...

ނޫސް ބަޔާން

އޭސީސީ މެމްބަރުން ގާނޫނީ ވާޖިބު އަދާނުކުރާކަމަށް ބުނެ، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާކަމަށް ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވާތީ ދަންނަވަމެވެ.  

މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކުގައި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން ހަދަންޖެހޭ ގަވާއިދު ހަދާފައިނުވާކަމަށާއި، އެގޮތުން ކޮމިޝަނުގެ މެމްބަރުން ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށެއްކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.  

ޖިނާޢީ ކުށްތައް ތަޙުޤީޤުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައިވާ ޤާނޫނު، ޤާނޫނު ނަންބަރު 2012/16 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އަމަލުކުރަން ފެށުނީ 02 ޖުލައި 2017 ގައެވެ. މި ޤާނޫނުގެ 211 ވަނަ މާއްދާގައި ގާނޫނުގެ މަޤްސަދުތައް ޙާޞިލުކުރުމަށް ހަދަންޖެހޭ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (02 އޮކްޓޫބަރު 2017 ގައި) ހަދާ ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނު ވުޖޫދުވުމުގެ ކުރީން މި ކޮމިޝަނުން މައްސަލަތައް ތަޙުޤީޤުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާޢަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު ގަވާއިދު ނަންބަރު 2010/R-18 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޢާންމު ގަވާއިދު) (މިހާރު އުވާލެވިފައި)ގައެވެ. މި ގަވާއިދަކީ، ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރާނެ ޢާންމު އިޖުރާއާތުތައް ބަޔާންކުރާ ޤާނޫނެއް އޭރު ވުޖޫދުވެފައި ނެތްނަމަވެސް، ކޮމިޝަނުގެ ތަޙުޤީޤުތަކުގައި އެއް އުސޫލަކުން އަދި ޤާނޫނީ ހަމަތަކުގެ މަތީން ހަމަހަމަކަމާއެކު ތަހުޤީޤީ އިޖުރާއަތުތައް ކުރިއަށް ގެންދިޔުމުގެ މަޤްސަދުގައި އެކުލަވާލައި ޢަމަލުކުރަމުން އައި ގަވާއިދެކެވެ.

ޤާނޫނު ނަންބަރު 2012/16 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ވުޖޫދުވުމުން އެ ޤާނޫނުގައި ބަޔާންކުރާ މަޤްސަދުތައް ޙާޞިލްކުރުމުގެ ބޭނުމުގައްޔާއި، އެ ޤާނޫނުގެ 211 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ތަޙުޤީޤުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަޙުޤީޤުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން ޢަމަލުކުރަމުންދިޔަ ގަވާއިދު އުވާލައި މުޅީން އައު ޢާންމު ގަވާއިދެއް، ގަވާއިދު ނަންބަރު 2017/R-40  (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޢާންމު ގަވާއިދު) ގެ ނަމުގައި އެކުލަވާލެވި، 18 އެޕްރީލް 2017 ގައި ޢަމަލުކުރަން ފެށުނެވެ. އެގޮތުން، ޖީނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީވެސް އޭސީސީއެވެ. އަދި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭސީސީން ހަދަންޖެހޭ ގަވާއިދު ހަދާފައިވާކަމަށް 2017 ވަނަ އަހަރުގެ ތެރޭގައި މީޑިއާ އިން ފާހަގަކޮށްފައިވެއެވެ.  

މި ދެންނެވުނު ގަވާއިދަށް ޢަމަލުކުރަން ފަށާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހިނގަމުންދާ ދައުރުގެ މެމްބަރުން މަޤާމާ ހަވާލުވުމަށްފަހު، ކޮރަޕްޝަން ހުއްޓުމުގެ ޤާނޫނީ ނިޒާމު ރިވިއުކުރުމުގެ މަސައްކަތް ފެށި، އެ މަސައްކަތުގެ ދަށުން ކޮމިޝަނުގެ ޢާންމު ގަވާއިދު ރިވިއުކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ޚާއްސަ މަސައްކަތެއްގެ ގޮތުގައި މިހާރުވެސް ދަނީ ކުރެވެމުންނެވެ.

އެހެންކަމުން، މި ކޮމިޝަނަށް މައްސަލަހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށްބުނުމަކީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ވާހަކައެކެވެ.