...

ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ހިމެނޭ ކޮރަޕްޝަނުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 13 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދިފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު (މައިފޫނާ / ގދ.ވާދޫ) އާއި އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު (ހިންމިޔާ / ރ.އުނގޫފާރު) އަށެވެ.

ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ، އަދި ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަޙްމަދު ސަޢީދު މުޙައްމަދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މަޢުލޫމާތު ދީފައެވެ .މިގޮތުން، ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ދޮގު މަޢުލޫމާތު ދީފައިވެއެވެ.

އަދި، އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ވަނީ ހާމަވެފައެވެ. އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.

މި ދެ ފަރާތުގެ މައްޗަށް ޖުމްލަ ދެ ކުށެއްގެ ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، އަދި 517 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް ޢަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.