...

ރީޖަނަލް ޓްރެއިނިންގ ވޯކްޝޮޕް އޮން ފައިނެންޝިއަލް އިންވެސްޓިގޭޝަންގައި އޭ.ސީ.ސީ އިން ބައިވެރިވެއްޖެ

ރީޖަނަލް ޓްރެއިނިންގ ވޯކްޝޮޕް އޮން ފައިނެންޝިއަލް އިންވެސްޓިގޭޝަންގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ފަރާތުން ބައިވެރި ވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިސް ނަގައިގެން މިމަހުގެ 19 އިން 21 އަށް މާގިރި ހޮޓެލްގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުން އަމާޒު ކޮށްފައި ވަނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން އެޖެންސީތަކުގައި މަސައްކަތް ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރުންނަށެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ސަރަހައްދީ ޤައުމުތަކުގައި ހިނގާ ފައިނޭންޝިއަލް ކޮރަޕްޝަންގެ ކުށްތައް މަދު ކޮށް، ކުށްކުރާ ވައްޓަފާޅި ދެނެގަނެ އެ ކަންކަން ތަޙުޤީޤުކުރާ އޮފިސަރުންނަށް ކަމާބެހޭ މަޢުލޫމާތު ފޯރު ކޮށްދިނުމެވެ. އެގޮތުން ފައިނެންޝިއަލް ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ މަނީ ލޯންޑްރިންގ ފަދަ ބޮޑެތި ކުށްތައް ދެނެގަންނާނެ އުކުޅުތަކާއި އެ ކުށްތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި  ޕްރޮސެކިއުޓް ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ޔޫ.އެން.އޯ.ޑީ.ސީގެ ތަޖުރިބާކާރުން ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޭ.ސީ.ސީގެ 6 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.