1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމާބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ކޮމިޝަނުން ބެލުމަށްފަހު، ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އަންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމާބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ކޮމިޝަނުން ބެލުމަށްފަހު، ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އަންގައިފި

30 May 2017

1438ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށްޓަކައި އެކަމަށް އެދޭ ފަރާތްތަކަށް ޙައްޖުކޯޓާ ދޫކުރުމަށްޓަކައި 18 އެޕްރީލް 2017 ގައި ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޙައްޖުކޯޓާ ލިބޭ ފަރާތްތައް 18 މޭ 2017ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓްގައި ނެރެފައިވާއިރު ވަކި ފަރާތްތަކަކަށް ފައިދާ ލިބޭގޮތަށް ކޯޓާ ދޫކޮށްފައިވާކަމަށް ބަޔާންކޮށް މި ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު،

1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި އާއްމުކޮށްފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު (IUL)142-C2/1/2017/34 އިޢުލާނާ ގުޅިގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުގައި ހިމެނޭ ބައިތަކާއި އެބައިތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަޢުލޫމާތު ޕްރީބިޑް މީޓިންގައި ދީފައިވާ ނަމަވެސް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައިވަނީ ޕްރީ ބިޑު މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިޔުންތަކުން އެނގޭތީއާއި، އަދި ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައެޅިއިރު ޚިދުމަތާއި ޚިދުމަތުގެ ފެންވަރުގެ ބަޔަށް ދޭން ކަނޑައަޅާފައިވާ %50 ބަހާލެވިފައިވާ ކެޓަގަރީތަކާއި އެކެޓަގަރީތަކަށް ދޭނެ ޕޮއިންޓް ޕްރީބިޑް މީޓިންގައި ދީފައިވީނަމަވެސް، ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި މި ދެންނެވި ކެޓަގަރީތަކަށް ކަނޑައެޅި ޖުމްލަ މާކްސް ސަބްކެޓަގަރީތަކަކަށް ބަހާލައިގެން ދީފައިވާއިރު އެ ސަބްކެޓަގަރީތަކަކީ ކޮބައިކަމާއި ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅި ގޮތުގެ ތަފްޞީލް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާ ޙިއްޞާކޮށްފައިނުވާކަން އެނގޭތީއާއި، އެހެންވުމުގެ ސަބަބުން، ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ބައެއް ބައިތަކުގެ މަޢުލޫމާތު ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭތީއާއި، ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައިވަނީ އެ މަޢުލޫމާތު އެފަރާތްތަކަށް ލިބިފައިނުވުމުގެ ސަބަބުން އެ މަޢުލޫމާތަކީ ހުށަހަޅަންޖެހޭ މަޢުލޫމާތުކަން ނޭނގޭތީ އެ މަޢުލޫމާތު ހުށަހަޅާފައިނުވުމުންކަން ފާހަގަކުރެވޭތީއާއި، މިކަމުގެ ސަބަބުން ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުޞަތު ގެއްލިފައިވާކަން ފާހަގަކުރެވޭތީއާއި، އަދި ބިޑުތަކަށް ޕޮއިންޓް ދެވިފައިވަނީވެސް ހަމަހަމަ އުޞޫލުންކަމަކަށް ޤަބޫލެއް ނުކުރެވޭތީއާއި، މިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ތުޙުމަތުކުރެވޭތީ، ޕްރީބިޑް މީޓިންގގައި ދީފައިވާ މަޢުލޫމާތުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ “ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑު” އަކީ އިވެލުއޭޓްކުރެވޭނެ މިންގަނޑެއް ނޫންކަމަށް ވާތީއާއި، ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގގައި ދެވުނު މަޢުލޫމާތުގައި ހިމަނާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށްވާތީއާއި،

މީގެއިތުރުން، ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިފައިކޮށްފައިވާ 09 ފަރާތުގެ ތެރެއިން 03 ފަރާތް ފިޔަވައި އަނެއް 06 ފަރާތް ޑިސްކޮލިފައިކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރަނގަޅަށް ނޫންކަން ފާހަގަކުރެވޭތީ،

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު (IUL)142-C2/1/2017/34 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށާއި ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރާއިރު އައު އިވެލުއޭޝަން ކޮމިޓީއެއް (އިވެލުއޭޝަން ކޮމިޓީގައި މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭގޮތަށް) އެކުލަވާލުމަށާއި، އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށްކަމަށާއި، އިވެލުއޭޝަން ކޮމިޓީން ފަހުން ތައްޔާރުކޮށްފައިވާ މިންގަނޑަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ހަދާފައިވާ މިންގަނޑެއްކަމަށް ތުޙުމަތުކުރެވޭތީ، އެ މިންގަނޑު ބާޠިލްކުރުމަށްފަހު އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް އިވެލުއޭޓްކުރުމަށް، މިއަދު (30 މޭ 2017 ގައި) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ވާނީ ދެންނެވިފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×