އެމް.ޕީ.އެލް އަށް ބޭނުންވާ ދޯންޏެއް ގަތުމާގުޅޭ މައްސަލާގައި، އެމް.ޕީ.އެލްގެ ޕްރޮކިޔުމަންޓާ ހަވާލުވެހުރި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

އެމް.ޕީ.އެލް އަށް ބޭނުންވާ ދޯންޏެއް ގަތުމާގުޅޭ މައްސަލާގައި، އެމް.ޕީ.އެލްގެ ޕްރޮކިޔުމަންޓާ ހަވާލުވެހުރި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

28 Aug 2017

އެމް.ޕީ.އެލް އަށް ބޭނުންވާ ފެރީ ދޯންޏެއް ގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަމަށް ބުނާ މައްސަލަ ތަޙްޤީޤްކުރުމަށްފަހު އެކުންފުނީގެ ޕްރޮކިޔުމަންޓާ ހަވާލުވެހުރި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލެއާއި ތިލަފުށްޓާ ދެމެދު ފެރީއެއްގެ ގޮތުގައި ދުއްވުމަށް، އެމް.ޕީ.އެލް އިން އަމިއްލަ ފަރާތެއްގެ އަތުން 3,710,000.00 (ތިންމިލިއަން ހަތްލައްކަ ދިހަހާސް ރުފިޔާ) ރުފިޔާއަށް ފެރީ ދޯންޏެއް ގަނެފައިވެއެވެ. މި ދޯނި ގަނެފައިވަނީ “ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތްތައް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީއާއި ޤަވާއިދު” ގައިވާ ގޮތުގެ މަތިން ބީލަމަކަށް ދިއުމެއްނެތި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުން ނިންމައިގެންނެވެ.

މިދޯނި ގަތްފަހުން ދޯނި މަރާމާތުކުރުމަށްޓަކައި ތިލަފުށީގައި އޮންނަ އެމް.ޕީ.އެލްގެ ސައިޓަށް ގެންގޮސްފައިވެއެވެ. އަދި މިދޯނި މަރާމާތު ކުރުމުގެ ކަންތައް މިހާރުވެސް ކުރިއަށްދާ ކަމާއި އެންޓި- ކޮރަޕްޝަން ކޮމިޝަނުން ތިލަފުށީ ސައިޓަށްގޮސް އެ ދޯނި ބެލި ބެލުމުން ދޯނި އޮތީ ވަރަށް ބޮޑަށް ޙަލާކުވެފައިކަމާއި އެދޯންޏަކީ ވަރަށް ބައު ދޯންޏެއްކަން ފާހަގަކުރެވިފައިވެއެވެ. އަދި ދޯނީގެ މަރާމާތަށް މިހާތަނަށް 461,512.02 (ހަތަރު ލައްކަ ފަސްދޮޅަސް އެއްހާސް ފަސްސަތޭކަ ބާރަ ރުފިޔާ ދެލާރި) ޚަރަދު ކޮށްފައިވާކަންވެސް އެނގެން އޮވެއެވެ.

މީގެއިތުރުން މިމައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ބަޔާންތަކުން، އިސްވެދެންނެވުނު ދޯންޏަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ދޯންޏެއްކަމާއި، އެ ދޯނީގެ މައްސަލަތަކެއް އުޅޭކަން ފަހާގަކުރެވިފައިވަނީ އެދޯނި ގަތުމަށްފަހު މުދާއުފުލޭ އަދި ފެރީކުރެވޭ ދޯންޏަކަށް ބަދަލުކުރުމަށްޓަކައި ތިލަފުށްޓަށް ގެންދިޔަފަހުންކަން އެނގެން އޮވެއެވެ. އެހެންކަމުން ދޯނިގަނެފައިވަނީ އެ ދޯނި ގަތުމުގެ ކުރިން ދޯނީގެ ކޮންޑިޝަން ރަނގަޅަށް ބަލާފައި ނޫންކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ.

އިސްވެދެންނެވުނު ދޯންޏާ ގުޅޭގޮތުން އެމް.ޕީ.އެލްއިން ތައްޔާރުކޮށްފައިވާ އިންސްޕެކްޝަން ރިޕޯޓެއް އެމް.ޕީ.އެލްގައި ނެތްކަމާއި އެ ދޯނި ގަތުމާ ގުޅޭ މައްސަލަ ބޯޑަށް ހުށަހެޅިއިރުވެސް އެފަދަ ރިޕޯޓެއް ބޯޑަށް ހުށަހަޅާފައި ނުވާކަމާއި އަދި އެދޯނި ގަތުމަށް ނިންމައި ދޯނި އެމް.ޕީ.އެލްއާ ޙަވާލުވިފަހުންވެސް އެދޯނީގެ ރަނގަޅު އިންސްޕެކްޝަން ހަދާފައިނުވާކަން މިމައްސަލައިގައި ބަޔާންދިން ފަރާތްތަކުގެ ބަހުންނާއި ލިބިފައިވާ ލިޔެކިއުންތަކުން އެނގެން އޮވެއެވެ.

މި ދޯނި ގަތުމަށް ކޯޓޭޝަން ހޯދާފައިވަނީ ޕްރޮކިޔުމަންޓުންކަމަށް، ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް އިންކާރުކޮށްފައިވީނަމަވެސް، ދޯނީގެ ވެރިފަރާތް އެމް.ޕީ.އެލްއަށް ކޯޓޭޝަން ހުށަހަޅާފައިވަނީ އޭރު ޕްރޮކިއުމަންޓްގެ ހެޑް އަކަށްހުރި ފަރާތް ކޯޓޭޝަން ހުށަހެޅުމަށް އޭނާ ގާތު ބުނުމުންކަމަށްވާތީއާއި، ތަޙްޤީޤަށް ލިބިފައިވާ ބަޔާނަކުންވެސް އެކޯޓޭޝަން ހޯދާފައިވަނީ ޕްރޮކިޔުމަންޓުންކަން އެނގެން އޮވެއެވެ. އަދި ބޯޑުން އެއްޗެއް ގަތުމަށް ނިންމުމުން އެކަން ޕްރޮސެސްކޮށް ގަތުމުގެ ހުރިހާކަމެއް ކުރުމުގެ ޒިންމާއަކީ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ ޒިންމާއެއްކަމަށްވާތީ، އެޒިންމާއަކީ ޕްރޮކިއުމަންޓު ހިންގުމާއި ޙަވާލުވެހުރި ފަރާތުގެ ޒިންމާއެއްކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން އިސްވެދެންނެވުނު ދޯނި އިންސްޕެކްޓްކުރުމަށް އިންޖީނިއަރިންގ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފަކާއެކު ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް ދިޔަކަމަށް ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް ބުނެފައިވެއެވެ. އިންޖީނިއަރިންގ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފު އެ ދޯނި އިންސްޕެކްޓް ކުރިކަމަށް އޭނާ އިންކާރުކޮށްފައިވީނަމަވެސް، ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް އެ ދޯނި އިންސްޕެކްޓްކުރިކަން އެފަރާތުގެ އިއުތިރާފުންނާއި ކޮމިޝަނަށް ލިބިފައިވާ ބަޔާނަކުން ސާބިތުވެއެވެ. އަދި ދޯނި އިންސްޕެކްޓް ކުރިއިރު ދޯނި ހިއްލާގެންނާއި ދޯނީގެ އަޑި ފީނާގެން ބަލާފައި ނުވާކަން އެނގޭތީ ދޯނި ގަތުމުގެ ކުރިން ދޯނީގެ ޙާލަތު ރަނގަޅަށް ނުބަލައި ދޯނިގަނެފައިވާކަމަށް ބެލެވެން އޮވެއެވެ. މިކަމުގެ ސަބަބުން އެކުންފުންޏަށް މާލީ ގޮތުން ލިބުނު ގެއްލުމަކީ އިންސްޕެކްޓް ކުރުމުގައި ބައިވެރި ފަރާތްތަކުގެ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން ލިބިފައިވަ މާލީ ގެއްލުމެއްކަން ފާހަގަކުރެވެއެވެ.

އަދި އެ ދޯނި ރަނގަޅަށް އިންސްޕެކްޓްކޮށްފައިވާކަން ޔަޤީންކުރުމެއްނެތި ޕްރޮކިޔުމަންޓާއި ހަވާލުވެހުރި ފަރާތް ޕާޗޭޒް އޯޑަރ އޮތޮރައިޒްކޮށް ދޯނިގަތުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވާއިރު، ޕާޗޭޒް އޯޑަރ އޮތޮރައިޒްކުރުމުގެ ކުރިން އެދޯނީގެ ފެންވަރު ރަނގަޅުތޯ ޔަޤީންކުރުމާއި ދޯނި ރަނގަޅަށް އިންސްޕެކްޓްކުރުމަށްފަހު ޕާރޗޭޒް އޯޑަރ އޮތޮރައިޒްކުރުމަކީ ޕްރޮކިއުމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތުގެ ޒިންމާއެއްކަމަށް އެނގެން އޮވެއެވެ.

ވީމާ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލާގައި ހިމެނޭ ދޯނި ގަތް ދުވަސްވަރު އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫން) ގެ 12 ވަނަ މާއްދާގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާހޯދައި ދިނުމުގެ ދަޢުވާކޮށްދިނުމަށް އެދި، މިމައްސަލަވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×