ސ.ގަމުގައިހުންނަ ދޫގަސްގެސްޓް ހައުސް ސިޓީހޮޓާ އެޅުމަށް އެމް.ވީ.ކޭ. މޯލްޑިވްސްއާ ޙަވާލުކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފުކަމަކަށްވާތީ، އެކަން އެގޮތަށް ނުކުރެވޭނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓަށް އަންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ސ.ގަމުގައިހުންނަ ދޫގަސްގެސްޓް ހައުސް ސިޓީހޮޓާ އެޅުމަށް އެމް.ވީ.ކޭ. މޯލްޑިވްސްއާ ޙަވާލުކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފުކަމަކަށްވާތީ، އެކަން އެގޮތަށް ނުކުރެވޭނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓަށް އަންގައިފި

06 Jun 2010

އައްޑުއަތޮޅާއި ފުވައްމުލައް ހިމެނޭ ދެކުނު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް (50 އަހަރަށް) އެމް.ވީ.ކޭ މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ ސ.ގަމުގައި ހުންނަ ދޫގަސް ގެސްޓްހައުސްއާއެކު ކަމަށާއި، އެކަން ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށްބުނެ މި ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން މި މައްސަލަ މި ކޮމިޝަނުން ބެލިބެލުމުގައި، ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގެ ދަށުން ސިޓީ ހޮޓާ އެޅުމަށް ރަށެއް ނުވަތަ ބިމެއް ދޫކުރެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރއަށް އެބިން ޙަވާލުކުރުމަށްފަހު އެ ޤާނޫނުގައިވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާއްމުކޮށް އިޢުލާނުކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް ގިނަވެގެން 25 އަހަރު ދުވަހަށް ކުއްޔަށް ކަމަށް ކަނޑައެޅިގެން ބުނެފައިވާތީއާއި، ދޫގަސް ހިމެނޭ ސަރަހައްދު އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 50 އަހަރަށް ދޫކުރުމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އާއި، 4 ވަނަ މާއްދާ އާއި، 5 ވަނަ މާއްދާ އާއި، 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާއާއި ޤާނޫނު އަސާސީގެ 250 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 7 ވަނަ މާއްދާއާ ޚިލާފަށްކަމަށް ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި އެ ގޮތުގެ މަތިން ޢަމަލުނުކުރެވޭނެކަމަށާއި، މިފަދަ ކަންތައްތައް ކުރެއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރައްވަމުން ގެންދެވުމަށް 03 ޖޫން 2010 ގައި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓަށް ވަނީ އެންގިފައެވެ.

މިކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ދެކުނު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރައްވާފައިވާ އުޞޫލަށްބަލާއިރު އިތުރަށް ތަޙްޤީޤްކޮށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އެކަންތައްތައް މި ކޮމިޝަނުން މިގެންދަނީ ތަޙްޤީޤްކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން މިކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތައް ތިރީގައި މިވަނީއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނާއި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދު:

1. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ ހެދުމަށް ރަށްރަށާއި ބިން ދޫކުރަންވާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ރިޒޯޓް ނުވަތަ ޓޫރިސްޓް ގެސްޓް ހައުސްއެއް ހިންގުމަށް ރާއްޖޭގެ އެއްވެސް ރަށެއް ނުވަތަ ބިމެއް ދޫކުރެވޭނީ ޓޫރިޒަމް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ސަރަހައްދަކުންކަމަށް މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
2. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާއްމުކޮށް އިޢުލާނުކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ. އަދި ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ހެދުމަށް ސަރުކާރުން ބިމެއް ދޫކުރާނަމަ ދޫކުރަންވާނީ، ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ދޫކުރުމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންކަމަށާއި، ޓޫރިސްޓް ރިޒޯޓްތަކާމެދު ޢަމަލުކުރުމަށް އެ ޤާނޫނުގައި ހިމަނާފައިވާ މާއްދާތައް އެފަދަ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ މައްޗަށްވެސް ހިނގާނެކަމަށް އެ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

3. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ވަނީ “ޓޫރިސްޓް ރިޒޯޓް” ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭ ގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށް، ނުވަތަ ރަށެއްގެ ތެރެއިން އެގޮތަށް ޚާއްޞަ ކޮށްފައިވާ ސަރަހައްދަކަށެވެ. އެހެންކަމުން، ސިޓީ ހޮޓާ މާނަކުރެވެނީ ޓޫރިސްޓް ރިޒޯޓްގެ ގޮތުގައެވެ.

4. ޢާއްމު އުޞޫލެއްގެ ގޮތުން ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނީ 25 އަހަރަށްކަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާއިން އެނގެއެވެ. ނަމަވެސް އިންވެސްޓްމަންޓުގެ އަގަށާއި ރިޒޯޓް ހަދާ ފެންވަރަށް ރިޢާޔަތްކޮށް 35 އަހަރަށް ދެވިދާނެކަމަށް މިޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އަދި ޓޫރިސްޓް ރިޒޯޓް ހިންގުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 50 އަހަރެވެ. ނަމަވެސް 50 އަހަރަށް ކުއްޔަށް ދޫކުރެވޭނީ ވަކި ޝަރުޠުތަކެއް ހަމަވާ ޕަބްލިކް ކުންފުންޏަކަށްކަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ން އެނގެއެވެ.

5. ރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަދެވޭނީ 25 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ހައުސިންގ މިނިސްޓްރީން ދޫގަސް ހިމެނޭ ސަރަހައްދުގެ ބިން އެމްވީކޭއަށް ދޫކުރުން.

6. ދިވެހިރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ އަގުހެޔޮ ނިޒާމަކުން ގުޅާލުމުގެ ސިޔާސަތުގެ ދަށުން 27 ނޮވެމްބަރ 2008 ގައި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްއިން ޢާއްމުކޮށްފައިވާ ނޫސްބަޔާނުގައި، ދަތުރުފަތުރުގެ ނިޒާމް ގާއިމްކޮށް ހިންގަން ގަސްދުކުރެވިފައިވަނީ އިންވެސްޓަރަށް ކޮންމެ ޓަރމިނަލެއްގައި ނުވަތަ ޓަރމިނަލް ސަރަހައްދުން، ނުވަތަ ކަނޑައެޅޭ ސަރަހައްދެއްގައި ގެސްޓްހައުސް، ފިހާރަ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްކޮށް އެމަސައްކަތުން ލިބޭ މަންފާގެ ބައެއް ދަތުރުފަތުރުގެ ނިޒާމަށް ޚަރަދުކޮށްގެންކަމަށް ބުނެފައިވެއެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 88 ވަނަ ޖަލްސާގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ހާޝިމްއާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ދަށުން ޓާމިނަލް ފެސިލިޓީޒް އާއި ސިޓީ ހޮޓާ އެޅުމަށް ބޭނުންވާ ބިންބިން 50 އަހަރަށް ކުއްޔަކާނުލާ ދޭގޮތަށް ނިންމާފައިވާކަމަށް އިޢުލާނު ކުރެވިފައިވާނެކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޢާއްމުކޮށްފައިވާ އެއްވެސް ނޫސްބަޔާނެއްގައި ނުވަތަ އިޢުލާނެއްގައިވެސް އަދި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރު: 138-TS/123/2010/09 (28 އޭޕްރީލް 2010) ސިޓީއާއެކު މިކޮމިޝަނަށް ފޮނުވާފައިވާ “ރިކުއެސްޓް ފޯ ޕްރޮޕޯސަލްސް ފޯ ފައިނޭންސް، ޑިޒައިން، ބިލްޑް، މެނޭޖް، އޮޕަރޭޓް، މެއިންޓެއިން، ރިޕެއަރ އެންޑް އަޕްގްރޭޑް އޮފް އިންޓަގްރޭޓަޑް ޕަބްލިކް ޓްރާންސްޕޯޓޭޝަން ނެޓްވަރކް އޮފް ދަ މޯލްޑިވްސް”ގައިވެސް ސިޓީ ހޮޓާ އެޅުމަށް 50 އަހަރަށް ހިލޭ ބިން ދޫކުރެވޭނެކަމަކަށް ބަޔާންކޮށްފައެއްނުވެއެވެ.
7. އިންވެސްޓަރުންނަށް ބިން ދޫކުރެވޭނީ ސިޓީ ހޮޓާ އެޅުމަށްކަން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ 27 ނޮވެމްބަރ 2008 ގެ ނޫސްބަޔާނުން އެނގެއެވެ.

8. މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ ނަންބަރު: 138-HTS(P)/MIS/2009/281 (20 އޮގަސްޓް 2009) ލިޔުމުގެ 2 ވަނަ ނަންބަރުގައި އެމްވީކޭއިން ހުށަހަޅާފައިވާގޮތުގެ މަތިން ސ.ގަމުގެ ދޫގަސް ސަރަހައްދާއި އެ ސަރަހައްދުގައިވާ ސަރުކާރުގެ އެހެން ފަރާތަކަށް ރަސްމީ ލިޔެކިޔުމަކުން ދެއްވައިފައިނެތް ޢިމާރާތްތައް ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އިން މިކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި އެމްވީކޭއާއެކު 8 އޮކްޓޯބަރ 2009 ގައި ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ބުނެފައިވާއިރު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު: 13-E1/123/2010/14 (25 އޭޕްރީލް 2010) ސިޓީގައި، ޕްރޮވިންސްތަކުގައި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ސިޓީ ހޮޓާ އެޅުމަށް ފަޅުރަށްރަށުން ބިން ދޫކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ދެކުނު ޕްރޮވިންސްގެ ޚިދުމަތް ދޭން އެއްބަސްވެފައިވާ އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސ.ގަމުގެ ދޫގަސް ހުރި ބިން ޕްރޮވިންސް އޮފީހުން ސީދާ ޓޫރިޒަމް މިނިސްޓްރީއާ ޙަވާލުކޮށްދެއްވާގޮތަށް ހަމަޖައްސަވައިދެއްވުމަށާއި، އަދި އެތަނުގެ އަގަށް އޮޑިޓަރުން ކަނޑައަޅުއްވައިފައިވާ އަގު ދިގު މުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެއްސުމަށާއި އިންވެންޓްރީގައި ހުރި ތަކެތީގެ ކަންތައް ބިން ޙަވާލުކުރުމުގެ އެގްރީމެންޓުގައި ހިމަނާގޮތަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ނިންމަވާފައިވަނީ 16 މާޗް 2010 ގައި ކަން އެނގެއެވެ. އަދި ސިޓީ ހޮޓާ އެޅުމަށް ސ.ގަމުގެ ދޫގަސްގައި ހުރި ބިން، އެމްވީކޭ ޕްރައިވެޓް ލިމިޓެޑަށް ހަމަޖެއްސުމަށްޓަކައި އެ ބިން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރަށް ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި 22 މާޗް 2010 ގައި ދަންނަވާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ސ.ގަމުގެ ދޫގަސް ހުރި ބިން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާ ޙަވާލުކުރުމަށް ނިންމަވާފައިވަނީ 8 އޮކްޓޯބަރު 2009 ގައި އެމްވީކޭ ޕްރައިވެޓް ލިމިޓެޑާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރިތާ 5 (ފަހެއް) މަސް ފަހުންކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު: 13-E1/123/2010/14 (25 އޭޕްރީލް 2010) ސިޓީއިން އެނގެއެވެ. އަދި ދިވެހި ސަރުކާރާއި އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 8 އޮކްޓޯބަރ 2009 ވަނަ ސޮއިކޮށްފައިވާ އެއްބަސްވުމަކީ، ދިވެހި ސަރުކާރުން ތައްޔާރުކުރި އާރް.އެފް.ޕީއާ އޭގައިވާ ކޮންޓްރެކްޗުއަލް ޓަރމްސް އެންޑް ކޮންޑިޝަންސް (ޝަރުޠުތަކާއި) އާއި، އެމްވީކޭއިން ހުށަހަޅާފައިވާ ޕްރޮޕޯސަލާއި، ދިވެހި ސަރުކާރުން އެފަރާތަށް ފޮނުވި ޖަވާބާއި އަދި އެޖަވާބާއެކު ކުރެވުނު އިތުރު ޝަރުޠުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްއިން މި ކޮމިޝަނަށް ފޮނުވާފައިވާ ރިޕޯޓުގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

9. ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގެ ދަށުން ސިޓީ ހޮޓާ އެޅުމަށް ރަށެއް ނުވަތަ ބިމެއް ދޫކުރެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރއަށް އެބިން ޙަވާލުކުރުމަށްފަހު އެޤާނޫނުގައިވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާއްމުކޮށް އިޢުލާނުކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް ގިނަވެގެން 25 އަހަރު ދުވަހަށް ކުއްޔަށް ކަމަށް ކަނޑައެޅިގެން ބުނެފައިވާއިރު، ދޫގަސް ހިމެނޭ ސަރަހައްދު އެމްވީކޭ ޕްރައިވެޓް ލިމިޓެޑަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްއިން ދޫކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އާއި، 4 ވަނަ މާއްދާ އާއި، 5 ވަނަ މާއްދާ އާއި، 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާއާ ޚިލާފަށްކަން ފާހަގަކުރެވިފައިވެއެވެ.

10. އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެކުނު ޕްރޮވިންސްގެ ދަތުރުފަތުރުގެ މަސައްކަތް ޙަވާލުކުރިއިރު ސ.ގަމުގެ ދޫގަސް ހިމެނޭ ސަރަހައްދުން އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ފުރިހަމަ މިނަކީ ކޮބައިކަމެއް އެނގޭކަށް ނެތެވެ. އަދި މޯލްޑިވްސް ވެލުއަރޒް ޕްރައިވެޓް ލިމިޓެޑުން 24 ޑިސެމްބަރ 2009 ގައި ތައްޔާރުކޮށްފައިވާ ވެލުއޭޝަން ރިޕޯޓުގެ 5 ވަނަ ނަންބަރުގައި އަގުކުރަން ޙަވާލުކޮށްފައިވާ ދޫގަސް ގެސްޓްހައުސް، ޖެޓީ އަދި ބިމުގެ އިން ވަކިކޮށްފައިވާކަން އަންގައިދޭ ޝަރުޢީ ލިޔުމެއް ލިބިފައިނުވާކަމަށް އިޝާރާތް ކޮށްފައިވެއެވެ.
ދޫގަސް ގެސްޓްހައުސް އާއި އެ ސަރަހައްދުގައިވާ އެހެނިހެން ޢިމާރާތްތައް ދޫކުރުން
11. ޤާނޫނު އަސާސީގެ 250 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާލަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލަންވާނީ ނުވަތަ ރަހުނު ކުރަންވާނީ ނުވަތަ ނައްތާލަންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ޤާނޫނުގައި ވާގޮތުގެ މަތީންނެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ މިޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، މިކަންކަން ކުރުމަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

12. ދޫގަސް ގެސްޓްހައުސްއާއި އެ ސަރަހައްދުގައިވާ އެހެނިހެން ޢިމާރާތްތައް އެމްވީކޭ ޕްރައިވެޓް ލިމިޓެޑަށް 8 އޮކްޓޯބަރު 2009 ގައި ދިގު މުއްދަތަކަށް ދޫކުރުމަށް ނިންމަވާފައިވަނީ އެ ޢިމާރާތްތައް އަގުކުރުމަކާ ނުލައިކަން އެނގެއެވެ. އެހެނީ، އެތަން އަގުކުރުމަށް މޯލްޑިވްސް ވެލުއަރޒް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުން އެ ޢިމާރާތްތައް އަގުކުރުމުގެ މަސައްކަތް ފަށައިފައިވަނީ 16 ޑިސެމްބަރ 2009 ގައިކަން އެތަން އަގުކޮށް މޯލްޑިވްސް ވެލުއަރޒް ޕްރައިވެޓް ލިމިޓެޑުން 24 ޑިސެމްބަރ 2009 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒްއަށް ފޮނުވާފައިވާ ވެލުއޭޝަން ރިޕޯޓުން އެނގެއެވެ. އެހެންކަމުން، 8 އޮކްޓޯބަރު 2009 ގައި އެމްވީކޭއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަދި އެމްވީކޭއިން ހުށަހަޅާފައިވާގޮތުގެ މަތިން ސ.ގަމުގެ ދޫގަސް ސަރަހައްދާއި އެ ސަރަހައްދުގައިވާ ސަރުކާރުގެ އެހެން ފަރާތަކަށް ރަސްމީ ލިޔެކިޔުމަކުން ދެއްވައިފައިނެތް ޢިމާރާތްތައް ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޭން ނިންމަވާފައިވަނީ ޤާނޫނު އަސާސީގެ 250 ވަނަ މާއްދާ އާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 7 ވަނަ މާއްދާ އާ ޚިލާފަށްކަން ފާހަގަކުރެވިފައިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×