އޭސީސީގެ 2017 ވަނަ އަހަރުގެ އަހަރު ރިޕޯޓު އާންމުކޮށް ޝާއިޢުކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭސީސީގެ 2017 ވަނަ އަހަރުގެ އަހަރު ރިޕޯޓު އާންމުކޮށް ޝާއިޢުކޮށްފި

13 Mar 2018

ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށް މިއަދުވަނީ ޝާޢިއު ކޮށްފިއެވެ. މި ރިޕޯޓުގައި، ކޮމިޝަންގެ 2017 ވަނަ އަހަރުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ ތަފްޞީލީ މަޢުލޫމާތުވަނީ ހިމަނާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތާރީޚަށް ބަލާއިރު 2017 ވަނަ އަހަރަކީ މިހާތަނަށް އެންމެ ގިނަ މައްސަލަތައް ތަޙުޤީޤުކޮށް ނިންމި އަހަރުކަން ފާހަގަކުރެވެއެވެ. އެގޮތުން، 2017 ވަނަ އަހަރު ޖުމްލަ 1326 މައްސަލައެއް ތަޙުޤީޤުކޮށް ނިންމާފައިވެއެވެ. މިއީ، 2016 ވަނަ އަހަރުގައި ނިންމާފައިވާ މައްސަލަތަކުގެ އަދަދާއަޅާ ބަލާއިރު 60 އިންސައްތައިގެ ކުރިއެރުމެކެވެ.

2017 ވަނަ އަހަރު އެއްވެސް ފަރާތަކުން ހުށަހެޅުމަކާ ނުލާ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލަތަކުގެ އަދަދުވެސްވަނީ 31 އިންސައްތަ އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރު އެއްވެސް ފަރާތަކުން ހުށަހެޅުމަކާ ނުލާ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލަތަކުގެ އަދަދަކީ 135 އެވެ.

ކޮމިޝަނުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އެ ޤާނޫނަށް ކޮމިޝަނުގެ ކަމާބެހޭ ހުރިހާ މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނުކުރުމާއި އެ ޤާނޫނާގުޅިގެން ކޮމިޝަނުގެ އާންމު ގަވާއިދަށާއި، އިންވެސްޓިގޭޝަން މެނުއަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމުގައި ބޭނުންކުރާ އުކުޅުތައް ދެނެގަނެ އެކަންކަމަށް އެޑްރެސް ކުރެވޭނެ ގޮތްތައް ހޯދުމުގެ ގޮތުން ކޮމިޝަނުގައި އިންޓެލިޖެންސް ޔުނިޓެއް ޤާއިމްކުރެވުނީވެސް ވޭތުވެދިއަ އަހަރުގެ ތެރޭގައެވެ. ހަމައެއާއެކު، ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާއާއި މުދާ އަނބުރާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުމުގެ ގޮތުން ކޮމިޝަނުގައި ލީގަލް އެންޑް އެސެޓްރިކަވަރީ ގެ ނަމުގައި ވަކި ޔުނިޓެއް ޤާއިމްކޮށް އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ކުރެވިފައިވެއެވެ.

މައްސަލަތައް ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމާއެކު އިވެލުއޭޓްކޮށް މައްސަލަތައް ތަފާތު ކެޓަގަރީތަކަށް ބަހާލާ، އިވެލުއޭޝަން މަރުހަލާގައި މައްސަލައާބެހޭ ލިޔެކިއުންތައް ހޯދާ އެ ލިޔެކިއުންތައް ދިރާސާކޮށް ފިޔަވަޅުތައް އެޅޭނެ ގޮތްތައް ވަނީ އިންތިޒާމުކުރެވިފައެވެ.

ކޮރަޕްޝަން ޕްރިވެންޝަން ދާއިރާއަށް އަމާޒުކޮށް ހިންގުނު ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ ގިނަ އިދާރާތަކުގެ ބައިވެރިވުމާއެކު ދެދުވަހުގެ މުއްދަތައްވަނީ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާއެއް ބާއްވާފައެވެ. މިއީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް ހުރި ގޮންޖެހުންތަކާމެދު ފުޅާދާއިރާއެއްގައި ޢިލްމީގޮތުން ބަހުސްކޮށް، އަވަސް ހައްލުތަކެއް ހޯދުމުގެ މަޤްޞަދުގައި ބޭއްވުނު ފުރަތަމަ މަހާސިންތާއެވެ.

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ އިދާރާތަކަށް ދިނުމުގެ ގޮތުން، ރާއްޖެއަށް އެތެރެކުރާ މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކްލިއާކުރުމާ ގުޅޭ ދިރާސާއާއި، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ ނިޒާމާ ގުޅޭ ދިރާސާގެ މަސައްކަތް 2017 ވަނަ އަހަރުގެ ތެރޭގައި ކުރެވިފައިވެއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާ ގޮތް ބެލުމަށް އިމިގްރޭޝަންގެ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާގެ މަސައްކަތްވެސް 2017 ވަނަ އަހަރު ވަނީ ނިމިފައެވެ.
މީގެ އިތުރުން، ޔޫއެންޑީޕީގެ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ލިބިގެން ފުވައްމުލަކު ސިޓީގައި ހިންގުނު ސޯޝަލް އޮޑިޓް ޕްރޮގްރާމާއި އައްޑޫ ސިޓީގައި ހިންގުނު އިންޓެގްރިޓީ ފެސްޓިވަލްއަކީ ރައްޔިތުންނާގާތައް ކޮރަޕްޝަންގެ ހުރި ގެއްލުން އުނގަންނައި ދިނުމަށް ހިންގުނު ފާހަގަކޮށްލެވޭ މުހިއްމު ޕްރޮގްރާމްތަކެކެވެ.

އަދި ބިތުފަންގި ރޭޑިއޯ ސިލްސިލާވަނީ ރޭޑިޔޯ އެޓޯލް އަދި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ހުށަހަޅާދީފައެވެ. އިތުރު ހަރަކާތްތަކުގެ ތެރެއިން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި 567 ފަރާތުން ސޮއިކުރުމާއި ދައުލަތުގެ އެކި އިދާރާތަކަށް އަމާޒުކޮށްގެން ހިންގުނު ހޭލުންތެރިކުރުމުގެ ޙަރަކާތްތަކާއި ޤައުމީ އަދި ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކޮށް ކޮރަޕްޝަންގެ ޢަމަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ފުޅާދާއިރާއެއްގައި ގިނަ ޙަރަކާތްތަކެއް ހިންގާފައިވެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ތަފްސީލްތަކާއެކު ކަނޑައަޅާފައިވާ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖްލީހަށް އޭސީސީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވަނީ ފޮނުވާފައެވެ.

ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އޭސީސީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ.

 

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ދެކުނު ސަރަހައްދީ އޮފީހުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×