އިސްލާމިކް މިނިސްޓަރގެ އަނބިކަނބަލުން ފާޠިމަތު އާފިޔާ ވަޙީދުގެ ޙިއްޞާ އޮންނަގޮތަށް، ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް އެހީވާ ބޭރުގެ ދެފަރާތަކާއެކު ކުއްފުންޏެއް އުފައްދާފައިވާ މައްސަލައިގައި ފާޠިމަތު އާފިޔާ ވަޙީދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

18 Aug 2013

ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް އެހީވާ ބޭރުގެ ފަރާތަކާއެކު އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަނބިކަނބަލުން ވިޔަފާރި ކުންފުންޏެއް އުފައްދައިފި ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަނބިކަނބަލުން ފާޠިމަތު ޢާފިޔާ ވަޙީދުގެ ހިއްސާ އޮންނަގޮތަށް ބިދޭސީންގެ ދެމީހުންނާއެކު ޕިއޯގޯލްޑް ޖުވެލަރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއް 19 ޑިސެމްބަރ 2012ގައި އުފައްދާފައިވާކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ލިޔެކިޔުމުން އެނގެން އޮތުމާއި، އަދި ކުންފުނި އުފައްދާފައިވަނީ ރަންރިހީގެ ވިޔަފާރިއާއި އަގުބޮޑު މަޢުދަންގެ ވިޔަފާރި ކުރުމަށްކަމަށް ކުންފުނީގެ މެމޮރަންޑަމް އޮފް އެސޯސިއޭޝަންގައި ބުނެފައިވުމާއި، އެކުންފުނިން 25 ޑިސެމްބަރ 2012ގައި ވިޔަފާރި ފެށުމާ ބެހޭގޮތުން ބައެއް ރިސޯޓްތަކާ ވާހަކަދައްކަމުންގެންދާކަމަށް ކުންފުނީގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވުމާއި، މިބިދޭސީ ދެފަރާތުގެ ތެރެއިން އެއްފަރާތް ރާއްޖެ އައިކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން އެނގެންއޮތީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް އެހީވުމަށް ކަމަށްވެފައި، އެފަރާތާއި އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއެކު 05 ސެޕްޓެމްބަރ 2012 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގައި ބޭއްވި ބައްދަލުވުމެއްގައި، އެފަރާތުން ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ކޮންމެ މަހަކު 10,000.00 (ދިހަހާސް) ޔޫ.އެސް ޑޮލަރު ޖަމާކޮށްދޭނެކަމަށް ބުނެފައިވާތީއާއި، އަދި ސެޕްޓެމްބަރ 2012 އިން ފެށިގެން ކޮންމެ މަހަކު އެޢަދަދަށް ފައިސާ ޖަމާކޮށްދެމުން ގޮސްފައިވާތީއާއި، ފާޠިމަތު ޢާފިޔާ ވަޙީދަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމުގައި ހުރި، މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަނބިމީހާ ކަމަށްވެފައި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އަންބަކު ނުވަތަ ދައުލަތުގެ ވަޒީރެއްގެ އަންބަކު ބިދޭސީއަކާ ބައިވެރިވެގެން އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއްކުރުމަކީ ކުށެއް ކަމަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވުމާއި، އަދި ހަމަ އެ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން، އެ ޤާނޫނުގައިވާ ކުށެއްކުރަން އުޅުނު މީހަކު އެ ކުށެއްކުރި މީހަކާ އެއްފަދައިން ކުށްވެރިވާކަމަށް ބަޔާންކޮށްފައިވުމާއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ޙަވާލާދީ، ގދ.ތިނަދޫ “ސީބްރީޒް” ފާޠިމަތު ޢާފިޔާ ވަޙީދުގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްކުރަން އުޅުމުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×