...

މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީފައިވާތީ، ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހަޅައިފި

ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާޠިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި މިއަދު (04 އޮކްޓޫބަރު 2021) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޛު ޢަލީ (ބްލޫބެލް/ ސ.ހުޅުދޫ) އާއި، ޙަމަދު ޢަބްދުލްޣަނީ (ގ.ސައިމާ/ މާލެ) އާއި، ޢަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ) އާއި، މުޙައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ) އާއި، މަރްޔަމް ސަމާޙަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ. އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް ބިޑް ހުށަހަޅާފައިވަނީ 03 ކުންފުންޏަކުންނެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާޠިލުކުރުމަށްފަހުގައެވެ. އޭގެއިތުރުން، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށްވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވެއެވެ.

ހަމައެހެންމެ، ތަހުޤީޤުން ބެލިބެލުމުން، ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެއެވެ. ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަޙްޤީޤުން އެނގެއެވެ. ވުމާއެކު، އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަޤުސަދުގައިކަން ތަޙްޤީޤަށް ސާބިތުވެއެވެ.

އަދި މި މައްސަލައަކީ 05 މާރިޗު 2020ގައި މި ކޮމިޝަނުން މައްސަލައާގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އާ ޙިއްޞާކޮށް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެކެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ މި މައްސަލަ ބަލައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑަރ ބޯޑުންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގާފައެވެ. އަދި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ޤާއިމްކޮށްފައިވާ އެ އެއްބަސްވުން 15 އެޕްރީލް 2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާޠިލްކޮށްފައެވެ.