ދަޢުލަތަށް ގެއްލުންވާގޮތަށް، 2016ވަނަ އަހަރު އެސް.ޓީ.އޯ އިން އެތެރެކޮށްފައިވާ އެޓޮކޯ ބޭހާގުޅޭ މައްސަލާގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި

17 Mar 2021

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އިން 27 މޭ 2016 ގައި އިމްޕޯޓްކުރި އެޓޮކޯ ބޭހުގެ ބެޗް ނަންބަރު  C602700ގެ ބޮޑު ބައެއް 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗެއް ޑިސެންބަރު 2018 ގައި އޯޑަރުކޮށްފައިވާކަމަށް ބުނާ މައްސަލަ، މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު (17 މާރިޗު 2021) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެސް.ޓީ.އޯގެ މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަޤާމުގައި ހުރި ޙުސައިން ޞަބާޙް (ގުލްޒާރުގެ / ސ.ހިތަދޫ) އާއި އެ ޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރ، ޙަމްދޫން ފާއިޒް (ޖިއްދާ / ޏ.ފުވައްމުލައް) ގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އިން އެޓޮވަސްޓެޓިން (Atorvastatin) ގެ ބްރޭންޑެއްކަމަށްވާ އެޓޮކޯ (Atocor) ގެ 40މގ. އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވެއެވެ. އެ ބޭހުގެ 40މގ. އަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އައު ޑޯސޭޖެއްކަމަށްވާއިރު، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގޭކަށް ނެތެވެ.

ހަމައެހެންމެ، އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހިގެން ގެންނަ ބަލިމީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއްކަމަށާއި ޢާއްމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10މގ. އަދި 20މގ. ކަމަށްވާތީ 40މގ. ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެކަމަށް ތަޙުޤީޤަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާކަމާއި، އެއީ ޢާއްމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލީމީހުން ބޭނުންކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯސޭޖެއް ނޫންކަން ކޮމިޝަނުގެ ތަޙްޤީޤަށް ވަނީ އެނގިފައެވެ.  

އަދި، ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އަށް ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާކަމާއި، އެގޮތުން، އެސް.ޓީ.އޯއިން 2016 ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2,928,487.45ރ. (ދެމިލިއަން ނުވަސަތޭކަ އަށާވީސްހާސް ހަތަރުސަތޭކަ އަށްޑިހަހަތް ރުފިޔާ ސާޅީސްފަސް ލާރި) ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގްރީމަންޓްގައި ފޯކާސްޓްކޮށްފައިވާ ޢަދަދާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓުން ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައިވާކަން އެނގެއެވެ. ހަމައެހެންމެ، އެއީ، އޭރު އެސް.ޓީ.އޯއިން ޢާންމުކޮށް، ގަންނަމުންދިޔަ އެޓޮވަސްޓެޓިންގެ އެހެން ބްރޭންޑެއްކަމަށްވާ އެޓޮރިންގެ 20މގ. ގެނައި އެވަރެޖް ޢަދަދަށްވުރެ ގިނަ ޢަދަދެއްކަން ވެސް އެނގެއެވެ.

2016 ގައި އެޓޮކޯގެ 20މގ. އާއި 10މގ. ވެސް އޯޑަރުކޮށްފައިވާއިރު، 20މގ. އަށްވުރެ ގިނައިން 40މގ. ގެނެސްފައިވެއެވެ. އަދި  40މގ. ގެ ބެޗުން ވިކުނީ ގެނައި ޢަދަދުގެ %5 އަށްވުރެ ކުޑަ ޢަދަދެއްކަން ފާހަގަކުރެވޭއިރު، މާރިޗު 2018 އަށް އެ ބެޗްގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި މާކެޓިންގގެ ބޭނުމަށްކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40މގ. ގެ ގިނަ ޢަދަދެއްގެ ބޭސް ރިޒަރވްކޮށްފައިވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސް.ޓީ.އޯއަށް 2,787,457.13ރ. (ދެމިލިއަން ހަތްސަތޭކައައްޑިހަ ހަތްހާސް ހަތަރުސަތޭކަ ފަންސާސްހަތް ރުފިޔާ ތޭރަ ލާރި) ގެ ގެއްލުންވެފައިވެއެވެ.  

2016 ގައި ގެނައި އެޓޮކޯގެ 40މގ. ގެ ބެޗްގެ މުއްދަތު 2018 ގައި ހަމަވިފަހުން އެކިފަހަރު މަތިން ބަހާލައިގެންކަން ފާހަގަކުރެވެއެވެ. އެގޮތުން، އޮކްޓޫބަރު 2018 އިން ފެބުރުވަރީ 2020 ގެ ނިޔަލަށް އެ ބެޗް ގެނައުމަށް ޖުމުލަ 266,842.48ރ. (ދެލައްކަ ފަސްދޮޅަސްހަހާސް އަށްސަތޭކަސާޅީސްދެ ރުފިޔާ ސާޅީސްއަށް ލާރި) ޚަރަދުކޮށްފައިވާކަމާއި، 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭކަން ވަނީ ފާހަގަކުރެވިފައެވެ. ހަމައެހެންމެ، 2016 ގެ ބެޗުން ވިކުނު ޢަދަދުތަކަށާއި 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ ޢަދަދުތަކަށް ބެލުމުން، 2018 އިން ފެށިގެން އެސް.ޓީ.އޯއިން ގެނެސްފައިވާ އެ ބޭހުގެ ޢަދަދުތަކަކީ ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ޑިމާންޑް އޮތްވަރުކަން އެނގެއެވެ. އެހެންކަމުން، 2016 ގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އޯޑަރުކޮށް ގެނެސްފައިވަނީ ރާއްޖޭގައި އެ ބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރަށްކަން ފާހަގަކުރެވެއެވެ. އިސްވެފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، އެސް.ޓީ.އޯގެ މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަޤާމުގައި ހުރި ޙުސައިން ޞަބާޙް (ގުލްޒާރުގެ / ސ.ހިތަދޫ) އާއި، އެ ޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރ ޙަމްދޫން ފާއިޒް (ޖިއްދާ / ޏ.ފުވައްމުލައް) މި މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×