“ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މައްސަލައިގައި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރަށް ދައުވާކުރުމަށް ފޮނުވައިފި

08 Feb 2021

“ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މިއަދު (08 ފެބްރުވަރީ 2020) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަދި އެ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓާއި ސިޔާސީގޮތުން ހަވާލުވެހުރި އިބްރާހީމް ނަޡީމް، (މއ.އެލީޒިއަމް / ކ.މާލެ) ގެ މައްޗަށެވެ. މި މައްސަލައިގައި އިބްރާހީމް ނަޡީމްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައިވަނީ ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން ކަމަށްވީނަމަވެސް، ފަހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެންގުމުގެމަތިން ހއ.ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނަސްފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގެން އޮވެއެވެ. އަދި، މިނިސްޓްރީގެ ފަރާތުންވެސް ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުޙަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޡީމް ބައިވެރިވެފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވެއެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކޮށްފައިވާއިރު، ޔުނިޓްތައް ދޫކޮށްފައިވަނީ ހަދާފައިވާ އިވެލުއޭޝަންއާ ޚިލާފަށްކަމަށާއި، އަދި އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގެން އޮވެއެވެ. އެގޮތުން، ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޡީމްކަން އެނގެން އޮންނައިރު، އާންމުކޮށް ހައުސިންގ ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ އިބްރާހީމް ނަޡީމްކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން ހާމަވެއެވެ. މީގެއިތުރުން، ހއ.ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިންގ ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް އިބްރާހީމް ނަޡީމް އެއްބަސްވެފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވެއެވެ. އަދި އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިންގ ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫންނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިންގ ޔުނިޓްތައް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޡީމްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަޙްޤީޤަށް އެނގެން އޮވެއެވެ. އިބްރާހީމް ނަޡީމްއަކީ ހއ.ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަޤާމެއްގައި ހުރި މީހެކެވެ. އެހެންކަމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޡީމް އޭނާގެ މަޤާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޡީމްގެ މައްޗަށް ދަޢުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ.

މީގެއިތުރުން، “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ދޫކުރުމާގުޅޭ ލިޔުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، މިކަމަކީ، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމާއި ގުޅުންހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ ޢަމަލެއްކަމަށް ފާހަގަކުރެވޭތީއާއި، މިކަމުގެ ސަބަބުން ބައެއްގެ ހައްޤުތަކެއް ގެއްލިގެން ގޮސްފައިވާތީ، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާއެއް ކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިނުވިނަމަވެސް، އެ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް މި ކޮމިޝަނަށް ފެންނަ ވާހަކަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ވަނީ ދެންނެވިފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×