...

އައްޑޫ ހައި ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގެ މަޤްޞަދުގައި ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 'ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު' ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމް އައްޑޫ ހައި ސްކޫލްގެ މުދައްރިސުންނަށް ކުރިއަށް ގެންގޮސްފިއެވެ. 2019 އޮކްޓޫބަރު 9 ވީ ބުދަ ދުވަހު ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ހައި ސްކޫލްގައެވެ. 2 ގަޑި އިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާ، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަން އަދި ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. އައްޑޫ ހައި ސްކޫލްގެ ޖުމްލަ 11 މުދައްރިސުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީ އިން ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ 'ޓްރެއިނިންގ އޮފް ޓްރެއިނަރސް' ޕްރޮގްރާމުން ތަމްރީނުވި ޓްރެއިނަރުންނެވެ.