މިނިސްޓްރީ އޮފް ހެލްތު ދޯންޏެއްކަމަށްވާ ”ކަސްތޫރި ދޯނި” މަރާމާތުކުރުމަށް ކުރި މަސައްކަތްތަކުގައި އެމިނިސްޓްރީގެ ހަތަރު ބޭފުޅުން، އެބޭފުޅުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަމަށް ބެލެވޭ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މިނިސްޓްރީ އޮފް ހެލްތު ދޯންޏެއްކަމަށްވާ ”ކަސްތޫރި ދޯނި” މަރާމާތުކުރުމަށް ކުރި މަސައްކަތްތަކުގައި އެމިނިސްޓްރީގެ ހަތަރު ބޭފުޅުން، އެބޭފުޅުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަމަށް ބެލެވޭ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

17 Feb 2010

މިނިސްޓްރީ އޮފް ހެލްތުގެ ”ކަސްތޫރި ދޯނި” މަރާމާތުކުރުމުގައި މިނިސްޓްރީ އޮފް ހެލްތްގެ ބައެއް ބޭފުޅުން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާޢިދާ ޚިލާފުވެފައިވާ ކަމަށް އެންޓި- ކޮރަޕްޝަން ބޯޑަށް ހުށަހެޅުނު މައްސަލައެއް މި ކޮމިޝަނަށް ބެލިއިރު، ތިރީގައި މިވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1- މިނިސްޓްރީ އޮފް ހެލްތްގެ “ކަސްތޫރި ދޯނި” ކިޔާ ދޯންޏެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު: FAH/2007/07 (15 އޭޕްރީލް 2007) އިޢުލާންކޮށްފައިވާއިރު، މިއިޢުލާނުގައި ފ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްއިން 19 އޭޕްރީލް 2007 ގައި މަޢުލޫމާތު ސާފުކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި، މަޢުލޫމާތު ޝީޓުގައިވާގޮތުން އެސްޓިމޭޓް ހުށަހަޅަންޖެހެނީ 3 ފޭހަކަށް ބަހާލައިގެންކަމަށާއި، އަދި އެސްޓިމޭޓް ހުށަހަޅާއިރު ކޮންމެ ފޭހަކަށް ވަކިއަގެއް، އެފޭސްގައި ހިމެނޭ މަސައްކަތު ގެ ތަފްޞީލާއެކު ހުށަހަޅާގޮތަށް ހަމަޖައްސާފައިވީނަމަވެސް ކޮންމެ ފޭސްއެއްގައި ހިމަނަންޖެހޭ ބައިތައް ތަފްޞީލުކޮށް އެނގެންނެތްކަމަށާއި، އަދި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.16 ގައިވާ ގޮތުގެމަތިން ޕޮއިންޓްދޭ އުޞޫލު ބަޔާންކޮށްފައި ނުވާކަން.

2- FAH/2007/07 (15 އޭޕްރީލް 2007) ނަންބަރު އިޢުލާނާ ގުޅިގެން ދެފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ވާއިރު އެއްފަރާތުން ހުށަހެޅި އެސްޓިމޭޓް ހުށަހަޅާފައިވަނީ ކޮންތާކަށް ކޮންތާރީޚެއްގައިކަން އެނގެން ނެތްކަމަށާއި، އެސްޓިމޭޓް ބަލައިގަތްއިރު އޮފީހުގެ އެންޓްރީ ތައްގަނޑުވެސް ޖަހާފައި ނުވާކަން.

3- ހުށަހަޅާފައިވާ އެސްޓިމޭޓްތައް ބަލައިގެންފައިވަނީ އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއިފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.17 އާ އެއްގޮތަށް އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައިކަން ލިޔުންތަކުން އެނގޭކަންނެތް ކަމަށާއި، އަދި “އަންދާސީހިސާބު ހުށަހަޅާ ފޯމް” ތައްޔާރުކޮށްފައި ނުވާކަމަށާއި، އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއިފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.19 ގެ (ބ) ގައި މަދުވެގެން ތިންފަރާތުން އަންދާސީހިސާބު ހުށަނާޅާނަމަ ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލްކޮށް އަލުން އިޢުލާންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާނަމަވެސް، މަސައްކަތްކުރުމަށް އެދި އެސްޓިމޭޓް ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާއިރު، އެސްޓިމޭޓްތައް ބާޠިލުކޮށް އަލުން އިޢުލާން ކޮށްފައިނުވާކަން.

4- ކަސްތޫރި ދޯނި މަރާމާތުކުރުމުގެ ދެވަނަ ފޭސްގެ އިޢުލާނާ ގުޅިގެން 7 ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިވީނަމަވެސް، އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމައި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.17ގައި އަންދާސީ ހިސާބުތައް ބަލައިގަންނަންވާނީ ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައިކަމަށް ބަޔާންކޮށްފައިވާއިރު، އެސްޓިމޭޓް ހުށަހެޅި ހުރިހާ ފަރާތެއް އެއް ޙާޟިރެއްގައި ސޮއިކޮށްފައިވާކަން އެނގެން ނެތްކަން.

05- ދެވަނަ ފޭސްގެ އިޢުލާނާ ގުޅިގެން 7 ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިވީނަމަވެސް އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމައި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.17ގައިވާގޮތުގެމަތިން އަންދާސީ ހިސާބުތައް ބަލައިގަންނަންވާނީ ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައިކަމަށާއި، އަދި އެސްޓިމޭޓް ހުށަހެޅި ހުރިހާ ފަރާތެއް އެއް ޙާޟިރެއްގައި ސޮއިކޮށްފައިވާކަން އެނގެން ނެތްކަމަށާއި، އަދި އެ ގަވާއިދުގެ 8.16 ގައިވާގޮތުގެމަތިން އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ އުޞޫލު ބަޔާންކޮށްފައިނުވާ ކަމަށާއި، މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.19 އަދި 8.20 އާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ނިންމިގޮތް :

1- މި މައްސަލާގައި “ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދު” ގެ 8.16 އާއި، 8.17 އާއި، 8.19ގެ (ބ) އާ ޚިލާފަށް ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ އޭރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ އިވެލުއޭޝަން ކޮމިޓީގެ 4 މެމްބަރުން ކަމަށްވާ ގ.ކޮލަމާ މުޙައްމަދު ސަލީމު އާއި، މ.ސައްކެޔޮމާގެ ފަހީމާ ޢަބްދުލްޤާދިރު އާއި، ދަފްތަރު ނަންބަރު 8740 ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު އާއި، ޢަލީ ޢާރިފު ގެމައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުން.

2- “ކަސްތޫރިދޯނި” މަރާމާތުކުރުމަށް ހުށަހެޅި ފުރަތަމަ ފޭހުގެ އެސްޓިމޭޓްތައް އިވެލުއޭޓް ކުރުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންކަމުގައިވާ ގ.ކޮލަމާ މުޙަންމަދު ސަލީމް އާއި، ހ.ފުންވިލު އިބްރާހީމް ސަމީރު އާއި، މ.ސައްކެޔޮމާގެ ފަހީމާ ޢަބްދުލްޤާދިރު އާއި، ދަފްތަރު ނަންބަރު ރސ 8740 ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން އާ 4 ބޭފުޅުން އޭރު ޢަމަލުކުރެވެމުންދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.17 އާއި، 8.19ގެ (ބ) އާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ، މި ބޭފުޅުންގެ މައްޗަށް ގަވާއިދާ ޚިލާފުވުމުގެ ކުށުގެ ދަޢުވާކުރުން.

3- ”ކަސްތޫރި ދޯނި” ގެ ދެވަނަ ފޭހުގެ މަސައްކަތަށް ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި 7 ފަރާތުގެ އެސްޓިމޭޓްތައް އެއްޙާޟިރެއްގައި ކަނޑައި ސޮއިކޮށްފައިވާކަން މިކޮމިޝަނުން ބެލިއިރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ލިޔުންތަކުން އެނގެންނެތުމާއެކު، މިއީ އޭރު ޢަމަލުކުރެވެމުންދިޔަ “ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދު”ގެ 8.16 ، 8.17 ،8.19 ،8.20 އާ ޚިލާފަށް މުޙައްމަދު ސަލީމާއި، ފަހީމާ ޢަބްދުލްޤާދިރާއި، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނާއި ޢަލީ ޢާރިފު ޢަމަލުކޮށްފައިވާތީ، މި 4 ބޭފުޅުންގެމައްޗަށް ގަވާއިދާ ޚިލާފުވުމުގެ ދަޢުވާކުރުން.
އެހެންކަމުން، މިމައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ނިންމަވައި ދެއްވުމަށް 16 ފެބްރުއަރީ 2010 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×