ޏ.ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި. | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ޏ.ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި.

05 Jun 2017

ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދުގެ ލައިސަންސް ހަދާދީފައިވާކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤްކުރުމަށްފަހު، ޏ.ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އަމިއްލަ ފަރާތަކުން 02 މާރިޗު 2015 އަދި 08 މާރިޗު 2015 ގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއަށް އެއްގަމު ލައިސަންސަށް އެދޭ ފޯމު ހުށަހެޅުމުން، އެއިދާރާއިން އޭނާ ހުށަހެޅި 02 ފޯމު ބަލައިގަނެ އޭނާ އަށް ލައިސަންސް ހަދައިދީފައިވާކަން ފާހަގަކުރެވެއެވެ.

އެ 2 ފޯމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ބައިގައި، 40,000/- (ސާޅީސްހާސް) ރުފިޔާ ޖޫރިމަނާކޮށް ފައިސާ ނުދައްކާ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ޕޮލިސް ސަރޖަންޓް ސޮއިކޮށް، ސްޓޭމްޕް ޖަހާފައިވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކަނީސް އެފަރާތްތަކަށް ލައިސަންސް ހަދައިދޭ އުޞޫލެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ކަނޑައެޅިފައި ނުވާކަން ތަޙްޤީޤަށް އެނގެއެވެ. އަދި އެފޯމް ބަލައިގަނެ ލައިސަންސް ހަދައިދީފައިވަނީ މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރު 4/2009 (22 ޑިސެމްބަރ 2009) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ކ) އާ ޚިލާފަށްކަން ފާހަގަކުރެވެއެވެ.

އިސްވެދެންނެވުނު 2 ފޯމް ބަލައިގަނެ، ފޯމް ހުށަހެޅި ފަރާތަށް ލައިސަންސް ހައްދަދީފައިވަނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ގެ އެންގުމުންކަމަށްވާތީ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދާދީފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ. މީގެއިތުރުން، ލައިސަންސް އަށް އެދި ހުށަހެޅި ފޯމްގައި ހުއްދަދިންކަމަށް ސޮއިކޮށްފައިވާ ފަރާތްކަމުގައިވާ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އެފޯމުގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ އެއްވެސް ކަމެއް ބަލާފައިނުވާތީ، ފޯމް ހުށަހެޅި ފަރާތަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަދި ދައުލަތަށް ގެއްލުން ލިބޭގޮތަށް ލައިސަންސް ހަދާދެވިފައިވަނީ  ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓަންޓް ޑިރެކްޓަރ މަޤާމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމުގެ ސަބަބުންކަން ފާހަގަކުރެވެއެވެ.

ވީމާ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008  (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫން ނަންބަރ 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ޏ.ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ގެ މައްޗަށް ޤާނޫން ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައެވެ.

އަދި ދައުލަތައް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޏ.ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ ގެ އަތުން  40,000/- (ސާޅީސްހާސް) ރުފިޔާ ދަޢުލަތަށް ހޯދުމުގެ ދަޢުވާކުރުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×