...

އޭސީސީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފިއެވެ. އަހަރީ ރިޕޯޓް އާންމުކޮށްފައިވަނީ މިއަދު (14 މާރިޗު 2022) ކޮމިޝަނުގެ ވެބްސައިޓުގައެވެ.

މި ރިޕޯޓުގައި، މިކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، ދައުލަތުގެ އެކި ދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން މަދުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އެމަސައްކަތްތަކުން ނަތީޖާ ޙާޞިލްކުރެވިފައިވާ މިންވަރާއި، 2021 ވަނަ އަހަރުގައި ކުރެވުނު ޚާއްޞަ މަސައްކަތްތަކުގެ އިތުރުން ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހިމަނާފައިވާނެއެވެ.

2021 ވަނަ އަހަރުގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، 782 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަޙުޤީޤު ހިންގަންޖެހޭ މައްސަލަތައް ހުއްޓިފައި އޮތްނަމަވެސް، 2021 ވަނަ އަހަރުގެ ފަހުކޮޅުގައި 5 އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށް، ތަޙުޤީޤު ހިންގާފައިވެއެވެ. 2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވާއިރު، ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެންވާ 22 މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި އަހަރެވެ. ވޭތުވެދިޔަ އަހަރު ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2,182,565.78 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި، ކުރެވުނު ޚާއްޞަ އަދި ކާމިޔާބު މަސައްކަތްތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި ޢަމަލުކުރަން ފެށުމެވެ. މި ޕޮލިސީއަކީ، ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށް ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭނެފަދަ ސިޔާސަތުތަކެއް ހިމަނައިގެން އެކުލަވާލި ޕޮލިސީއެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ހިންގާފައިވާ ޙަރަކާތްތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ތެރޭގައި އެންމެ ބޮޑު ފޯކަސް އެއް ދެވިފައިވަނީ ދައުލަތުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށެވެ. އެގޮތުން، ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމާއި، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ އިސްވެރިންނަށް ޚާއްޞަކޮށްގެން ފޯކަސް ގްރޫޕް ބައްދަލުވުންތައް ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެއިތުރުން، ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ނަޒާހަތްތެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އިންތިޚާބީ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.  

ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް އޮތް ރިސްކު ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާތަކަށް ބަލާއިރު، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާ ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަތުމަށް ކުރިއަށް ގެންދެވުނު ދިރާސާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދައުލަތުގެ މަޝްރޫޢުތަކުގެ ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމަށް އަމާޒުކޮށްގެން ހުދު ކަރުދާހެއްވެސް ވަނީ އާންމުކޮށްފައެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން 2021 ވަނަ އަހަރުގައި ކޮމިޝަނަށް ތަފާތު ދާއިރާތަކުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން، ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކާއި، ކޮވިޑް-19 ގެ ސަބަބުން އަދި ތަޙުޤީޤުކުރުމަށް ބޭނުންވާ އެކަށީގެންވާ ވަޞީލަތްތައް ނެތުމުގެ ސަބަބުން ތަޙުޤީޤުކުރުމުގެ ދާއިރާއިންވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. މީގެއިތުރުން، ފަންނީ ޤާބިލު މުވައްޒަފުން ބިނާކުރުމަށާއި އެފަދަ މުވައްޒަފުން ކޮމިޝަނުގައި ހިފެހެއްޓުމަށްޓަކައި ބަޖެޓުގެ ތެރެއިން ހުރި ގޮންޖެހުންތަކުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މި ގޮންޖެހުންތަކާއެކުވެސް، 2021 ވަނަ އަހަރަކީ ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ.