...

ކުރީގެ ދެ ފިނޭންސް މިނިސްޓަރުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް "ޕުޓް-އޮޕްޝަން ރައިޓް" ހިމަނާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަޙްޤީޤު ނިންމައި، އެމައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި މިއަދު (13 އޮގަސްޓު 2020) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދުއާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރު އަދި ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެނޑް ޓްރެޜަރީ އަޙްމަދު މުނައްވަރުގެ މައްޗަށެވެ. އެގޮތުން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) 12ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 512 (ހ) ގެ ދަށުން ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ 07 ރަށްކަމަށްވާ (ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި)) ގެ ތެރެއިން ބ.ތިލަދޫ ފިޔަވައި މަތީގައި ބުނެވުނު އެހެން ރަށްތަކަކީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ ރަށްތަކެއްކަމާއި، އެ 07 ރަށުގެ ތެރެއިން ބ.ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 08 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު13/2016 ) (10 ޖުލައި 2016)) އައުމުގެ ފަހުން ކަމާއި، 

ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދޫކުރުމަށް، 04 އޮކްޓޫބަރު 2016 ގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 08 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2016 ) ގެ 05 ވަނަ މާއްދާގެ (ކ) ގެ ދަށުން ސަރުކާރަށް ލިބެނީ ސަރުކާރާއެކު ޖޮއިންޓް ވެންޗަރގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ "ވިއްކާލުމުގެ" އިޚްތިޔާރުކަމާއި، ސަރުކާރުގެ ހިއްސާ އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް އެއްވެސް އަގަކާ ނުލައި ދިނުމުގެ ބާރާއި އިޚްތިޔާރު ސަރުކާރަށް ލިބިގެން ނުވާކަމާއި، ސަރުކާރު ބައިވެރިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިޚްތިޔާރު އޮތްކަމަށް ބަޔާން ކޮށްފައިވީނަމަވެސް، އެ މާއްދާއިން ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިޚްތިޔާރު ދީފައިނުވާތީއާއި،

އިސްވެދެންނެވުނު 07 ރަށުގެ ތެރެއިން ބ.ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތުގެ ދަށުން އާންމު އިޢުލާނުކޮށްގެން ރަށްތަށް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗަރ ކުންފުނިތަކާއެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށްދޫކޮށްފައިވާ ރަށްތަކެއްކަމާއި، އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކީ އެ ޙާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުޤާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭތީއާއި،

ކ.އެނބޫދޫ ފިނޮޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (07 ފެބްރުއަރީ 2016) ގެ 15 ވަނަ މާއްދާގައާއި، ށ.ނާއިންފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (13 ޖޫން 2016) ގެ 15 ވަނަ މާއްދާގައާއި، ށ.ހުރަސްފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (13 ޖޫން 2016)ގެ 15 ވަނަ މާއްދާގައާއި، ރ.ފަސްމެންދޫއާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (14 ޖޫން 2016) ގެ 15 ވަނަ މާއްދާގައާއި، ކ.ކޮއްދިއްޕަރު (ދިއްދޫފިނޮޅު) ފަޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (29 މޭ 2016)ގެ 11 ވަނަ މާއްދާ އަދި ކ.ކޮއްދިއްޕަރު (އަމީންގިރި) ފަޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (29 މޭ 2016)ގެ 11 ވަނަ މާއްދާގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5% ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “Put-Option right” ހިމަނާފައިވާތީއާއި،

އިސްވެދެންނެވުނު ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި “Put-Option right”މާއްދާ ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮތުމުންނާއި، ޖޮއިންޓް ވެންޗަރ ކުންފުނިތަކާއެކު ސޮއިކުރެވުނު ލީސް އެގްރީމެންޓުތަކުގައި ސޮއިކުރާއިރު، ލީސް އެގްރީމެންޓުގެ ޝެޑިއުލެއްގެ ގޮތުގައި ޖޮއިންޓު ވެންޗަރ އެގްރީމެންޓު ހިމަނާފައިވާތީއާއި، ލީސް އެގްރީމެންޓުތަކުގެ ޕްރީއޭމްބަލް ނުވަތަ ބެކްރައުންޑް ބައިގެ (c) އަދި (d) ގައި ވެސް ޖޮއިންޓު ވެންޗަރ އެގްރީމެންޓަށް ޙަވާލާދީ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި “Put-Option right” މާއްދާ ހިމަނާފައިވާކަން ބަޔާންކޮށްފައި އޮންނާތީއާއި،

އިސްވެދެންނެވި އެގްރިމެންޓްތަކުގައ ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު ކަމަށްވާތީ، ޢަބްދުﷲ ޖިހާދު (ދަފްތަރު ނަންބަރު 1015) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެެއެވެ.  

ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް (04 އޮކްޓޫބަރު 2016) ގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަހްމަދު މުނައްވަރު ސޮއިކޮށްފައިވާތީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު (ދަފްތަރު ނަންބަރު ރސ13099) މައްޗަށް ދައުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެއެވެ.

އަދި، ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 26 އޮކްޓޫބަރު 2016ގައި ވެފައިވާ ލީސްއެގްރީމެންޓާއި، ށ.ހުރަސްފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 06 ސެޕްޓެންބަރު 2016ގައި ވެފައިވާ ލީސް އެގްރީމެންޓާއި، ށ.ނާއިންފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 06 ސެޕްޓެންބަރު 2016ގައި ވެފައިވާ ލީސް އެގްރީމެންޓުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ޟިރާރު ސޮއިކޮށްފައިވާތީ، ޙުސައިން ޟިރާރު (ފިނިފެންމާގެ/ ގދ.ހޯޑެއްދޫ) ގެ މައްޗަށް ދައުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެއެވެ.