މާލޭގެ ގޯއްޗެއް ޙައްޤުނޫން ފަރާތަކަށް ވިއްކާފައިވާ މައްސަލާގައި، ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު، ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި

01 Apr 2021

މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށާއި، މިފަދައިން އެ ބިން ވިއްކުމަށް ނިންމާފައިވަނީ  އެ މިނިސްޓްރީގެ ނައިބު ނާއިފު ޝައުކަތު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައިކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި 01 އޭޕްރިލް 2021 ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) އާއި، އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ)ގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިޢުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، ޢާތިފާ ޙަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، ޢާތިފާ ޙަސަނާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނައިރު، އޭރު ޢަމަލުކުރަމުން ދިޔަ، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި އެއްގޮތަށް އެބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމާ އެކަން އޭނާއަށް އެންގުމަށްފަހު، “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުންދާތީ ކަމަށްބުނެ، އެ ބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރ، ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ)  ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުންކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ.

“ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުން ދާތީވެ ޢާތިފާ ޙަސަނަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލާފައިވާއިރު، އެ ބިން ވިއްކަން އިޢުލާނުކުރި އިޢުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ޙަސަން ވަޙީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުޢާމަލާތުތައް ކޮށްފައިވަނީ ޙަސަން ވަޙީދުގެ ބެލުމުގެ ދަށުން، ޙަސަން ވަޙީދު އިސްވެހުރެކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީވެ، ޢާތިފާ ޙަސަނަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުން ދާތީނޫންކަން އޭނާ ޢަމަލުކޮށްފައިވާ ގޮތުން އެނގެއެވެ.

“ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރުމަށްފަހު، އެ އުޞޫލުގައި ބިން ވިއްކުމަށް ޙައްޤުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިޢުނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ޙައްޤުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާފަދައިން އިސްވެ ދެންނެވުނު ގޯތިން ބިން ގަތުމަށް ހުށަހެޅި ޢާތިފާ ޙަސަނާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއްފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ.

އެ ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައިވާކަން މައްސަލާގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އަދި އެ ބިން އެފަރާތަށް ވިއްކާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި ޚިލާފަށްކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި، މި މައްސަލައާ ގުޅިގެން ބަޔާން ދިން ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އެގޮތަށް އެ ދެ ފަރާތުން ޢަމަލުކޮށްފައިވުމުގެ ސަބަބުން އެ އުޞޫލުގެ ދަށުން އެ ބިން ލިބެން އޮތް ހައްޤުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ލިބިފައިވާކަން ފާހަގަކުރެއެވެ.

އަދި ޙަސަން ވަޙީދާއި ނާއިފު ޝައުކަތުގެ ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވަނީ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ ޢަމަލުތަކުގެ ސަބަބުން ވަކިފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާދީފައިވާކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×