...

ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް "ވެށިފާރަ" ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހަޅައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއަރ އަކީ އިޢުލާނު ކުރުމެއް ނެތި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރއަކާ ޙަވާލުކޮށްގެން 1,000,000‎‏ (އެއްމިލިއަން ރުފިޔާ) އަށް ޙަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށްނިންމައި، އެ މައްސަލާގައި ދަޢުވާކޮށްކޮށް ދިނުމަށް އެދި މިއަދު (28 ސެޕްޓެންބަރު 2021) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު (ހުވަދޫގެ / ގދ.ތިނަދޫ) ގެ މައްޗަށެވެ. އަދި އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއަރ) ހޯދުމުގެ މަސައްކަތް ވެމްކޯއިން ޙަވާލުކޮށްފައިވަނީ އިޢުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާކަން ފާހަގަކުރެވެއެވެ. ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު، ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުޙައްމަދު ޝިފާޢު އެވެ. އަދި ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ މުޙައްމަދު ޝިފާޢުގެ ބެލުމުގެ ދަށުންކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ. މީގެއިތުރުން، ނޮނި ސޮލިއުޝަންގެ އޯނަރ އާއި މުޙައްމަދު ޝިފާޢު އާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވެއެވެ.

ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުޞޫލާ ޚިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށްކަން ފާހަގަކުރެވެއެވެ. އެގޮތުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް އިމަޖެންސީ ރިކުއެސްޓުހަދައި ނޮނި ސޮލިއުޝަންއާ މަސައްކަތް ހަވާލުކޮށްފައިވާއިރު، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީގެ 8ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އިމަޖެންސީ ހާލަތު ސާފުކޮށް ބަޔާންކޮށްފައި ނުވެއެވެ. އަދި އެ ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ނުވެއެވެ.

ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް، އިޢުލާނުކުރުމެއްނެތި ނޮނި ސޮލިއުޝަނުން ވެމްކޯއަށް މުދާ/ޚިދުމަތް ހޯދާފައިވާކަން ފާހަގަކުރެވޭއިރު، އެ މުދާ/ޚިދުމަތަކީ އާންމުކޮށް އިއުލާންކޮށްގެން އެފަދަ މުދާ/ހިދުމަތް ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ މުދާ/ހިދުމަތް ކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ. ހަމައެހެންމެ، ވެށިފާރަ ސޮފްޓްވެއަރ އަށް ގެނެސްފައިވާ އިސްލާހުތަކާއި، އޭގެ ފަހުން ވެމްކޯއަށް މުދާ/ހިދުމަތް ހޯދުމަށް ނޮނި ސޮލިއުޝަންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

އޭގެއިތުރުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރގެ އެކައުންޓުން މުޙައްމަދު ޝިފާޢުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙްޤީޤުން އެނގެއެވެ.

އެހެންކަމުން، މި މައްސަލައިގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އަދި މުޙައްމަދު ޝިފާޢުއާ ނޮނި ސޮލިއުޝަންގެ އޯނަރއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމާއި، އަދި މި މައްސަލައިގައި މުޙައްމަދު ޝިފާޢު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަޙްޤީޤަށް ސާބިތުވެއެވެ.