...

މި އަހަރުގެ ދިވެހިބަހުގެ ދުވަސް އޭ.ސީ.ސީގައި ފާހަގަކޮށްފި.


މި އަހަރުގެ ދިވެހިބަހުގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގައި މިއަދު ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އޭ.ސީ.ސީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ މުޝީރު އަލްފާޟިލް މުޙައްމަދު ވަޙީދު (މަޑުލު)އެވެ. މި ރަސްމިއްޔާތުގައި ދުވަހުގެ މެސެޖު އިއްވުމާއި، މި އަހަރުގެ ދިވެހިބަހުގެ ޝިއާރު ކަމަށްވާ "ބުނާނީ، ލިޔާނީ ދިވެހިބަހުން" މި ޝިއާރުގެ މައްޗަށް އޭ.ސީ.ސީގެ މެންބަރުންނާއި މުވައްޒަފުން ވާހަކަފުޅުދެއްކެވިއެވެ.

ރަސްމިޔާތުގެ ޝަރަފުވެރި މެހެމާނު އަލްފާޟިލް މުޙައްމަދު ވަޙީދުގެ ވާހަކަފުޅުގައި ދިވެހި މުޖުތަމަޢުގައި ހުރި ރަނގަޅު އާދަތައް އުވިގެންދާއިރު އެ އާދަތަކާއެކު ދިވެހިބަސްވެސް އުވިގެންދާން ފަށާފައިވާކަމަށާއި، ބަސް އުވިގެންދާން މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން މިހާރުގެ ޒުވާނުން ދިވެހިބަހަށްވުރެ ބޭރުބަސްތަކަށް ދޭ ސަމާލުކަން އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވައި، ދިވެހިބަސް ކުރިއަރުވައި ދިރުވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދުވަހާގުޅޭ ގޮތުން ޝުޢޫރުފާޅުކޮށް، އޭ.ސީ.ސީގެ މުވައްޒަފުން އެ މުވައްޒަފުން ނިސްބަތްވާ އަތޮޅުތަކުގެ ބަހުރުވަތަކުން ވާހަކަ ދައްކަވާފައިވެއެވެ. ދުވަހާގުޅޭގޮތުން އޭ.ސީ.ސީގެ ފަރާތުން ވާހަކަފުޅު ދެއްކެވި ކޮމިޝަންގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާގެ ވާހަކަފުޅުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި އެމީހުންގެ ބަހާއި ސަޤާފަތަށް ދޭ އިސްކަން ރާއްޖޭގައި ދިވެހިބަހާއި ދިވެހި ސަޤާފަތަށް ދެމުންގެންދާ މަންޒަރު ފެނިގެން ނުދާކަން ފާހަގަކުރެއްވިއެވެ.