...

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް – ޕްރެސް ރިލީސް (15 އޮކްޓޫބަރު 2019)

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއަކަށްވާއިރު، މިކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ތަބާވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށެވެ. އަދި އެންމެ އިސްކަމެއް ދޭނީ، މިކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ތެދުވެރިކަމާއި އާމާނާތްތެރިކަމާއެކު ކުރުންމަތީ ދެމިތިބުމެވެ. ކޮމިޝަނުގެ މަސައްކަތްތައް ބިނާވަނީ މައިގަނޑު 3 ދާއިރާއެއްގެ މައްޗަށެވެ. އެއީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމާއި، ކޮރަޕްޝަނުގެ ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވައި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުމެވެ. މިކޮމިޝަނުގެ އަމާޒަކަށް ވާނީ ތިރީގައިމިވާ މަޤުޞަދުތައް ހާޞިލްކުރެވޭނެ ވިސްނުމެއްގައި ކޮމިޝަނުގެ ސިޔާސަތުތައް އެކަށައަޅައި ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްތައް ކުރެވޭނެގޮތަށް ކަންކަން ބައްޓަންކުރުމެވެ. 1. ކޮރަޕްޝަނަށް ފުރުޞަތު ނުދިނުމުގެ ގޮތުން އެންޓި-ކޮރަޕްޝަންގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ޕަބްލިކް ސެކްޓަރގައި ތަންފީޒުކުރުން؛ 2. ކޮރަޕްޝަންގެ ކުށް މަދުކުރުމާއި ނަޒާޙަތްތެރިކަން ކުރިއެރުވުމަށްޓަކައި ޢާންމުން ހޭލުންތެރިކުރުވުމާއި ބާރުވެރިކުރުން؛3. އެންމެ އެކަށީގެންވާ ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އިދާރީ އުޞޫލުތައް ހަރުދަނާކުރުމާއި ތަންފީޒުކުރުން؛4. އޭސީސީއަކީ ކޮރަޕްޝަނާ ދެކޮޅަށް ފާރަވެރިވާ އިދާރާއެއްގެ ގޮތުގައި ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުން.ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ދުރާލާ ދެނެގަނެ އެ ދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ރިސްކް ކުޑަކުރުމެވެ. އެގޮތުން، އާންމުންނާ ގުޅުންހުރި ނުވަތަ އަސާސީ މައިގަނޑު ޚިދުމަތްތައް ދިނުމުގެ ދާއިރާތަކުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓްތައް ހަދައި އެދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން އިސްލާހުކޮށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް ހިންގުމުގެ ނިޒާމު ބައްޓަންކުރެވޭނެ ލަފާ ދިނުމަކީ، މިގޮތުން ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަމެކެވެ. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ދެނެގަތުމަށްޓަކައި މިހާރު ކުރިއަށްގެންދާ ދިރާސާތަކަށް ބަލާއިރު، ގަވަރނަންސް ސެކްޓަރއަށް އަމާޒުކޮށްގެން ގޯތިގެދޮރު ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އެސެޓް ރިކަވަރ ކުރުމުގެ ނިޒާމަށް ޚާއްޞަކޮށްގެން ރިސްކް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް މިވަގުތު ކުރިއަށް ދެއެވެ. މި ދިރާސާތަކުގެ ތެރެއިން، ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމުގެ އިތުރުން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ ދައުރު ދެނެގަނެ، ނިޒާމު ހަރުދަނާކުރުމަށް ދޭންޖެހޭ ލަފާ ކަމާބެހޭ އިދާރާތަކާ ހިއްސާކުރެވޭނެއެވެ. ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ދެނެގަނެ، އެފަދަ ކަންކަން ވިޔަނުދިނުމަށް މަސައްކަތްކުރިނަމަވެސް، ކަންބޮޑުވާންޖެހޭ މިންވަރަށް ކޮރަޕްޝަނުގެ ޢަމަލުތައް ހިންގަމުންދާކަމީ މިއަދު ދެބަސްވެވެން ނެތް ކަމެކެވެ. މިހިސާބުން އޮތް ޒިންމާއަކީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، އޭގެ ނަތީޖާއާ ހަމައަށް ވާސިލްވުމެވެ. ކޮމިޝަނަށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ކަންބޮޑުވުމަކީ ވެސް ނަތީޖާ ފެންނަން ނެތުމުނެވެ. ހިނގަމުންދާ އަހަރުގައި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް 879 ޝަކުވާއެއް ހުށަހަޅާފައިވާއިރު، ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް 120 މައްސަލައެއް ބަލަން ފަށާފައިވެއެވެ. މިމުއްދަތުގެ ތެރޭގައި 610 މައްސަލައެއް ތަޙުޤީޤުކުރުމަށް ނިންމާފައިވާއިރު، އެކަށީގެންވާ މަޢުލޫމާތު ހުށަހަޅާފައި ނުވުމުންނާއި ހުށަހަޅާފައިވާ ޝަކުވާގައި ކޮރަޕްޝަނުގެ ޢަމަލެއް ބަޔާންކޮށްފައިނުވުން ފަދަ ސަބަބުތަކާހުރެ 123 ޝަކުވާއެއް ނުބެލުމަށް ނިންމާފައިވެއެވެ. 430 މައްސަލައެއްގެ ތަޙުޤީޤު ނިންމައި، ނިންމާފައިވާ މައްސަލަތަކާ ގުޅިގެން، ދައުލަތުގެ ހިންގުމުގެ ދާއިރާގައި އިސްލާހުކުރުމަށް ފެންނަ 227 އެންގުމެއް އިދާރާތަކަށް އަންގާފައިވެއެވެ. އަދި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެންވާކަމަށް ބެލެވޭތީ 3 މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުން 12 މައްސަލައެއް އަނބުރާ ފޮނުވާފައިވެއެވެ. މިއަދާ ހަމައަށް ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގެ އަދަދަކީ 557 އެވެ.ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދުރުރާސްތާގައި ނަތީޖާ ފެނިގެންދާނެ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތެވެ. ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް މިހާރު މަސައްކަތްކުރެވެމުންދާ ގޮތަށް ބަލާއިރު، ވަކިވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވެއެވެ. ސްކޫލް ދަރިވަރުންނަށާއި، ދައުލަތުގެ މުވައްޒަފުންނާއި، އާންމުންނަކީވެސް މި އުޞޫލުން އަމާޒުކުރެވޭ ބައެއް ދާއިރާތަކެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ނަތީޖާ ބައެއްފަހަރު ކުރު މުއްދަތެއްގެ ތެރޭގައި ފެނިގެންދިޔަ ނަމަވެސް، އާންމު އުސޫލަށް ބަލާއިރު މިފަދަ ޕްރޮގްރާމްތަކުގެ ޙަޤީޤީ ނަތީޖާ ފެނިގެންދާނީ ދިގު މުއްދަތުންނެވެ. ކުރިއަށް އޮތްތަނުގައި ކޮމިޝަނުގެ އަމާޒަކީ، އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރުމެއްނެތި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވައި، އެފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ރައްޔިތުންގެ ދައުރު ހާމަކޮށްދީ، ރައްޔިތުންނާ ގުޅިގެން މިމަސައްކަތް ކުރުމެވެ. ކޮމިޝަނުން ކުރިއަށް ރަވާފައިވާ މައިގަނޑު މަސައްކަތްތަކަށް ބަލާއިރު، ކުރިއަށް އޮތް 5 އަހަރު ދުވަހަށް ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމާއި، މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގައި ނަޒާހަތްތެރިކަމުގެ ސިފަތައް ހިމެނިފައިވާ މިންވަރު ބެލުމުގެ ދިރާސާއެއް ކުރިއަށްގެންދިއުމަށާއި، ކޮމިޝަނުގެ ތަޙުޤީޤުތައް ހަރުދަނާކުރުމަށްޓަކައި ކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޤައުމީ ނުވަތަ އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑެތި މައްސަލަތަކަކީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމާނެ މައްސަލަތަކެއްގެ ގޮތުގައި ހެދުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރ ޙަސަން މަނިކު (7915330) އަށް ގުޅުއްވުން އެދެމެވެ.