...

ކުރީގެ ހޯމް މިނިސްޓަރ، ޢުމަރު ނަޞީރުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި މިއަދު (07 ޑިސެންބަރު 2021)ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލާގައި މި ކޮމިޝަނުން ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު (ހ.ދޮންޖޭމުގެ / ކ.މާލެ) ގެ މައްޗަށެވެ. އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް އެދި ކޮމިޝަނުން ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތް) ގެ 513 ވަނަ މާއްދާގެ (ށ)  ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުންނެވެ.

އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ޙިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް ޢުމަރު ނަޞީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެކެވެ. އޭގެތެރެއިން ދެ  ޙިއްސާދާރުންނަކީ ޢުމަރު ނަޞީރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ ޢުމަރު ނަޞީރުގެ ކްލޯޒް އެސޯސިއޭޓުންނެވެ. އެހެންކަމުން، ސްޓެލްވާޓަކީ ޢުމަރު ނަޞީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެކެވެ. އެހެންނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް ޢުމަރު ނަޞީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި ޢުމަރު ނަޞީރު ބައިވެރިވެފައިވެއެވެ.

ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވެއެވެ. އަދިހަމައެހެންމެ، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވެއެވެ.

ހަމައެއާއެކު، ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި  އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ޢުމަރު ނަޞީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަޙްޤީޤުން ފާހަގަކުރެވެއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވެއެވެ.  

އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000.00 (ފަސްސަތޭކަހާސް ރުފިޔާ) ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން މި ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވެއެވެ. އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އެނގެއެވެ.