ޢާންމު ސުވާލާއި ޖަވާބު

ކޮރަޕްޝަނުގެ ޢަމަލާ ގުޅޭގޮތުން ރިޕޯޓުކުރާ ފަރާތަށް ޤާނޫނީ ޙިމާޔަތްލިބޭތަ؟

ކޮރަޕްޝަނުގެ ޢަމަލަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭ ފަރާތެއް ވާނަމަ އެ ފަރާތަކީ ޤާނޫނުން ޙިމާޔަތް ދިނުމަށް ލާޒިމުކޮށްފައިވާ ފަރާތެކެވެ.އަދި އެމަޢުލޫމާތެއް ދިން ފަރާތެއް ސިއްރުކުރަން އެދިއްޖެނަމަ ކޮންމެހެން އެނގެންޖެހޭ ފަރާތްތަކާއި އެ މައްސަލައެއްގައި ދަޢްވާކުރާ ނުވަތަ ޝަރީޢަތްކުރާ ފަރާތް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް އެމީހަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މަޢުލޫމާތެއް،އެމަޢުލޫމާތު ލިބޭ އެއްވެސް ފަރާތަކުން ހާމަކުރުމަކީ، އެކަންކުރާ ފަރާތް ކުށްވެރިވާނެ ޤާނޫނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

ރިޝްވަތުގެ ޢަމަލަކާ ގުޅޭ މަޢުލޫމާތު އެނގިހުރެމެ ގަބޫލުކުރެވޭފަދަ އުޒުރެއްނެތި،އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ކަމާބެހޭ ފަރާތަށް އެކަން ނާންގައި ހުރެއްޖެނަމަ  ދެންވާނީ ކިހިނެއް؟

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިދާނެ  މައްސަލަތަކުގެ ތެރޭގައިވާ،ރިޝްވަތުހިފުމާއި ރިޝްވަތު ދިނުމުގެ މައްސަލަތަކުގައިވާ ފަރާތަކުންކުރެ ފަރާތަކުން ރިޝްވަތު ހިފައިފިކަން ނުވަތަ ހިފަން އުޅެފިކަން ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިޝްވަތު ދީފިކަން ނުވަތަ ދޭން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ ރިޝްވަތު ހިފައިފިކަމަށް، ނުވަތަ ހިފަން އުޅޭކަމަށް،ނުވަތަ ދީފިކަމަށް،ނުވަތަ ދޭން އުޅޭކަމަށް ގަބޫލުކުރެވޭފަދަ ގޮތްތަކެއް ދިމާވެއްޖެނަމަ އެކަން އެމީހަކަށް އެނގޭ ތަފްސީލަކާއި އެކު ނާންގައި ހުރުމަކީ 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލެވިދާނެ ނުވަތަ އަރުވާލެވިދާނެ، ނުވަތަ ގޭގައި ބަންދުކުރެވިދާނެފަދަ އަދަބެއް ކަނޑައެޅިފައިވާ ކުށެކެވެ.

ކޮރަޕްޝަނުގެ ޢަމަލެއްގެ ތަޙްޤީޤަށް ނުވަތަ ޝަރީޢަތަށް، ތިމާއަށް އެނގޭ މަޢުލޫމާތެއް ދޭން އެދުމުން، އެ މަޢުލޫމާތު ފޯރުކޮށްނުދީފިނަމަ ދެންވާނީ ކިހިނެއް؟

ކޮރަޕްޝަނުގެ ޢަމަލެއްގެ ތަޙްޤީޤަށް ނުވަތަ ޝަރީޢަތަށް، ތިމާއަށް އެނގޭ މަޢުލޫމާތެއް ދޭން އެދުމުން، އެ މަޢުލޫމާތު ފޯރުކޮށްނުދިނުމަކީ ކުށެކެވެ.  އެ ކުށުގެ އަދަބަކީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

ކޮރަޕްޝަނުގެ ކުށް ކޮށްފައި އެކަމާ ގުޅޭ މަޢުލޫމާތު ކަމާގުޅޭ ފަރާތަށް ދިނުމުން އެކަމުގެ ތަޙްޤީޤު ނުހިންގާނެތަ؟

ކޮރަޕްޝަނުގެ ޢަމަލު ހިންގުމަށްފަހު ނުވަތަ އެ ޢަމަލު ހިންގުމުގައި ބައިވެރިވުމަށްފަހު އެ ޢަމަލާ ގުޅޭ މަޢުލޫމާތު ދޭ ފަރާތަކީ، ކަށިގަނޑު ފުމެލާ ފަރާތަށް ލިބޭ ޙިމާޔަތްލިބޭނެ ފަރާތެއް ނޫނެވެ. އަދި އެ ފަރާތަކުން އެ ހިންގި ކޮރަޕްޝަނުގެ ޢަމަލަކާ ގުޅޭގޮތުން ތަޙްޤީޤުކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ދޭ މަޢުލޫމާތަކީ،  ދޮގު ނުވަތަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްކަން އެނގިހުރެ، މަޢުލޫމާތުދޭނަމަވެސް އެ ފަރާތެއްގެ ނަން  ޤާނޫނީ ގޮތުން ސިއްރުކޮށްދެވޭނެތަ؟

ނޫން. ދޮގު ނުވަތަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދޭ ފަރާތެއް ސިއްރުކުރާކަށް ނުޖެހެއެވެ.

ގަސްތުގައި އެނގިހުރެމެ ދޮގު ނުވަތަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ނުވަތަ ޙަޤީޤަތް އޮޅޭފަދަ މަޢުލޫމާތެއް ދިނުމަކީ ކޮންކަހަލަ ކަމެއް؟

ކޮރަޕްޝަނުގެ ޢަމަލެއް ކޮށްފިކަމަށް ބުނެ، ދޮގު ނުވަތަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްކަން އެނގިހުރެމެ ނުވަތަ ޙަޤީޤަތް އޮޅޭފަދަ  މަޢުލޫމާތެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދިނުމަކީ އަދި އެފަދަ މަޢުލޫމާތެއް އެފަދަ ގޮތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤަކަށް ދިނުމަކީ ޤާނޫނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

ނަންހާމަނުކޮށް މައްސަލަހުށަހެޅިދާނެތަ؟

އާނ. އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަހުށަހެޅުމުގައި، އެ މައްސަލައެއް ހުށަހެޅި ފަރާތަކީ ކާކުކަން ނޭނގޭގޮތަށްވެސް މައްސަލަ ހުށަހެޅިދާނެއެވެ.

ރިޝްވަތަށް ވާނީ ހަމައެކަނި އަމިއްލައަކަށް ރިޝްވަތު ދޭ ނުވަތަ ހިފާ ހާލަތުގައި އެކަނިތަ؟

ނޫން. އަމިއްލައަކަށް ރިޝްވަތު ނުދީ ނުވަތަ ނުހިފައި، އެހެން މީހެއް މެދުވެރިކޮށް ނުވަތަ އެހެން މީހެއްގެ ފަރާތުން ރިޝްވަތު ދީ ލިބިގަތުމަކީ ވެސް ހަމަ ރިޝްވަތުގެ ޢަމަލު ހިންގުން ކަމުގައި ބެލެވެއެވެ.

މައްސަލަ ހުށަހެޅުމުގައި ވިސްނުން ބަހައްޓާނީ ކޮންކަންކަމަކާ މެދުތަ؟

ކޮރަޕްޝަންގެ ޢަމަލެއް ހިންގާ ނުވަތަ ހިންގާފައިވާ ނުވަތަ ހިންގަން އުޅޭކަމަށް ޝައްކުކުރެވޭނަމަ، އެކަން އެންގުމުގައި ތިރީގައި އަންނަނިވި ކަންކަމާމެދު ވިސްނުން ބަހައްޓާށެވެ.

  • ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ޢަމަލު ފުރިހަމައަށް ސިފަކުރެވޭތޯބެލުން
  • ކޮރަޕްޝަނުގެ ޢަމަލު ހިންގި، ހިންގަމުންދާ ނުވަތަ ހިންގަންއުޅޭ ދުވަސްވަރު އެނގޭ ވަރަކަށް (ތާރީޚު/ވަގުތު) ބުނެދިނުން
  • އެ ޢަމަލާ ގުޅޭ ގޮތުން ރިޕޯޓު ކުރާ ޢަމަލަކީ ކުރަމުންދާ ސިލްސިލާ ކަންތައްތަކެއްގެ ތެރެއިން ކަމެއްނަމަ އެކަން ބުނެދިނުން
  • ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ ޢަމަލުގައި ފައިސާގެ އެއްވެސް މިންވަރެއް ހިމެނޭކަން އެނގޭނަމަ އެ މިންވަރެއް ނުވަތަ އެ ޢަމަލުގެ ސީރިއަސްކަން ބުނެދިނުން
  • ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ޢަމަލާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ތަކެތި މައްސަލަ ހުށަހަޅާއިރު ހުށަހެޅުން
  • ކަމާ ގުޅުންހުރި މުހިންމު ކަމަށް ދެކޭ އެހެން މަޢުލޫމާތު
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުޤެތެރެއިން އަހަރެން ކޮމިޝަނަށް ހުށަހަޅާ މައްސަލައާ ގުޅުންހުރި މަޢޫލޫމާތު އެހެން ފަރާތަކަށް ލިބިދާނެތަ؟

ނުލިބޭނެއެވެ.

ތިމާއަށް އެނގޭ، އެކަމަކު އެ ޢަމަލަކީ ކޮރަޕްޝަނުގެ ޢަމަލެއްކަންތޯ ނުވަތަ ނޫންތޯ ޔަޤީންނުވާ، ނުވަތަ އެ ޢަމަލަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ ފަދަ ކަމެއްތޯ ޝައްކުވާ ހާލަތުގައި 3317410 ގުޅުއްވައިގެން އެކަން ޔަޤީންކުރައްވާށެވެ!އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×