...

ނޫސް ބަޔާން: ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭ

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން މިކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލާގައި، ކޮރަޕްޝަނުގެ ޢަމަލެއް ނެތްކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ދަންނަވަމެވެ.

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ، މިކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމުގައި ފާހަގަކުރަމެވެ.

ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މި މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާއިރު، އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެއެވެ. އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެއެވެ. އަދި، މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެއެވެ.

އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައިނެތްކަމަށް މިކޮމިޝަނުން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ޙަޤީޤަތަކާ ޚިލާފު ވާހަކަތަކެކެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާއިރު، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެކަން ފާހަގަކުރަމެވެ.