...

އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށާއި ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕޮލިސީ އިފްތިތާހު ކުރުމަށް ހަފްލާއެއް ބާއްވައިފި.

އިންޓަނޭޝަނަލް-އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕޮލިސީ އިފްތިތާހު ކުރުމަށް ހަފްލާއެއް ބާއްވައިފިއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ހޮސްޕިޓަލިޓީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ޚާއްސަ ހަފްލާގައި ނޭޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ ތަޢާރަފް ކޮށްދެއްވީ މި ހަފްލާގެ ޝަރަފްވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުޤައްރިރު، ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔައުޤޫބު ޢަބްދުﷲ އެވެ.

ޕޮލިސީ އިފްތިތާހު ކުރެއްވުމަށް ފަހު ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަ ފުޅުގައި  ޕޮލިސީގެ މަސައްކަތަކީ ތަޢުރީފު ޙައްޤު، ޤައުމަށް އެހާމެ މުހިއްމު މަސައްކަތެއް ކަމަށާއި މި ޕޮލިސީ ތަންފީޒު ކުރުމަށް އެ ބޭފުޅާގެ ފުރިހަމަ ތާޢީދު އަދި ޕޮލިޓިކަލް ވިލް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ޕޮލިސީ އިފްތިތާހު ކުރުމަށްފަހު އިތުރު މަޢުލޫމާތު އެރުވުމަށް ޕޮލިސީއާއި ގުޅޭ ގޮތުން ޕްރެޒެންޓޭޝަނަކާއި ވީޑިއޯ ރިޕޯޓެއް ވަނީ ހުށަހަޅާފައެވެ.އެންޓި ކޮރަފްޝަން ޕޮލިސީއަކީ ކޮރަޕްޝަނާއި ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރެވޭނެ ސިޔާސަތުތަކެއް ކަނޑައަޅައި، ކޮރަޕްޝަން ވިޔަނުދިނުމަށް އެކުލަވާލާފައިވާ ޕޮލިސީ އެކެވެ.

މި ރަސްމިއްޔާތުގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަބާންނަ ދޭހަ ފޮތް ތަޢާރަފް ކޮށްފައެވެ. މި ފޮތް ނެރެދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ޢައިޝަތު ޢަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން މި ކުރާ މަސައްކަތައް ހުރިހާ އިދާރާއަކުން އެއްބާރުލުން ބޭނުންވާ ކަމާށާއި މިނިވަން ކަމާއެކު މަސައްކަތް ކުރާނެ ޖާގަ ލިބެންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މި ފަހަކަށް އައިސް އެކި މުއައްސަސާތަކުން ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އުސޫލުތަށް ހަދާ ތަންފީޒުކުރަން ފަށާފައިވާކަމާއި އޮންލައިން ޕްލެޓްފޯމްތައް ވެސް ތަޢާރަފު ކޮށްފައިވާކަމަށް ވިދާޅުވެ އެކަންކަމަށް މަރުޙަބާ ދެންވިއެވެ.

ސަރުކާރުގެ އިދާރާތަކުގެ އިސް ވެރިންނާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް ފަރާތްތަކުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރި ވެވަޑައިގެންފައެވެ.