...

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އެންޓި ކޮރަޕްޝަން އެންޑް އިންޓެގްރިޓީ އެވެއަރނަސް ޕްރޮގްރާމް " ފަށައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މޯސްލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން "އެންޓި ކޮރަޕްޝަން އެންޑް އިންޓެގްރިޓީ އެވެއަރނަސް ޕްރޮގްރާމް " ފަށައިފިއެވެ.

މިމަހުގެ 24 އިން ފެށިގެން ޑިސެންބަރު 19 ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމު ފެށުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި 24 ވަނަ ދުވަހު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭސީސީ ގެ ރައީސް މަރްޔަމް ޝިއުނާ އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ ކޮމިޝަނަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ ޝަރީފް ބައިވެރިވެ ވަޑައިގެން ވަނީ ޕްރޮގްރާމްގެ ބައިވެރިންނަށް މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް، ކަސްޓަމްސް ސާވިސްގެ މަސައްކަތުގައި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ މުހިންމުކަމާއި، ޕްރޮގްރާމުން ލިބޭ މަޢުލޫމާތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ބާރު އަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. 

މި ރަސްމިއްޔާތަށްފަހު، މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްވެރިންނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނުގައި 56 ފަރާތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސެޝަން ނަންގަވައި ދެއްވީ އޭސީސީގެ އެޑިއުކޭޝަން ޔުނިޓްގެ ފަންނީ މުވައްޒަފުންނެވެ.  

މި ޕްރޮގްރާމުގައި ކަސްޓަމްސް ސާވިސްގެ 695 މުވައްޒަފުންނަށް ޖުމްލަ 21 ސެޝަން ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަތޮޅުތަކުގައި މަސައްކަތްކުރައްވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 97 މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ބައިވެރިވެގެންނެވެ.