ކޮރަޕްޝަން ރޫޅާލުން | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ކޮރަޕްޝަން ރޫޅާލުން

23 Mar 2017

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ ޢާއްމު ދަތުރުފަތުރު ކުރުމުގެ ނިޒާމް ބެލެހެއްޓުމާ ހަވާލުވެފައިވާ އިދާރާ، ޕްރާގް މުނިސިޕަލް ޓްރާންސިޓް ކޮމްޕެނީއަކީ ކޮރަޕްޝަނުގެ ގިނަ ތުޙުމަތުތަކަކާ ގުޅިގެން މީހުންގެ ނަޒަރު ހުއްޓިފައިވާ އިދާރާއެކެވެ. “ވަރަށް ގިނަ އަހަރުވަންދެން މިއިދާރާ ބެލެވިފައިވީ ސިޔާސީ އިސްވެރިންނާ ޤާނޫނު ހަދާ ފަރާތްތަކަށް ލޮބީ ކުރާ މީހުން އެމީހުންގެ އަމިއްލަ ބޭނުމަށް ފައިސާ ހޯދައިދިނުމަށް އޮންނަ ދޮރަކަށް” ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ޗެކް ރިޕަބްލިކް ގޮފީގައި މަސައްކަތްކުރާ ޑޭވިޑް އޮންޑްރަކާ ކިޔާދިނެވެ.

މިކަމާ ގުޅިގެން ދެކެވޭ ވާހަކަތައް ވަރަށް ގިނައެވެ. ސިޔާސީ އިސްވެރިންނާއި ލޮބީސްޓުންނަކީ މިކުންފުނީގެ ބޯޑުގައި މަސައްކަތްކުރާ ނުވަތަ ބޯޑު މެންބަރުންނާ ގުޅިފައިވާ ބައެއްކަމުގެ ވާހަކަތަކެވެ. އަދި ބޮޑެތި ކޮންޓްރެކްޓްތައް ކުންފުނީގެ ނަމުގައި ދެމުން ދިޔައިރު ދަރަންޏާ ހެދި ކުންފުނި ދިޔައީ ބަނގުރޫޓުވަމުންނެވެ. ގިނަ މީހުން ޤަބޫލުކުރިގޮތުގައި އޮޅުވާލައިގެން މަޝްރޫޢުތަކަށް އަސްލު ޖެހޭ އަގަށްވުރެ އަގު މަތިކުރުމުގެ ޖަރީމާތަކުން ފައިދާ ނަގަމުން ދިޔައީ ވަކިބަޔެކެވެ.

ތަޙްޤީޤީ ނޫސްވެރިންނާއެކު މަސައްކަތްކޮށް ކޮރަޕްޝަނާއި ސަރުކާރުގެ ކޮންޓްރެކްޓްތަކުން ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ބަލައި އެކަންކަން ފަޅާއަރުވާލުމުގެ މަސައްކަތްތައް ޓީއައިގެ ޗެކްރިޕަބްލިކް ގޮފިން ދިޔައީ ކުރަމުންނެވެ. އެގޮތުން 2008 ވަނަ އަހަރު ކުނި ނައްތާލުމުގެ މަޝްރޫޢެއް ބޮޑު އަގުގައި އިޢުލާންކުރެވުނު އިރު ޓެކްސް ދައްކާމީހުންގެ ޖީބުން 2 ބިލިއަން އެމެރިކާ ޑޮލަރު ނަގާފައިވާކަން އެމީހުންގެ މަސައްކަތުން ހާމަކުރިއެވެ.

2010 ވަނަ އަހަރު އަލަށް ހޮވުނު ސިޓީ މޭޔަރު މަޤާމާ ހަވާލުވުމަށްފަހު ޓްރާންސްޕޯޓް އޮފީހުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތައް ހާމަކުރަން އެހީތެރިވެދިނުމަށް އެދި ޓީއައި އަށް ގުޅިއެވެ. “އޭނާ އަހަރުމެން ކައިރިން އެދުނީ އެކުންފުނީގެ އޮޑިޓެއް ކުރުމަށް. އެމީހުންގެ ކޮންޓްރެކްޓްތައް ބަލައި އޭގައިވާ އަގުތަކަކީ އޮޅުވާލައިގެން މަތިކޮށްފައިވާ އަގުތަކެއްތޯ ބަލަން.” ޑޭވިޑް ބުންޏެވެ. އަދި ޓީއައި އިން އޭނާގެ މިއެދުމަށް އިޖާބަދީ އެއޮފީހުގެ ލިޔެކިޔުން ބަލަންފެށިއެވެ. އަދި ބެލިބެލުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަރަށް އަވަހަށް ސާފުވެގެންދިޔައެވެ.

“އަހަރުމެންނަށް ފާހަގަކުރެވުނީ ބޮޑެތި މައްސަލަތަކެއް” ޑޭވިޑް ކިޔައިދިނެވެ. ” އެކުންފުނިން ނަހަމަގޮތުގައި އަގުމަތި ކުރަމުންދިޔައީ 10 އިންސައްތަ އިންނެއް ނޫން. 100 އިންސައްތަ އިންނާއި 200 އިންސައްތައިން! ބައެއް ކޮންޓްރެކްޓްތަކަކީ މުޅިން ބޭކާރު ކޮންޓްރެކްޓްތަކެއް.”

މިކަންތައްތައް ހިންގަމުން ދިޔައީ ޗެކް ރިޕަބްލިކުގައި އެކަންޏެއް ނޫނެވެ. މިގޮތަށް ސައިޕްރަސްއިން ހޮންގކޮންގއާ ހަމައަށް އަދި ވަރޖިން އައިލެންޑްސް ހިމެނޭ ގޮތަށް އުފެދިފައިވާ ބައިނަލްއަޤްވާމީ ވިއުގައެއްގެ ކުންފުނިތަކަކުން އާންމުންގެ ފައިސާ ނުޙައްޤުން ވަކި ފަރުދުންތަކެއްގެ ޖީބަށް ލަމުން ގެންދިޔަ ކަމުގެ ހެކި ޓީއައިގެ ޓީމުން ހޯދިއެވެ.

ބައެއް ޙާލަތްތަކުގައި، މިފަދަ ފަރާތްތަކަށް ލިބޭ ވަގު ފައިސާއަކީ ޢާންމުންނަށް ނޭނގި އެމީހުންނަށް ދޭ ސަބްސިޑީއެކެވެ. މިސާލަކަށް، 2013 އިން ފެށިގެން، ގަންނަ ކޮންމެ ޕްރިންޓް ޓްރެވެލް ޓިކެޓަކަށް، 17 ހޭލަރސް (ގާތްގަނޑަކަށް 1 އެމެރިކާ ޑޮލަރު) ކާކުކަން ނޭނގޭ ގޮތަށް ކެރީބިއަންގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާވެއެވެ.

މިތަހުޤީޤުތަކުން ހޯދުނު ހޯދުންތައް، ޢާންމުކުރުމުން އެ މުއައްސަސާއަށް ގިނަ ބަދަލުތަކެއް އައެވެ. އެގޮތުން މޭޔަރު ވަނީ އެތާނގެ މެނޭޖްމެންޓް ވަކިކޮށް ބޯޑުން ސިޔާސީ ފަރާތްތައް ވަކިކޮށްފައެވެ. އަދި ގިނަ ފަރާތްތަކަކާ ދެކޮޅަށް ދައުވާ އުފުލައި މިއަދާ ހަމައަށްވެސް މިމައްސަލަ ބަލަމުންދެއެވެ.

“އަހަރެން އުއްމީދުކުރަނީ ޕްރާގްގެ ރައްޔިތުންނަށްޓަކައި މިލިއަނަށްވުރެ ގިނަ ފައިސާ ސަލާމަތްކުރެވުނު. އެފައިސާއަކީ ޢާއްމުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންކުރެވޭނެ ފައިސާ.” ޑޭވިޑް ބުންޏެވެ. “މިކަމުން އަހަރުމެންނަށް ރަނގަޅު ފިލާވަޅެއް ލިބިގެން ދިޔަ – ތައްޔާރުވެގެންތިބެ، ފުރުޞަތެއް ލިބިއްޖެނަމަ އަވަހަށް އެފުރުޞަތުގެ ބޭނުން ހިފަންޖެހޭނެ. މިއީ ގިނަ ހިރާސްތަކެއް ހުރި ނުރައްކާތެރި ކަމެއް. އެހެންނަމަވެސް ދުވަސް ނިމިގެންދާއިރު ކޮންމެވެސް ކަންތައްތަކެއް ބަދަލުވެގެން ދިޔުމުން ޕްރާގްގެ ރައްޔިތުން ތިބީ ވަރަށް އުފަލުން”.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ކޮރަޕްޝަން ޑީރެއިލްޑް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×