މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އިސްފަރާތްތައް ގުޅިގެން ޑިއުޓީއަށް މަކަރުހަދައި، ވަގަށް ކާރެއް ބޭރުކުރަން އުޅޭކަމަށް ބުނާ މައްސަލަ | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އިސްފަރާތްތައް ގުޅިގެން ޑިއުޓީއަށް މަކަރުހަދައި، ވަގަށް ކާރެއް ބޭރުކުރަން އުޅޭކަމަށް ބުނާ މައްސަލަ

22 Aug 2017

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 15 ކާރު ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރި އިޢުލާނާ ގުޅިގެން ބިޑް ކާމިޔާބުކޮށްފައިވާ ޕްރައިވެޓް ކުންފުންޏަށް، މަޒްޑާ 3ގެ 15 ކާރު 226,416,00.00 (ބާވީސް މިލިއަން ހަސަތޭކަ ސާޅީސް އެއްހާސް ހަސަތޭކަ ރުފިޔާ) އަށް، ސަޕްލައިކޮށްދިނުމަށް މިނިސްޓްރީއިން ޙަވާލުކޮށްފައިވެއެވެ.

މިގޮތުން، ސިލޯނުގެ ކުންފުންޏަކުން، އިސްވެދެންނެވުނު މަސައްކަތާ ހަވާލުވި ފަރާތަށް 08 މާރިޗު 2017 ފޮނުވާފައިވާ ޕްރޮފޯމަރ އިންވޮއިސްގައި މަޒްޑާ 3 ކާރުގެ 30 ޔުނިޓަށް 261,500.00 (ދެލައްކަ ފަސްދޮޅަސް އެއްހާސް ފަސްސަތޭކަ ޑޮލަރު) އަރާނެކަމަށް ބަޔާންކޮށްފައިވާއިރު، 22 ޖޫން 2017ގައި ފޮނުވާފައިވާ އިންވޮއިސްގައި މަޒްޑާ 3 ކާރުގެ 15 ޔުނިޓަށް ޖުމްލަ އަރާނީ 117,100.00 (އެއްލައްކަ ސަތާރަހާސް އެއްސަތޭކަ ޑޮލަރު) ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބިޑް ކާމިޔާބުކުރި ކުންފުނިން ސިލޯނުގެ ކުންފުންޏަށް 22 ޖޫން 2017 ގައި 261,500.00 (ދެލައްކަ ފަސްދޮޅަސް އެއްހާސް ފަސްސަތޭކަ ޑޮލަރު) ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، އިސްވެދެންނެވުނު އިންވޮއިސްގައިވާ 117,100.00 (އެއްލައްކަ ސަތާރަހާސް އެއްސަތޭކަ ޑޮލަރު) އަކީ މުދަލުގެ އަގުކަމަށް ކަސްޓަމަށް ޤަބޫލުނުކުރެވޭތީ، ކަސްޓަމްސްގެ އާއްމު ޤަވާއިދުގެ 154 ވަނަ މާއްދާއިން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން މުދަލުގެ އަސްލު އަގު ބެލުމަށްފަހު އެ އަގު، 277,768.20 (ދެލައްކަ ހަތްދިހަ ހަތްހާސް ފަސްދޮޅަސް އަށް ޑޮލަރު ވިހިސެންޓަށް) ބަދަލުކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަގު މަތިކޮށްފައިވަނީ 277,768.20 (ދެލައްކަ ހަތްދިހަ ހަތްހާސް ފަސްދޮޅަސް އަށް ޑޮލަރު ވިހިސެންޓަށް) ކަމަށްވާއިރު، ބިޑް ކާމިޔާބުކުރި ކުންފުނިން ސިލޯނުގެ ކުންފުންޏަށް ފޮނުވާފައިވަނީ އެކުންފުނީގެ ޕްރޮޕޯމަރ އިންވްއިސްގައިވާ 261,500.00 (ދެލައްކަ ފަސްދޮޅަސް އެއްހާސް ފަސްސަތޭކަ ޑޮލަރު) ކަން ފާހަގަކުރެވެއެވެ. ވުމާއެކު، ބިޑް ކާމިޔާބުކުރި ކުންފުނިން ސިލޯނުގެ ކުންފުންޏަށް ދީފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަދަލުކުރި އަގަށްވުރެ 16268.20 (ސޯޅަހާސް ދުއިސައްތަ ފަސްދޮޅަސް އަށް ރުފިޔާ ވިހި ލާރި) މަދުންކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން ބިޑް ކާމިޔާބުކުރި ކުންފުނިން ގެނަސްފައިވާ މަޒްޑާ 3ގެ 15 ކާރުގެ އިމްޕޯޓު ޑިއުޓީއަށް 8,966,368.18 (އަށްމިލިއަން ނުވަލައްކަ ފަސްދޮޅަސްހަހާސް ތިންސަތޭކަ ފަސްދޮޅަސްއަށް ރުފިޔާ އަށާރަ ލާރި) އަރާފައިވާކަން އެނގެއެވެ. މި އިމްޕޯޓް ޑިއުޓީއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ “ޕްރައިސް ވެލުއޭޝަން އެޑްވައިސް”އިން ބޮޑުކޮށްފައިވާ އިންވޮއިސްގެ އަގުކަމަށްވާ 277,768.20 (ދެލައްކަ ހަތްދިހަ ހަތްހާސް ފަސްދޮޅަސް އަށް ޑޮލަރު ވިހިސެންޓަށް) އަށް ބަލައި ހިސާބުކޮށްފައިވާ އިމްޕޯޓު ޑިއުޓީއެއްކަން ފާހަގަކުރެވެއެވެ. އަދި އިމްޕޯޓު ޑިއުޓީއަށް އަރާފައިވާ ޖުމްލަ ފައިސާ ބިޑް ކާމިޔާބުކުރި ކުންފުނިން ކަސްޓަމްސްއަށް ދައްކާފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިމްޕޯޓު ޑިއުޓީ އާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާތީ، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ޕްރައިވެޓް ކުންފުންޏަކުން ގެނަސްފައިވާ މަޒްޑާ 3ގެ 15 ކާރުތައް އެފަރާތައް ދޫކޮށްފައިވާކަން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ތަޙުޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×