗަށެވެ. އެއީ، ކޮމިޝަނުގައި މިހާރު ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުވެގެން 50% އިންސައްތައަށް ދަށްކުރުމާއި، ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު 20% އިންސައްތައަށް ދަށްކުރުމާއި، އުފައްދާ އަދި އުކާލެވޭ ކުނީގެ އިންސައްތަ ދަށްކުރުމުގެ އިތުރުން މުވައްޒަފުންނަކީ ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކުރާ ބަޔަކަށް ހެދުމެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެމްބަރު ޝިޔާމާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ޙިމާޔަތް ކުރުމުގެ މުހިއްމުކަމަށް އަލި އަޅުވާލެއްވިއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބު ކުރުމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.