2011 ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

2011 ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް

10 Dec 2011

މި އަހަރުގެ ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ރަށު ކައުންސިލު ގުޅިގެން ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި އެންމެހާ ރައްޔިތުންގެ މެދުގައި ކޮރަޕްޝަނުގެ ނުބައި ކަމުގެ މައްޗަށް ހޭލުންތެރި ކުރުވުމާއި އެންމެން ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ.
މި އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުން އޮތީ ގދ. ތިނަދޫގައެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނަދޫގައި ބޭއްވި ރަސްމީ ހަރަކާތްތައް ބޭއްވުނީ ޑިސެމްބަރު 9 އިން 11 އަށެވެ. މި ދުވަސް ތިނަދޫގައި ފާހަގަ ކުރީ މި އަހަރު ކޮމިޝަނަށް އެންމެގިނަ މައްސަލަ ހުށަހަޅާފައިވަނީ މި ސަރަހައްދުން ކަމަށްވާތީ އެވެ.
ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތަކެއް ރާވާ ހިންގުނެވެ. މީގެ ތެރޭގައި، ސުކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ތަސްވީރު ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމާއި، ދުވަހުގެ ޚާއްސަ ސަޕްލިމެންޓެއް ޝާއިޢު ކުރުމާއި، 9 ޑިސެމްބަރ 2011 ދުވަހުގެ ހުކުރުނަމާދުގައި ޚާއްސަ ޚުތުބާއެއް ރާއްޖޭގެ ހުރިހާ ހުކުރު ކުރާ މިސްކިތެއްގައި ކިޔުމާއި، 9 ޑިސެމްބަރ 2011 ދުވަހުގެ ހަވީރު ތިނަދޫ އަބޫބަކުރު ސުކޫލުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވުމާއި، ހަމަ އެދުވަހުގެ ރޭ ތިނަދޫ އާބާދީ މަރުކަޒުގައި ދުވަހުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމާއި، މި ރަސްމިއްޔާތުގައި ދީނީ ދަރުސް ދެއްވުމާއި، ކޮމިޝަނުގެ އައު ސުލޯގަން އިފްތިތާހް ކުރުމާއި، ދުވަހާބެހޭ ގޮތުން ޚާއްސަ ރިޕޯޓެއް “ދި ޓީވީ” މެދުވެރިކޮށް ދުރަށް ފޮނުވުމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ ޚާއްސަ މެސެޖުތަކެއް “ދި ޓީވީ” މެދުވެރިކޮށް ދެއްކުމާއި، 10 ޑިސެމްބަރ 2011 ދުވަހުގެ ރޭ ދުވަހާގުޅޭ ފޯރަމެއް ބޭއްވުމާއި ތަފާތު މީޑިޔާ ތައް މެދުވެރި ކޮށް ދުވަހާގުޅޭ ގޮތުން މައުލޫމާތު ދިނުން ހިމެނެއެވެ.
ތިނަދޫގައި ބޭއްވުނު ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އޮޑިޓަރ ޖެނެރަލް އޮނަރަބަލް ނިޔާޒު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ދީނީ ދަރުސް ދެއްވީ ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާގެ ރެކްޓަރ ފަޟީލަތުއްޝައިޚް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ.
ފޯރަމްގެ ޕެނަލުގައި ތިއްބެވީ އޮޑިޓަރ ޖެނެރަލް އޮނަރަބަލް ނިޔާޒު އިބްރާހީމާއި، ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާގެ ރެކްޓަރ ފަޟީލަތުއްޝައިޚް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، ޓްރާންސްޕެރެންސީ މޯލްޑިވްސް ގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އަލްފާޟިލް އައިމަން ރާޝީދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްޢުސްތާޒު މުޢައްވިޒު ރަޝީދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން މެމްބަރު އަލްޢުސްތާޒާ ޚަދީޖާ ރަޝީދެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިފްތިތާހް ކުރި އައު ޝިޢާރަކީ “ފުރަތަމަ ނަޒާހަތްތެރިކަން” އެވެ. ފުރަތަމަ ނަޒާހަތްތެރިކަން، މި ޝިޢާރުން ދޭހަކޮށްދެނީ ކޮންމެ ފަރުދަކަށްވެސް އެންމެ އިސްކަމަކަށް ވާންވާނީ ކޮންމެހާލެއްގައިވެސް ތެދުވެރިކަމާ އަމާނާތްތެރިކަންމަތީ ދެމިހުރުން ކަމެވެ. އަޅުގަނޑުމެންގެ ދީބުން ކޮރަޕްޝަނުގެ ވަބާ ނެތިކޮށްލުމަށްޓަކައި ނަޒާހަތްތެރިކަމުގެ ސިފަ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ހުރުން މުހިއްމެވެ.
ބައިނަލް އަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާ ހިންގި ހަރަކާތްތައް ނުހަނު ކާމިޔާބު ކަންމަތީ ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×