...

އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންގޮސްފިއެވެ.

މިއީ އުނގެނުމާއި އުގަންނައިދިނުމުގެ ތެރެއިން ސްކޫލު މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅައި، ނަޒާހަތްތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި މި ކޮމިޝަނުން ކުރިއަށް ގެންދާ ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން މަތީޘާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

04 އޮކްޓޯބަރ 2021 ވަނަ ދުވަހު އަރަބިއްޔާ ސްކޫލުގެ ހޯލުގައި 1 ގަޑިއިރާއި 30 މިނެޓަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމުގެ އަސާސްތަކާއި، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗުތައް އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. ޖުމްލަ 34 ދަރިވަރުން ބައިވެރިވި މި ސެޝަން ނަންގަވައި ދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.