...

އޭސީސީއިން މިއަހަރުގެ 3ވަނަ ކުއާޓަރގައި 371 މައްސަލަ ރަޖިސްޓްރީކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން، މިއަހަރުގެ ތިންވަނަ ކުއާޓަރގައި ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ 371 މައްސަލަ އެވެ. އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 917 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެތެރެއިން، 371 މައްސަލައަކީ 3ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 135 މައްސަލައެވެ. ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 364 މައްސަލައެވެ. 2018 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 103 މައްސަލައެވެ.އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން، ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި 27 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2018 ވަނަ އަހަރުގެ އެމުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 8 މައްސަލައެވެ. މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 41 މައްސަލަ މިއަހަރުގެ ތިންވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2018 ވަނަ އަހަރުގެ އެމުއްދަތުގައި 22 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.