...

ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް 'މަސަލަސް ރާއްޖެ' ގެ ދަށުން އޭސީސީގެ ފަރާތުން ފުވައްމުލަކު ސިޓީގައި މަޢުލޫމާތު ދީފި


ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް 'މަސަލަސް ރާއްޖެ' ގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ ފަރާތުން އިލެކްޝަސް ކޮމިޝަނާ ގުޅިގެން ފުވައްމުލަކު ސިޓީގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ނަގައިދީފިއެވެ.2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ދަށުން 2020 ފެބުރުވަރީ 21 ވީ ހުކުރު ދުވަހު 60 ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ 56 ފަރާތަށް ދެ ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުވައްމުލަކު ސިޓީގެ ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރައްވާ 62 މުވައްޒަފުންނަށާއި 18 ފުލުހުންނަށް 2020 ފެބުރުވަރީ 22 ވީ ހޮނިހިރު ދުވަހު ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.މި ސެޝަންތަކުގައި އިންތިޚާބު ތެރޭގައި ހިނގައިފާނެ ކޮރަޕްޝަންގެ ޢަމަލުތަކަށް ހޭލުންތެރިކޮށް، މިފަދަ ޢަމަލުތައް މަދުކުރުމާއި ނަޒާހަތްތެރިކަށް އިސްކުރުމުގެ މުހިންމުކަމާއި ނަޒާހަތްތެރި ކެންޑިޑޭޓުން އިޚްތިޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވައިލައިފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.

'މަސަލަސް ރާއްޖެ' ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތަކީ އިލެކްޝަންސް ކޮމިޝަނުގެ އިސްނެގުމުގެ މަތިން ތަފާތު 16 މުއައްސަސާއެއް ބައިވެރިވެގެން، ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.