...

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޭ.ސީ.ސީގެ ޕަރފޮމަންސް އޮޑިޓާގުޅޭ

މިކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތައް ތަޙުޤީޤުކުރުމުގައި ޢަމަލުކުރަމުންދާ ގޮތާއި، ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށްޓަކައި ކޮމިޝަނަށް ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެމުންދާ މިންވަރު ދެނެގަތުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންގޮސް އާންމުކޮށްފައިވާ މި ކޮމިޝަނުގެ ޕަރފޮމަންސް އޮޑިޓާ ގުޅޭގޮތުން ދަންނަވަމެވެ.  

1.     މި އޮޑިޓްގައި ބަލާފައިވަނީ 2015 ޖަނަވަރީ 01 އިން 2020 ޖުލައި 31 ގެ މުއްދަތުގައި މި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތެވެ. ކޮމިޝަނުގެ ހިނގަމުންދާ ދައުރުގެ މެމްބަރުން ޢައްޔަންކޮށްފައިވަނީ 09 ސެޕްޓެންބަރު 2019 ގައެވެ.

2.     އޮޑިޓްގައި ބެއްލެވި މުއްދަތުގެ 4 އަހަރާއި، 8 މަސްދުވަހަކީ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުގައި ތިބި މުއްދަތެއް ނޫންކަން ފާހަގަކުރަމެވެ. އަދި މިއަދާ ހަމައަށް ކޮމިޝަނުގެ މިދައުރުގެ މެންބަރުންގެ މުއްދަތުގެ ތެރެއިން މިވީ 2 އަހަރާއި 3 މަހާއި 17 ދުވަސްކަމަށްވާއިރު، 31 ޖުލައި 2020 އާ ހަމައަށް މިދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައިވަނީ 10 މަސް ދުވަސްކަން ފާހަގަކުރަމެވެ.

3.     އޮޑިޓު ރިޕޯޓުގައި، އޮޑިޓުގެ ސްކޯޕު (އޮޑިޓު ކުރެވޭ މުއްދަތު) އޭސީސީއާ ހިއްސާކޮށްފައިވާކަމަށް ބުނެފައިވާއިރު، އޮޑިޓު ފެށުމަށްޓަކައި މިކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި، އޮޑިޓުގެ ސްކޯޕަކީ 2015 އިން ފެށިގެން 2019 ގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އޮޑިޓުގެ ސްކޯޕް ބަދަލުކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޯޕު ފުޅާކޮށްފައިވަނީ ކޮމިޝަނާ މަޝްވަރާކޮށް އެއްބަސްވިގޮތާ ޚިލާފަށްކަން ފާހަގަކުރަމެވެ. އަދި، ބައެއް ކަންކަން 2020 ގެ ނިޔަލަށް ބަލާފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެގޮތުން ބަލާފައިވާ ބައެއް ކަންކަމަކީ ކޮބައިކަމާއި، އޮޑިޓުގެ މެދުތެރެއިން ސްކޯޕު ބަދަލުކުރިކުރުން ކޮމިޝަނާ ހިއްޞާކޮށްފައިނުވެއެވެ. މި އޮޑިޓުގެ ފައިންޑިންގސްއަށް ކޮމެންޓްކުރުމަށް ލިބުނު ފުރުޞަތުގައި މިކަން ފާހަގަކޮށްފައިވާނެއެވެ.

4.     ރިޕޯޓުގައި އޮޑިޓުގެ ސްކޯޕު ކަމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރެއިން މި ހިނގަމުންދާ ދައުރުގެ މެމްބަރުން ޢައްޔަންކުރިފަހުން (ސެޕްޓެންބަރު 2019 އިން ޖުލައި 2020 ގެ ނިޔަލަށް) ހިނގައިދިޔަ މުއްދަތުގެ ތެރެއިން 4 މަސް ދުވަހަކީ، ކޮވިޑް-19 ގެ ސަބަބުން މާލޭގެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތެވެ. މި މުއްދަތުގައި ކޮމިޝަނުގެ މަސައްކަތްތަކަށް ޚާއްޞަގޮތެއްގައި ތަޙުޤީޤުތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. އެގޮތުން، އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަޙުޤީޤުކުރަން ހުރި ގިނަ މައްސަލަތަކެއްގެ ތަޙުޤީޤުތައް ހުއްޓިގެންދިޔައެވެ. ދައުލަތުގެ އިދާރާތަކަށް ގޮސްގެން ހެއްކާއި ޤަރީނާ ހޯދުމުގެ ޕްރޮސެސް ހުއްޓިގެންދިޔައެވެ. ތަޙުޤީޤަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުނުކުރެވި ތަޙުޤީޤުގެ އެންމެ މުހިންމު އެއް މަރުޙަލާގެ މަސައްކަތްވެސް ހުއްޓިގެންދިޔައެވެ. މީގެއިތުރުން، ކޮވިޑް19 އަށް ޕޮސިޓިވް ވެގެންނާއި ޑައިރެކްޓް ކޮންޓެކްޓްވެ، ކޮމިޝަނުގެ މުވައްޒަފުން ކަރަންޓީނުވާން ޖެހުމުންވެސް މަސައްކަތްތަކަށް އިތުރު މަޑުޖެހުމެއް އައެވެ. ނަމަވެސް، މިދެންނެވި ދުވަސްތަކުގެ މަސައްކަތު ޕަރފޮމަންސް ބެލިއިރުގައި މިއިން އެއްވެސް ކަމަކަށް އޮޑިޓުގައި ރިއާޔަތްކޮށްފައިނުވާކަން ފާހަގަކުރަމެވެ.

5.     ކޮމިޝަނުގެ މިހިނގާ ދައުރުގެ މެމްބަރުން މަޤާމާ ޙަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅެއް ނޭޅިހުރި 400 އަށްވުރެ ގިނަ ޝަކުވާ އޮތެވެ. އަދި ތަޙުޤީޤު މަރުހަލާގައި 500 އަށްވުރެ ގިނަ މައްސަލަ އޮތެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޮމިޝަނަށް އެ މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހެޅުނު ފަހުން ނުބެލި ގިނަ ދުވަސް ވެފައިވާ މައްސަލަތަކެއް ކަމުގައިވާތީ، އެ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކޮމިޝަނުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާނެއެވެ. އެގޮތުން، އިވެލުއޭޝަން މަރުޙަލާގައި ނުނިމިހުރި ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި، އިވެލުއޭޝަންގެ މަސައްކަތްތަކަށް ވަގުތީގޮތުން މުވައްޒަފުން އިތުރުކޮށް، އިވެލުއޭޝަން މަރުޙަލާގައި ގޮތެއް ނުނިމި ގިނަދުވަސްވީ މައްސަލަތަކުގެ އިވެލުއޭޝަން ނިންމުމަށް ޚާއްޞަ މަސައްކަތެއް ކުރިއަށްގެންދެވުނެވެ. އަދި، އިވެލުއޭޝަން މަރުޙަލާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަކުވާ ހުށަހަޅާ ފޯމަށާއި، ޝަކުވާ ވަޒަންކުރާ ފޯމަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާނެއެވެ. ހަމައެއާއެކު، ޝަކުވާ ވަޒަންކުރުމުގެ މަރުޙަލާގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ރަޖިސްޓްރަރ ގެ މަޤާމު އުފައްދައި އިވެލުއޭޝަން މަރުޙަލާގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެން ދިޔައެވެ.

6.     ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރުންގެ ހުނަރުވެރިކަމާއި ޤާބިލިއްޔަތު އިތުރު ކުރުމުގެ ގޮތުން، އިންވެސްޓިގޭޓަރުންނަށް ޚާއްސަ ތަމްރީނުތަކެއް ބޭނުންވެއެވެ. ނަމަވެސް، މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ބަޖެޓު ހުށަހެޅުމަށް 2020 އަދި 2021 ވަނަ އަހަރު ފުރުޞަތު ލިބިފައިނުވާތީ އިންވެސްޓިގޭޓަރުންނަށް ފެންވަރު ރަނގަޅު ތަމްރީނުތައް ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ނަމަވެސް، ރާއްޖެއިން ބޭރުގެ ތަފާތު އެޖެންސީތަކާއެކު ކުރެވުނު މަޝްވަރާތަކާއެކު، އިންވެސްޓިގޭޓަރުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް 2022 ވަނަ އަހަރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމަކީ، އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ހުނަރުތަކަށް ޚާއްސަ އަދި ރާއްޖޭގެ ޤާނޫނުތަކާއި ރާއްޖޭގައި ހިންގާ ކޮރަޕްޝަނުގެ ކުށްތަކުގެ ވައްޓަފާޅިއަށް ބިނާކޮށް ތައްޔާރުކުރެވެމުންދާ ޕްރޮގްރާމެކެވެ. އަދި، މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ އިންވެސްޓިގޭޓަރުންނަށް ކޮރަޕްޝަނުގެ ކުށްތައް ތަޙުޤީޤުކުރުމަށް ޚާއްޞަ ލައިސެންސެއް ދެވިގެންދާނެއެވެ.

7.     ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސްޕީޑް އަވަސްކުރުމަށްޓަކައި މި ދައުރުގައި ކޮމިޝަނުގެ މަސައްކަތަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސްޓްރަކްޗަރއަށް ގެނެވުނު ބަދަލެވެ. މިގޮތުން، އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ތެރޭގައި އިންވެސްޓިގޭޝަން 3 ޔުނިޓް އުފައްދައި، އެ ޔުނިޓްތައް ހިންގައި މެނޭޖްކުރުމަށް ވަކިން މުވައްޒަފުން ކަނޑައެޅުނެވެ. މި ބަދަލުގެ ސަބަބުން، އިންވެސްޓިގޭޓަރުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާތައް ދިނުމާއި، އިންވެސްޓިގޭޓަރުންގެ މަސައްކަތްތައް ސްޕަވައިޒްކުރުމާއި، އެންމެ އިސްކަމެއް ދީގެން ތަޙުޤީޤު ކުރިއަށްގެންދަންޖެހޭ މައްސަލަތައް ކަނޑައެޅުމަށާއި، ކަނޑައަޅާފައިވާ ޓާގެޓްތައް ހާސިލްކުރުމަށްޓަކައި މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދިޔައެވެ. ހަމައެއާއެކު އިންވެސްޓިގޭޝަން ޑިޕާޓްމަންޓު ޔުނިޓުގެ 3 ޔުނިޓުގެ މަސައްކަތް އޯވަރސީކުރުމަށްޓަކައި ކޮމިޝަނުގެ 3 މެމްބަރުން ކަނޑައަޅައި މޮނިޓަރިންގ ޕްރޮސެސް އިތުރަށް ހަރުދަނާކުރެވުނެވެ. 

8.     ކޮމިޝަނުގެ ހިނގަމުންދާ ދައުރު ފެށިއިރު، ޤައުމީ އެންމެ ބޮޑު މަސްލަހަތެއް އޮތް މައްސަލައަކަށް ފާހަގަކުރެވިފައި އޮތީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައެވެ. އަދި، ކޮމިޝަނުގެ އައު މެމްބަރުން ޢައްޔަންކުރުމާއެކު އެ މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް 16 ސެޕްޓެންބަރު 2019 ގައި ޖޮއިންޓް އިންވެސްޓިގޭޝަން އެމް.އޯ.ޔޫގައި ސޮއިކުރެވި ޖޮއިންޓް އިންވެސްޓިގޭޝަންއެއް ގޮތުގައި ރަސްމީކޮށް އެމައްސަލައިގެ މަސައްކަތް ފެށިގެން ދިޔައެވެ. އެމް.އެމް.ޕީ.އާރު.ސީގެ މައްސަލައިގެ ތަޙުޤީޤަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދިއުމަށްޓަކައި މި މައްސަލައިގެ ތަޙުޤީޤަށް ކޮމިޝަނުގެ 7 އިންވެސްޓިގޭޓަރެއް ޚާއްޞަކުރެވުނެވެ. އެގޮތުން، މި މައްސަލައިގެ ތަޙުޤީޤަށް ޚާއްޞަކުރި މުވައްޒަފުންނަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމުގެ ހުނަރާއި ތަޖުރިބާހުރި މުވައްޒަފުން ކަމުގައިވެފައި، އެމުވައްޒަފުން އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤަށް ޚާއްޞަކުރުމުން، ކޮމިޝަނުން ބަލަމުން ދިޔަ ބޮޑެތި އެހެން މައްސަލަތަކުގެ ތަޙުޤީޤުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަމަވެސް، ކޮމިޝަނުގައި ތިބި ގިނަދުވަސްވީ އިންވެސްޓިގޭޓަރުން އެމް.އެމް.ޕީ.އާރު.ސީގެ ތަޙުޤީޤަށް ދޫކުރުމުން، ކޮމިޝަނުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤުތައް ކުރިއަށްގެންދިއުމަށް ދިމާވި ގޮންޖެހުންތަކަށް އޮޑިޓު ރިޕޯޓުގައި ރިއާޔަތްކޮށްފައިނުވެއެވެ.

9.     މިކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑްސް ބެލެހެއްޓުމަށްޓަކައި ފަރުމާކޮށްފައިވާ ކޭސް މޭނޭޖްމަންޓް ސިސްޓަމް އަކީ، 2015 ވަނަ އަހަރުގެ ތެރޭގައި ފަރުމާކޮށްފައިވާ ސިސްޓަމަކަށްވެފައި، ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކުރެވިފައިވާގޮތުން ކޮމިޝަނުން ބޭނުންވާ ގޮތަށް މަޢުލޫމާތު އަދާހަމަނުކުރެވުމުގެ އިތުރުން އެހެން މައްސަލަތައްވެސް ފާހަގަކުރެވި އެކަންކަމަށް ހައްލުހޯދުމަށްޓަކައި މަސައްކަތްކުރި ނަމަވެސް، މިހާރު ބޭނުންކުރަމުންދާ ކޭސް މެނޭޖްމަންޓް ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާތީ އައު ސިސްޓަމެއް ޑިވެލޮޕްކުރުމުގެ މަސައްކަތް މިއަހަރުތެރޭ ފެށުނެވެ. ނަމަވެސް، އައު ސިސްޓަމެއް ޑިވެލޮޕްކުރުމަށް ބޭނުންވާ ބަޖެޓް ކޮމިޝަނަށް ހަމަޖެހިފައިނުވާތީ، އެމަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބި މުއްދަތުތަކެއް ހިނގައިދިޔައެވެ. އެކަމަށްޓަކައި ކުރެވުނު މަސައްކަތުން ރާއްޖެއިން ބޭރުގެ އެޖެންސީއެއް މެދުވެރިކޮށް އެހީތެރިކަން ލިބި، ކޮމިޝަނަށް ބޭނުންވާ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ އެޖެންސީއެއް މެދުވެރިކޮށް ކޮމިޝަނުގެ ރިކުއަރމެންޓާ އެއްގޮތަށް ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޑިވެލޮޕްކުރުމުގެ މަސައްކަތަށް ޑިވެލޮޕަރެއް ހަޔަރކުރުމަށްޓަކައި މިހާރު ވަނީ އާންމުކޮށް އިޢުލާންކުރެވިފައެވެ. ކޮމިޝަނުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގައި 2015 އިން 2019 ކުރުމަށް ރާވާފައިވާ ތަޙްޤީޤުތަކާއި ގުޅުންހުރި ކަންތައްތަކުގެ ތެރެއިން ކޭސް މެނޭޖްމަންޓް ސިސްޓަމަށް އެވިޑެންސް މޮޑިއުލްއެއް އިތުރުކުރުމާއި، ނިމޭ މައްސަލަތަކުގެ ތެރެއިން އެއް ބާވަތެއްގެ މައްސަލަތައް ސިސްޓަމްގެ ތެރެއިން ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފިޔަވައި އެހެން ހުރިހާ ކަމެއް ހާސިލް ކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އަލަށް ޑިވެލޮޕްކުރާ ސިސްޓަމަކީ މިހާތަނަށް ހާސިލްނުކުރެވި އޮތް ދެކަންތައްވެސް ހިމެނޭ ގޮތަށް ޑިޒައިންކުރުމަށް ރިކުއަރމަންޓްސް ކަނޑައަޅާފައިވާ ސިސްޓަމެކެވެ.

10. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ އެންގުންތަކާމެދު އިދާރާތަކުން ޢަމަލުކުރަމުންދާ މިންވަރު، 2020 ނޮވެންބަރުގެ ކުރިން ހަރުދަނާގޮތެއްގައި ބަލައި މޮނިޓަރކުރެވެމުން ނުދާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެކުރިން ހަރުދަނާގޮތެއްގައި އެކަން ނުކުރެވި އޮތް މައިގަނޑު ސަބަބަކީ، ކޮމިޝަނުގައި އެކަމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމެވެ. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމުގައި އިސްލާހުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން އިދާރާތަކަށް އަންގަމުންދާއިރު، މީގެކުރިން އެކަން ބަލައި މޮނިޓަރކުރާނެ ނިޒާމެއް ޤާއިމްކޮށްފައިނުވާތީ، ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި އެ ނިޒާމު ކޮމިޝަނުގައި ޤާއިމްކޮށްފައިވާނެއެވެ. އެގޮތުން އެމަސައްކަތް ވަކި ޔުނިޓަކާ ޙަވާލުކުރެވި އެމަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، ފާއިތުވި ދުވަސްތަކުގައި ދައުލަތުގެ އިދާރާތަކަށް އިސްލާހުކުރުމަށް އަންގާފައިވާ އެންގުންތައް އެ އިދާރާތަކުން ޢަމަލުކޮށްފައިވާ މިންވަރު ބެލުމުގެ މަސައްކަތް ފަށައި، ދައުލަތުގެ އިދާރާތަކާއެކު ފޯކަސް ގްރޫޕް ބައްދަލުވުންތަކެއް ކުރިއަށްގެންދެވުނެވެ. މީގެއިތުރުން، ކޮމިޝަނުން އަންގާ އެންގުންތަކަށް ޢަމަލުކުރަމުންދާ މިންވަރު ބަލައި މޮނިޓަރކުރުމުގެ މަސައްކަތުގެ ތެރެއިން ވެބް ޕޯޓަލްއެއް ޑިވެލޮޕްކުރުމުގެ މަސައްކަތް މިއަހަރުން ފެށިގެން ކުރިއަށްގެންދާކަން ވެސް ފާހަގަކުރަމެވެ.

11. 2008 ވަނަ އަހަރުގައި ކޮމިޝަނުގެ ޤާނޫނު ތަޞްދީޤުވެގެން އައިއިރު، ޤާނޫނު އޮތްގޮތުން ކޮމިޝަނުން ކުރާ ދިރާސާތަކުގައި އަލީގައި އިދާރާތަކުން އަންގާ އެންގުންތަކާމެދު އަމަލުނުކޮށްގެން ފިޔަވަޅު އެޅުމުގެ ބާރު ދީފައިނުވާތީ، އެކަންކަން އޭރުގައި ކުރިއަށްގެންގޮސްފައި ނުވެއެވެ. ނަމަވެސް، 2020 ސެޕްޓެންބަރު މަހުގައި ތަސްދީގުކުރި ޤާނޫނު ނަންބަރު: 16/2020 (ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އަށް 1ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކޮމިޝަނުން ކުރިއަށްގެންދާ ރިސްކު އެސެސްމަންޓްތަކުގެ އަލީގައި ދައުލަތުގެ އިދާރާތަކަށް އަންގާ އެންގުންތަކާމެދު 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ކޮމިޝަނުގެ ޤާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ކުރިން ފިޔަވަޅުއެޅުމަށް ޤާނޫނީގޮތުން ހުރަސްތަކެއް ހުރިއިރު، އެކަންކަމަށް އޮޑިޓުގައި ރިއާޔަތްކޮށްފައިނުވެއެވެ. އަދި ޤާނޫނަށް އައި ބަދަލާއެކު ރިސްކް އެސެސްމަންޓުތަކުން ފާހަގަވާ ކަންކަމާމެދު އިދާރާތަކުން ޢަމަލުކުރަމުންދާ މިންވަރު ބެލުމުގެ މަސައްކަތް ކުރެވެމުންދެއެވެ.

12. އޮޑިޓް ރިޕޯޓްގެ "ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާއި އިސްލާހުކުރަން ލަފާދޭ ގޮތް" ގެ 1 ވަނަ ނަންބަރުގައި، "2015 ޖަނަވަރީ 01 އިން 2020 ޖުލައި 31 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7,113 ޝަކުވާގެ ތެރެއިން 5,476 މައްސަލަ ތަޙުޤީޤުކޮށް ނިންމާފައިވާއިރު، ދައުވާކުރެވޭ މިންވަރަށް ފުރިހަމަ ކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން 1% ކަން ފާހަގަކުރެވުން" މިގޮތަށް ބަޔާންކޮށް، މިހެން ދިމާވާ މައިގަނޑު ސަބަބަކީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުޙަލާ ހަރުދަނާ ނުވުންކަމަށް ދޭހަވާގޮތަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ދަންނަވަމެވެ.

12.1 ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ވަޒަންކުރުމަށްފަހު ތަޙުޤީޤުކުރަން ނިންމާ މައްސަލަތަކުގެ ތަޙުޤީޤު ނިންމާއިރު ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފައިވުމަކީ، ޕްރިލިމިނަރީ އިވެލުއޭޝަން މަރުޙަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫނެވެ. ޕްރިލިމިނަރީ އިވެލުއޭޝަން މަރުޙަލާގައި ޝަކުވާ ވަޒަންކުރާއިރު ބަލާނީ، ހުށަހަޅާ ޝަކުވާއަކީ ކޮމިޝަނުގެ އިހްތިޞާޞްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯއާއި، ތުހުމަތަށް ބާރުލިބޭ ޝަކުވާއެއްތޯއާއި، ޝަކުވާއާ ގުޅޭގޮތުން އިތުރަށް ތަޙްޤީޤުކުރަންޖެހޭ ކަމެއް އޮތްތޯއެވެ. އަދި އެކަށީގެންވާ ތުހުމަތެއް އޮތްނަމަ އެފަދަ ކޮންމެ ޝަކުވާއެއް އިތުރަށް ތަޙުޤީޤުކުރުމަށް ނިންމައެވެ. ހެކި ހޯދުމާއި، މީހުންނާ ސުވާލުކުރުން ފަދަ މަރުޙަލާތައް ކުރިއަށްގެންދާނީ ތަޙުޤީޤު މަރުޙަލާގައެވެ.

12.2 ތަޙުޤީޤުކުރާ އިދާރާއެއްގެ ޕަރފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަޙުޤީޤު ކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ ނުފޮނުވުމުގެ މައްޗަށްކަމަށް ދެކުމަކީ ހަމަޖެހޭކަމެއް ނޫނެވެ. އޮޑިޓު ރިޕޯޓުން ދޭހަވަނީ، ޝަކުވާ ވަޒަންކޮށް އިތުރަށް ތަޙުޤީޤުކުރާނީތޯ ނުކުރާނީތޯ ނިންމާ މަރުޙަލާ ހަރުދަނާނަމަ، ތަޙުޤީޤުކުރަން ނިންމާ ކޮންމެ މައްސަލައެއްގައި ދަޢުވާއެއް ކުރެވޭނެކަމެވެ.

12.3 ޕަރފޮމަންސް އޮޑިޓާ ގުޅިގެން އޮޑިޓު އޮފީހާއެކު ބޭއްވި ބައްދަލުވުންތަކުގައި، ތަކުރާރުކޮށް ދަންނަވާފައިވާނެ ފަދައިން، ޝަކުވާ ވަޒަންކުރާ މަރުޙަލާއަކީ ހުށަހެޅޭ ޝަކުވާގައި ކޮށްފައިވާ ތުހުމަތަކީ އިތުރަށް ބަލަންޖެހޭފަދަ އަސާސެއް އޮތް ޝަކުވާއެއްތޯ ވަޒަންކުރާ މަރުޙަލާއެވެ. އަދި މި މަރުޙަލާގައި ބަލާ ބެލުންތަކަށްފަހު އިތުރަށް ތަޙުޤީޤުކުރަންޖެހޭފަދަ އަސާސެއް ނެތްކަމަށް ކަނޑައަޅާފައިވެސް ހުންނާނެއެވެ. މި މަރުޙަލާގައި އިތުރަށް އެ ޝަކުވާއެއް ތަޙުޤީޤުކުރަން ކަނޑައަޅައިފިނަމަ، ދެން އެ ޝަކުވާއެއް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް ޙަވާލުކުރެވޭނެއެވެ.

12.4 ޖިނާއީ މައްސަލަތައް ތަހުޤީގުކުރާ ފަރާތްތަކަކީ، އެފަރާތްތަކުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ކުށް ހަގީގަތުގައިވެސް ހިނގާފައިވޭތޯ އާއި، އެކަމުގެ ޒިންމާވާންޖެހޭ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ ކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވާއިރު، އެ މަސައްކަތް ކުރާ ފަރާތްތަކަކީ އެ މައްސަލައާމެދު މާ ކުރިއާލައި ވަކި އަތަކަށް ޖެހި، މައްސަލާގައި ނިކުންނާނީ ވަކި ނަތީޖާއެއްކަމަށް ނިންމައިގެން މަސައްކަތް ކުރެވޭނެ މީހުންނެއްނޫނެވެ. މިއީ ތަޙުޤީޤު ކުރާ ފަރާތްތަކުގެ އެތިކަލް މިންގަނޑުތަކާ ޚިލާފުކަމެކެވެ. އެހެންކަމުން މައްސަލައެއް ތަޙުޤީޤުކުރަން ފަށާއިރު، އެ މައްސަލައެއްގައި ދަޢުވާ ކުރެވޭނެކަމަށް ޔަގީންކަމާއެކީ ބުނުމަކީ ކުރެވޭނެކަމެއް ނޫނެވެ. ވީމާ، ވަޒަންކުރެވޭ ޝަކުވާތަކުގެ ތެރެއިން އިތުރަށް ތަޙުޤީޤުކުރަން ނިންމާފައިވާ މައްސަލައެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ޖިނާއީ މިންގަނޑަކުން ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްނަމަ އެ މައްސަލައެއްގައި ކޮރަޕްޝަންގެ ޢަމަލެއް ނެތް ކަމަށް ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް، އެ މައްސަލައެއްގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތަކީ ބޭކާރު މަސައްކަތެއްކަން ދޭހަވާގޮތަށް ބުނެދިނުމަކީ ޖިނާއީ ތަޙުޤީޤުގެ ވައްޓަފާޅިއާއި ތަޙުޤީޤުގެ މިންގަނޑުތަކާއި ކަން ހިނގާގޮތާމެދު ރަނގަޅަށް ހޭލުންތެރިނުވެ ބުނެފައިވާ ބުނުމެކެވެ.

12.5 ކޮރަޕްޝަނުގެ ޢަމަލެއްކަމަށް ޝައްކުކުރެވޭ އެކަށީގެންވާ ތުހުމަތެއް އޮވެގެން މައްސަލައެއް ތަޙުޤީޤުކުރުމާއި، އެ މައްސަލައެއްގައި ދަޢުވާއެއް އުފުލުމާ މި ދެ ކަމަކީ ދެ މިންގަނޑަކުން ބެލޭ ދެ ކަމެވެ. އެގޮތުން، ކުށެއް ކުރިކަމަށް ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ އެ ކުށެއް ތަޙުޤީޤުކުރެވިދާނެއެވެ. ނަމަވެސް ތުހުމަތުކުރެވޭ ކުށުގެ ދަޢުވާއެއް ކުރެވޭނީ އެ ކުށް ކުރިކަން ސާބިތުކޮށްދޭންޖެހޭ މިންގަނޑުކަމުގައިވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭވަރުގެ ހެއްކާއި ޤަރީނާ ހުރެގެންނެވެ. އެހެންކަމުން މައްސަލައެއް ތަޙުޤީޤުކުރަން ނިންމާއިރު އެ މައްސަލާގައި ދަޢުވާއެއް ކުރެވޭވަރަށް އެ މިންގަނޑަށް ހެކިހުރިތޯ ނޫންތޯ ކަނޑައެއްނޭޅޭނެއެވެ. އެކަން ކަނޑައެޅޭނީ ތަޙުޤީޤު ފުރިހަމަކުރުމަށްފަހުގައެވެ. އަދި މައްސަލައެއްގައި އެ މިންގަނޑަށް ހެއްކާއި ޤަރީނާ ނުހުރެދާނެއެވެ. ނުވަތަ ނުލިބިދާނެއެވެ. ނުވަތަ އެފަދަ ކުށަކަށް ތުހުމަތުކުރެވިގެން ނުވަތަ ޝައްކުވެގެން ކޮމިޝަނަށް ޝަކުވާ ހުށަހަޅަން މެދުވެރިވީ ކޮންމެހެން ޖިނާއީ ޒިންމާ އުފުލަންޖެހޭ ވަރުގެ ކަމެއް މީހަކު ކޮށްގެން ނޫންކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިކަންކަން ރަނގަޅަށް ކަނޑައެޅޭނީ ކޮމިޝަނުން ބެލުމަށްފަހުއެވެ.

12.6 މީގެ އިތުރުންވެސް، ކޮރަޕްޝަންގެ ގިނަ ޢަމަލުތަކަކީ، ކުށް ކުރެވޭގޮތަށް ބައްޓަންވެފައިވާ ނިޒާމުތަކުގެ ތެރެއިން ނުވަތަ ކުށް ކުރިޔަނުދިނުމަށް ހުންނަ އެކިކަހަލަ ނިޒާމުތަކުގެ ނަހަމަ ބޭނުންކޮށްގެން ހިންގާ ޢަމަލުތަކަށްވާއިރު، ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވަނީ މިކަންކަމަށްވެސް އެޑްރެސް ކުރެވޭގޮތަށެވެ. އެގޮތުން، މައްސަލައެއްގައި ދަޢުވާކުރެވޭނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އަދި ދަޢުވާއެއް ކުރެވޭނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ހުރެގެން ދަޢުވާކޮށްދޭން އެދި ފޮނުވާ މައްސަލަތަކުގައިވެސް، ކޮމިޝަނުގެ ޤާނޫނުން ލާޒިމްކޮށްފައިވަނީ، އެ މައްސަލައެއް ހިނގަން މެދުވެރިވީ އެ ތަނެއްގެ އިދާރީ އިންތިޒާމްތަކުގެ ތެރޭގައި ހުރި މައްސަލައެއްގެ ސަބަބުން ކަމުގައިވާނަމަ އެކަމެއް ފާހަގަކޮށް އިޞްލާޙުކުރަން އެންގުމަށެވެ. ވީމާ ކޮރަޕްޝަނުގެ ޢަމަލެއް ނެތްކަމަށް މައްސަލަ ނިމުމަކީ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމެއް ކަމަށް ދެއްކުމަކީ 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީއިންނާއި ކޮމިޝަނުގެ ޤާނޫނުން ތަޞައްވަރުކޮށް ޤާއިމްކޮށްފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން ޤާއިމްކުރުމުގެ މަޤްޞަދުތަކަށް އެއްވެސް ބެލުމެއް ނެތި، އަދި މުޅި ނިޒާމު މިހާތަނަށް ރޭވި ހިނގަމުން އައި ގޮތަށް ބެލުމެއް ނެތި، ބުނެފައިވާ ބުނުމެކެވެ.

13. ޕަރފޯމަންސް އޮޑިޓު ރިޕޯޓުގައި، 1 ޖަނަވަރީ 2015 އިން ފެށިގެން 31 ޖުލައި 2020 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 76 މައްސަލައެއް އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގައި، އޭގެ ތެރެއިން ތަޙުޤީޤު މަރުޙަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށް މީޑިއަން އެވްރެޖް 321 ދުވަސް ހިނގާފައިވާކަމާއި، މި 23 މައްސަލާއިގެ މައްޗަށް މައްސަލަތައް ލަސްވާކަމަށް ފާހަގަކޮށްފައިވާއިރު، 1 ޖަނަވަރީ 2015 އިން ފެށިގެން 31 ޖުލައި 2020 ގެ ނިޔަލަށް 7113 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރެއިން އޮޑިޓު ސާމްޕަލް ސައިޒުގެ ގޮތުގައި 23 މައްސަލަ ނަގާފައިވާތީ، އެއީ ކޮމިޝަނުގެ ޕަރފޮމަންސްއަށް ޖުމްލަކޮށް ބަސްބުނެވޭވަރުގެ ސާމްޕަލް ސައިޒެއްކަމުގައި ކޮމިޝަނުން ޤަބޫލު ނުކުރަމެވެ. މިގޮތުން، އޮޑިޓުގެ ސާމްޕަލް ސައިޒުގެ ގޮތުގައި ނަގާފައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި އެ މައްސަލަތަކުގެ މަޢުލޫމާތު ކޮމިޝަނާ ހިއްޞާކޮށްދިނުމަށް އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ލިޔުމުން އެދިފައިވީނަމަވެސް، އެ މަޢުލޫމާތު ކޮމިޝަނާ ހިއްޞާކޮށްދީފައިނުވާކަން ފާހަގަކުރަމެވެ. 

14. އޭސީސީއަށް ކޮރަޕްޝަންގެ ތަފާތު ބާވަތްތަކުގެ މައްސަލަތައް ހުށަހެޅޭއިރު، ހުރިހާ މައްސަލަތަކަކީ އެއް މިންގަނޑަކުން މިންކުރެވޭނެ މައްސަލަތަކެއް ނޫނެވެ. އެގޮތުން ތަފާތު ބާވަތްތަކުގެ މައްސަލަތަކާއި، ހާދިސާ ހިނގާފައިވާ ތާރީޚުތަކާއި، މައްސަލާގައި ހިމެނޭ ފައިސާގެ ކުޑަބޮޑުމިނާއި، ނިސްބަތްވާ ސަރަހައްދު އަދި އިދާރާތަކުގެ ސަބަބުން، މައްސަލަތައް ކެޓަގަރައިޒްކުރާއިރު މައްސަލަތަކުގެ ކުޑަބޮޑުމިނަށް ތަފާތުތަކެއް އަންނާނެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް އޮޑިޓު ރިޕޯޓުގައި ރިއާޔަތްކޮށްފައިނުވެއެވެ.

15. އޮޑިޓުގެ ސްކޯޕްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވާ 2 ބަޔަށް އިންސާފު ކުރާނަމަ އަދި ކޮމިޝަނުގެ ޕާރފޯމަންސް ރަނގަޅަށް ވަޒަން ކުރާނަމަ ކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކާއި އެކަންކަމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކަށާއި ތަޙުޤީޤާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިއުން ހޯދުމަށާއި މީހުން ހާޒިރުކޮށް ބަޔާންނެގުން ފަދަ ކަންކަމުގައި ހުރި ދަތިތަކަށްވެސް ރިއާޔަތް ކުރަންޖެހޭނެ ކަމުގައި ދެކެމެވެ. އަދި ތަޙުޤީޤުތަކުން ފެންނަ ކަންތައްތަކާއި ދިރާސާތަކުން ފެނި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ ގޮތުން އިދާރާތަކަށް އަންގާ އެންގުންތަކަށް އެ ފަރާތްތަކުން ޢަމަލު ކުރާގޮތާއި ކޮމިޝަނަށް އެއްބާރުލުން ލިބޭތޯ ނުވަތަ ނުލިބޭތޯ ބެލެން ޖެހޭނެއެވެ. މި ކަންކަމަށް އޮޑިޓުގައި ރިއާޔަތް ކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ.

16. ކޮރަޕްޝަނުގެ ޢަމަލުތައް މަދުކުރުމަށް އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ، ކޮރަޕްޝަން ޕްރިވެންޝަން ހަރުދަނާކުރުމެވެ. މީގެ އަހަރުތަކެއް ކުރިން ކޮރަޕްޝަނުގެ ޢަމަލުތައް ވިޔަނުދިނުމަށްޓަކައި ދުރާލާ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރެވިފައިނުވުމަކީ ޤައުމު މިއަދު މިއޮތް ޙާލަތަށް އައުމަށް މެދުވެރިވި މައިގަނޑު ސަބަބުކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، ކޮމިޝަނުގެ މިހާރުގެ އެންމެ މުހިންމު އެއް އަމާޒަކީ، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ޕްރިވެންޝަން އެޖެންޑާއެއް ތަންފީޒުކުރުމެވެ. މިފަހަކަށް އައިސް، ކޮމިޝަނުގެ ފަރާތުން ކޮރަޕްޝަންގެ ހިރާސްބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން ރިސްކް އެސެސްމަންޓުތައް ހަދައި އެ ރިސްކު އެސެސްމަންޓުތަކުގެ އަލީގައި ފާހަގަކުރެވުނު ކަންކަން އާންމުކޮށް، ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެއެވެ. އެގޮތުން، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާ ހިންގުމުގެ އެސެސްމަންޓު، ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން، މާލޭގެ ގޯއްޗާއި ޢިމާރާތް ރަޖިސްޓްރީކުރުން، ދިވެހިރާއްޖޭގެ އެސެޓް ޑިކްލަރޭޝަން ނިޒާމު ފަދަ ދިރާސާތައް ހިމެނެއެވެ. މީގެއިތުރުން، ޤައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ އެންޓި-ކޮރަޕްޝަން ޕޮލިސީއެއްގެ މަސައްކަތްވެސް މިހާރު ނިމި، އާންމުކުރެވިފައިވާއިރު، މިކަންކަމަށް އޮޑިޓުގައި ރިއާޔަތްކޮށްފައިނުވެއެވެ.

17. ތަޙުޤީޤު މަރުހަލާގައި މައިގަނޑު ގޮތެއްގައި ކުރެވޭ މަސައްކަތަކީ ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ކުށާ ގުޅިގެން، އެ ކުށް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ހޯދުމެވެ. މައްސަލައެއްގެ ތަޙުޤީޤު ނިންމައި، ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބިނާކޮށް އެ މައްސަލައިގައި ދައުވާނުކުރުމަށް ނިންމާ ކޮންމެ މައްސަލައަކީ ނަތީޖާ ނުނެރެވޭ މައްސަލަތަކެއް ނޫނެވެ. އެފަދަ އެތައް މައްސަލައެއްގައި ދައުލަތަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތް އެތަކެއް ކަމެއް ހުއްޓުވައި، މުއައްސަސާތަކުގެ ހިންގުން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ލަފާ މި ކޮމިޝަނުން ދީފައިވާނެއެވެ. އެގޮތުން، ދައުލަތަށް ގެއްލުން ލިބުމުގެ އިޙްތިމާލު އޮތްކަމަށް ބެލެވިގެން ކޮމިޝަނުން ހުއްޓުވާފައިވާ ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ 2 މައްސަލައެއްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

17.1 ސިނަމާލެ ބްރިޖު ސަރަހައްދުގައި ނިއުޕޯޓުގެ ފަރާތުން ޢިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ނިއުޕޯޓަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލާގައި، ޗާޓައިމް ޢިމާރާތް ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14,493,427.00 (ސާދަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިން ހާސް ހަތަރު ސަތޭކަ ހަތާވީސް) ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެފައިސާ ސްޓްރާޑާއަށް ނުދިނުމަށް އަންގައި، އެ ފައިސާ ދޫކުރުމުގެ ޕްރޮސެސް ހުއްޓުވާފައިވާނެއެވެ.

17.2 މެޝިން ރީޑަބަލް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ބޭނުންކުރާ ނަންބަރު ޕްލޭޓްތަކާ އެއް ފެންވަރުގެ ނަންބަރު ޕްލޭޓެއް ދިވެހިރާއްޖޭގައި ބޭނުންކުރުމަށްޓަކައި، މި ނަންބަރު ޕްލޭޓްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ކުރި އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމަށްޓަކައި، ބިޑު އެވޯޑްވެދާނެކަމަށް ބެލެވޭ އެހެން ފަރާތްތަކުގެ ބިޑުތައް ބާޠިލްކުރުމަށްފަހު ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލާގައި، އެކަން މިކޮމިޝަނުގެ ފަރާތުން ބެލިއިރު ފިޔަވަޅު އަޅަންޖެހޭކަމަށް ފާހަގަކުރެވިގެން، އެކަމާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސަށް އެންގިފައިވެއެވެ. އެގޮތުން، މިކޮމިޝަނުގެ އެންގުމާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅު އެޅުމުގެ ނަތީޖާއެއްގެ ގޮތުން އެ ޕްރޮޖެކްޓު އެވޯޑިންގ ޕްރޮސެސް ބާޠިލްކޮށް، އެ ޕްރޮޖެކްޓް ޙަވާލުކުރުމަށް ނިންމާފައިވާ އަގުކަމުގައިވާ 65,547,375.00 (ފަސްދޮޅަސް ފަސް މިލިއަން ފަސްސަތޭކަ ސާޅީސް ހަތް ހާސް ތިން ސަތޭކަ ހަތްދިހަ ފަސް) ރުފިޔާ، ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް އޮތް ފުރުޞަތު ބަންދުކުރެވުނެވެ.

18. 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީގެ ދަށުން ގާއިމްކުރެވޭ މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ވަކި ޤާނޫނީ ޝަޚުޞެއްގެ ގޮތުގައި އޭސީސީ ގާއިމްކުރިއިރު، ރާއްޖޭގައި ޤާއިމްކުރެވޭ އެންޓި-ކޮރަޕްޝަން މުއައްސަސާއަކީ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސްޓްރެޓީޖިކް 3 އަމާޒެއްގެ މައްޗަށް ބިނާކޮށް މަސްއޫލިއްޔަތު ޙަވާލުކޮށް، އެ އަމާޒުތަކަށް މަސައްކަތްކޮށް ކޮރަޕްޝަން ވިޔަނުދީ، އަދި ކޮރަޕްޝަންގެ ޢަމަލުތައް ބަލައިފިޔަވަޅު އެޅުމުގެ މަފްހޫމަށް ބިނާކޮށް ޤާއިމްކޮށްފައިވާ މުއައްސަސާއެކެވެ. މިކަން އޭސީސީގެ ޤާނޫނުން އެނގެއެވެ. އެ 3 އަމާޒަކީ، ލޯ އެންފޯސްމަންޓް، ޕްރިވެންޝަން އަދި އެޑިއުކޭޝަން އެވެ. އަދި ކޮމިޝަނުގެ ޤާނޫނުގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައްސަލަތައް ބެލުމުގެ އިތުރުން، ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ މިދެންނެވި 2 އަމާޒުގެ ދަށުން ކަނޑައަޅާފައިވާ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ނިޒާމީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ބޮޑެތި މަސްއޫލިއްޔަތުތަކެކެވެ. ނަމަވެސް މުޅި އޮޑިޓް ރިޕޯޓުން ފާހަގަކުރެވެނީ މައްސަލަ ބެލި ނަމަވެސް ދަޢުވާއެއް ނުއުފުލޭނަމަ ދެން ކޮމިޝަނުން އަދާކުރާ އެއްވެސް މަސްއޫލިއްޔަތަކީ އަހައްމިޔަތެއް ދޭންޖޭހެ މަސްއޫލިއްޔަތެއް ނޫން ގޮތަށެވެ. އެގޮތުން، ޕްރިވެންޝަން ދާއިރާއިން ކޮމިޝަނުން ކޮށްފައިވާ މުހިންމު އެތައްކަމެއް އޮޑިޓުގައި ފާހަގަކޮށްފައިނުވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމަކީ:

18.1 ބީލަމުގެ ދަޢުވަތަކާ ނުލައި ދައުލަތުގެ ބިޔަ މަޝްރޫޢުތައް ޙަވާލުކުރެވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާއަށް އިސްލާހު ގެނައުމާ ގުޅިގެން، އެ އިސްލާހާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ފާހަގަކޮށް ކަމާބެހޭ އިދާރާތަކަށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރެވުނެވެ. އަދި، ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަވާއިދުގައި ހިމެނޭ ކަންކަމަށް ބަދަލުގެނެސް 10.27 ވަނަ މާއްދާ އަލުން އިސްލާހުވެގެންދިޔުން.

18.2 ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގައި، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި ގަވާއިދަށް ޢަމަލުކުރަން ލާޒިމުނުވާ ޙާލަތްތަކެއް ބަޔާންކޮށް، ވަކި އުސޫލެއްނެތި ފައިސާ ޚަރަދުކުރުމަށް ދީފައިވާ ބާރުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެތީ، އެ މާއްދާ އިސްލާހުކުރުމަށް މިކޮމިޝަނުން ދިން ލަފައާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާ ގަވާއިދުން މިހާރު އުނިކުރެވިފައިވެއެވެ.

18.3 ކޮވިޑް19 އާ ގުޅިގެން ދައުލަތުން ކުރަމުންގެންދާ މުހިންމު ކަންކަމާއި މާލީ ޚަރަދުތައް ހިންގާގޮތާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އެކިއެކި މަސައްކަތްތައް ކުރަމުންދަނީ ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެފައިވާ މާހައުލެއްގައިކަން ދެނެގަތުމަށާއި، ނަޒާހަތްތެރިކަން ޔަޤީންކުރުމަށް އިރުޝާދުނާމާއެއް ތައްޔާރުކޮށް އާންމުކުރެވިފައިވާނެއެވެ. އަދި، މި ދެންނެވި އިރުޝާދުނަމާ އާންމުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ އިރުޝާދުނާމާގައި ފާހަގަކޮށްފައިވާ މައިގަނޑު 7 އިރުޝާދަށް ޢަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާފައިވެއެވެ.

19. ޕަރފޮމަންސް އޮޑިޓުގައި ދެވަނަ ކަމަކަށް ބަލާފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބެނުންވާ ވަސީލަތްތައް ޤާއިމްކުރެވިފައިވޭތޯއެވެ. ކޮމިޝަނުގެ ތަޙުޤީޤުތަކުގެ ކަންކަން ހިނގައިދާގޮތް ބެލިބެލުމުގައި، ކޮމިޝަނުގައި ތިބި އިންވެސްޓިގޭޓަރުންނަށް އެކަށީގެންވާ ވަރަށްވުރެ ގިނަ މައްސަލަތައް ތަޙުޤީޤުކުރަންޖެހޭކަން ފާހަގަކޮށްފައިވާއިރު، އެއީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ރިއާޔަތްކުރާއިރު އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުންކަމަށް ޤަބޫލުކުރަންޖެހެއެވެ. ކަންމިހެން އޮތްއިރު، ކޮމިޝަނަށް އިތުރު މުވައްޒަފުން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމާއި، ފާއިތުވި އަހަރުތަކުގައި އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށް އޮޑިޓަށް މަޢުލޫމާތު ދީފައިވާނެއެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން 25 މުވައްޒަފުން ހޯދުމަށް ކޮމިޝަނުން އެދިފައިވާނެއެވެ. އަދި، 2021 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން 8 މުވައްޒަފުން ހޯދުމަށް ކޮމިޝަނުން އެދިފައިވާނެއެވެ. ނަމަވެސް، ކޮމިޝަނަށް މުވައްޒަފުން ހޯދުމަށް މިދެންނެވި އަހަރުތަކުގައި ބަޖެޓު ހަމަޖައްސައިދީފައިނުވާއިރު، އޮޑިޓުގައި އެކަމަށް އެކަށީގެންވާގޮތެއްގައި ރިއާޔަތްކޮށްފައިނުވެއެވެ. އަދި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ރިކަމަންޑޭޝަންސް ދިނުމުގެ ބަދަލުގައި، ރިކަމަންޑޭޝަންސް ދީފައިވަނީވަނީ ކޮމިޝަނަށެވެ.

20. ކޮމިޝަނަށް އެކަށީގެންވާ ވަރުގެ ބޮޑު ބަޖެޓެއް ދޭކަމަށާއި، ފާއިތުވި އަހަރުތަކާ ބަލާއިރު، 2020 އަދި 2021 ވަނަ އަހަރުގައި ކޮމިޝަނަށް ދީފައިވާ ބަޖެޓަކީ ތަފާތު ބޮޑު ބަޖެޓެއްކަމަށް ބުނެ ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކުރާއިރު، މިދެންނެވި 2 އަހަރުގައި ކޮމިޝަނުގެ ބަޖެޓް އިތުރުވެފައިވަނީ މީގެކުރިން ކޮމިޝަނުގެ އިދާރާ ހިންގަމުންއައި ހުރަވީ ބިލްޑިންގ ޢިމާރާތް ބައުވެ ނުރައްކާތެރި ހާދިސާތަކެއް ހިނގުމުގެ ފުރުޞަތު އޮތުމުން، އޮފީސް ޢިމާރާތް ބަދަލުވުމާ ގުޅިގެން ޢިމާރާތުގެ ކުއްޔަށް (އަހަރެއްގެ މައްޗަށް 6.9 މިލިއަން ރުފިޔާ) ޚަރަދުކުރަން ޖެހިފައިވާތީއެވެ. އަދި، މިފަދަ ބޮޑު ކުއްޔެއްގައި އަމިއްލަ ފަރާތްތަކުގެ ޢިމާރާތެއްގައި ކޮމިޝަނުގެ އިދާރާ ހިންގުމަކީ ކޮމިޝަނުންވެސް އެދޭގޮތެއް ނޫންކަމާއި، ސަރުކާރުގެ ޢިމާރާތެއްގައި ކޮމިޝަނުގެ އޮފީހަށް ބަދަލުވުމަކީ ކޮމިޝަނުންވެސް އެންމެ ބޭނުންވާ ގޮތްކަމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެއެވެ.

21. މި އޮޑިޓްކުރުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފާއިތުވި ދައުރުގައި ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށްގެންދިއުމާއި ކޮމިޝަނުގެ ވަޞީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެފައިވާ މިންވަރަކީ ކޮބައިކަން ބެލުމަށްޓަކައި ކޮމިޝަނުގެ މިހިނގާ ދައުރު ފެށުމުގެ ކުރީގެ މުއްދަތަށް ޚާއްޞަ އޮޑިޓް ޓެސްޓްތައް ހަދައި، ކޮމިޝަނުގެ މިހިނގާ ދައުރުގައި ކޮމިޝަނުގެ ޕަރފޯމަންސްއަށް އައި ބަދަލުތައް ދެނެގަތުމަށް ބޭސްލައިންއެއް ގޮތުގައި ބޭނުންކުރާނެ "ބެންޗްމާކް"ތަކެއް ކަނޑައަޅާފައިނުވާތީ، މި ރިޕޯޓުން ކޮމިޝަނުގެ ޕަރފޯމަންސްއަށް މި ހިނގާ ދައުރުގައި އައި ބަދަލު އެނގޭކަށް ނެތެވެ.

22. ކޮމިޝަނުގެ ހިނގަމުންދާ ދައުރުގައި ތަޙުޤީޤުކުރުމުގެ މަސްއޫލިއްޔަތު އަދާކުރިގޮތުގެ ޕަރފޮމަންސް އެސެސްކުރާނަމަ، މަސައްކަތު ކުރެވިފައިވާގޮތް ބަލަންވާނީވެސް މި ދައުރުގައި ކުރެވިފައިވާ މަސައްކަތްތަކަށެވެ. ހިނގަމުންދާ ދައުރުގެ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ތަޙުޤީޤުތައް ހިންގާފައިވާ ގޮތުގެ މަޢުލޫމާތާއި، އޭގެ ކުރީ 2 އަހަރު ދުވަހުގައި ތަޙުޤީޤުތައް ހިންގާފައިވާ ގޮތަށް ބަލާއިރު، 2018 ވަނަ އަހަރުގައި 532 މައްސަލަ އަދި 2019 ވަނަ އަހަރުގައި 710 މައްސަލަ ނިންމާފައިވެއެވެ. އަދި، 2020 ވަނަ އަހަރު 961 އަދި 2021 ވަނަ އަހަރުގެ މިހާތަނަށް 761 މައްސަލަ ނިންމާފައިވެއެވެ. ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކަށް ބަލާއިރު، 2018 ވަނަ އަހަރުގައި 7 މައްސަލަ އަދި 2019 ވަނަ އަހަރުގައި 3 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އަދި، 2020 ވަނަ އަހަރު 15 އަދި 2021 ވަނަ އަހަރުގެ މިހާތަނަށް 22 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

23. އޮޑިޓު ރިޕޯޓުގައި އިސްލާހުކުރުމަށް ލަފާ ދީ، ފާހަގަކޮށްފައިވާ ކަންކަމަކީ، ކޮމިޝަނުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހަރުދަނާކުރުމަށް ކުރެވެމުންދާ ކަންކަން ކަމަށްވެފައި، އެކަން އޮޑިޓަރުންނާ ހިއްޞާކޮށްފައިވާއިރު، މިހާރުވެސް އިޞްލާޙުކުރުމަށް ކޮމިޝަނުން ކުރަމުންދާ ނުވަތަ އިސްލާހުކޮށްފައިވާ މަސައްކަތްތަކެއް އަލުން އިޞްލާޙުކުރަން ލަފާ ދީފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިކަން، ރިޕޯޓުގައި ސާފެއް ނުވެއެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިސް ވާޖިބަކަށްވީ، ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުމެވެ. މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަންކުރުމުންވެސް އެކަން ފެނިގެންދާނެއެވެ. ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި، ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފައެވެ. ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށްގެންދިއުމުގައިވެސް ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި ތަޙުޤީޤުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވެއެވެ. އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރެއެވެ. އަދި ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ކޮމިޝަނުގެ ދައުރުގައި ވޭތުވެމިދިޔަ 2 އަހަރު ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމެވެ.

           މީގެ އިތުރުންވެސް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ 50ވަނަ ބައްދަލުވުމުގައި، މި ކޮމިޝަނުގެ މެމްބަރުން އުސޫލާ ޚިލާފަށް މަސައްކަތްކުރާކަމަށް ބުނެ ހުށަހެޅުނު މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ކޮމެޓީގެ ޖަލްސާގައި، ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދާ ތަޙުޤީޤުތަކަށް އުސޫލާ ޚިލާފަށް މީހުން ހާޒިރުކުރާކަމަށާއި، ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާތައް ކޯރަމް ހަމަނުވާގޮތަށް ކުރިއަށްގެންދާކަމަށް ކޮމެޓީގައި ފާހަގަކުރައްވާފައިވެއެވެ. ކޮމިޝަނުގެ ޤާނޫނުގައި ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ތަޙުޤީޤުކުރުން ހިމެނޭއިރު، ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމުގައި ބަލަމުން ގެންދަނީ ކޮމިޝަނުގެ ޤާނޫނުނާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި، ކޮމިޝަނުގެ ތަޙުޤީޤު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު އަދި އެހެނިހެންވެސް ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށެވެ. ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރެއިން ކޮމިޝަނުގެ ތަޙުޤީޤުތައް ހިނގަމުންދާނެކަން ކޮމިޝަނުން ކަށަވަރުކުރާނެއެވެ. އަދި ކޮމިޝަނުގެ ތަޙުޤީޤުތައް ހިންގުމުގެ އިޖުރާޢަތްތައް ފުރިހަމަކުރުން ބިނާކުރާނީ، މި ދެންނެވި ޤާނޫނީ ތަރަހައިގެ ތެރޭގައެވެ. އެއްގޮތަކަށްވެސް ތުހުމަތުކުރެވޭ ފަރާތުގެ މަޤާމަށް ނުވަތަ ޙައިޞިއްޔަތަށް ބަލައިގެނެއް ނޫނެވެ. އަދި، ކޮމިޝަނުން ކަމެއް ނިންމުމަށް ބޭނުންވާ ކޮމިޝަނުގެ ޤާނޫނީ ޢަދަދު ކޮމިޝަނުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް، އެގޮތާ ކަނޑައެޅިގެން ޚިލާފަށް އެ ޖަލްސާގައި ފާޅުކުރެއްވި ޚިޔާލެއްގައި ފާހަގަކުރައްވާފައިވާތީ މިއީ ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކޮމިޝަނުގެ ޤާނޫނުން ކަނޑައަޅާފައިއޮތް ގޮތް އޮޅޭގޮތަށް އަދި ކޮމިޝަނުން ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް އެކަމަށް ފަރުވާލެއް ނެތި ފާހަގަކުރައްވާފައިވާ ކަމަކަށްވާތީ، އެކަމާމެދު ކޮމިޝަނުން ކަންބޮޑުވަމެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި، އެ މަސައްކަތުގެ ތެދުވެރިކަން މިންކުރުމަށް ބޭނުންކުރެވޭ އެއް މިންގަނޑަކީ، އެ މަސައްކަތްކުރާ މީހުންނާމެދު ނަފްރަތުވެ، އެ މަސައްކަތް ނާކާމިޔާބު ކުރުވައި، އެ މަސައްކަތްކުރާ މީހުން ބަލިކަށިކޮށްލަން މަސައްކަތްކުރާ މީހުން ގިނަވުމެވެ. މި މިންގަނޑުން ބަލާއިރު، ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަމުން މިހާތަނަށް އައިސްފައިމިވަނީ ރަނގަޅަށްކަމަށް ކޮމިޝަނުން ޤަބޫލުކުރަމެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މަސައްކަތްކުރާނީ، ސިޔާސީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ނުފޫޒު ގަދަ ފަރާތަކަށް ނުލެނބި އަދި ބެލުމެއް ނެތިއެވެ.