ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

އޭސީސީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2020-2024 އިފްތިތާޙްކުރުން ޕްރެސް ރިލީސް (26 ނޮވެންބަރު 2020)

26 Nov 2020

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ކުރިއަށް އޮތް 5 އަހަރު ދުވަހަށް އިސްތިރާތީޖީ ގޮތުން ރާވާފައިވާ ގޮތުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2020-2024 އިފްތިތާޙްކޮށްފިއެވެ. މި ޕްލޭނަކީ ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި ކޮމިޝަނުގެ މަސައްކަތްތަކުގެ ވައްޓަފާޅިއަށްއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކައި ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް ބައެވެ.

މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ޚިޔާލާއި މަޝްވަރާ ހިމަނާފައިވާނެއެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑާއި، ކޮމިޝަނުގެ މުވައްޒަފުންގެ ތަޖުރިބާގެ އަލީގައި ކޮމިޝަނުގެ މަސައްކަތްތަކުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމާނެ މައްސަލަތަކެއްގެ ގޮތުގައި ހެދުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ޙަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން ޕްލޭންގައި ހިމަނާފައިވާ ޙަރަކާތްތައް އަމާޒުކުރެވޭނީ އިސްކަންދޭ މައިގަނޑު 4 ދާއިރާއެއްގެ މައްޗަށެވެ. އެއީ؛

1. މުވައްޒަފުންގެ ބައިވެރިވުން – ކޮމިޝަނުގެ މުވައްޒަފުންގެ އަގުވަޒަންކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އެކަމަށް ބޭނުންވާ އެކި ދާއިރާތަކުން ޚާއްޞަވުމަށް ތަޖުރިބާއާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ޕްރޮފެޝަނަލް، ގަޔާވާ މަސައްކަތު މާޙައުލެއް ޤާއިމްކުރުމާއި، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ބިނާކުރުމަށް ކޮމިޝަނުގެ ހުރިހާ ޔުނިތްތަކެއް ގުޅިގެން މަސައްކަތްކުރުމެވެ.

2. އިސްނަގައި ވިޔަނުދިނުން – ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް ޢަމަލުކުރަންޖެހޭ ނަޒާހަތްތެރިކަމުގެ މަބްދައުތަކާއި، ހަރުދަނާ ހިންގުމުގެ މިންގަނޑުތައް އެއްގޮތްކޮށް އެއަށް ޢަމަލުކުރުން ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި ކޮރަޕްޝަނުގެ ކުށް ކުރާ ގޮތްތަކުގައި ހުރި އެއްގޮތްކަންކަމާއި ބަދަލުވުންތަކާއި، ކޮރަޕްޝަނުގެ ޢަމަލު ހިންގުމާ ގުޅިފައިވާ ސަބަބުތަކާއި، ކޮރަޕްޝަނުގެ ޢަމަލު ހިންގެނޭ ގޮތަށް ނިޒާމީ ގޮތުން ހުރި ބާގަނޑުތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުމާއި ތަޙުޤީޤުތަކުންނާއި، ދިރާސާތަކުން ދެވޭ އިރުޝާދާއި ލަފާ ތަންފީޒުކުރުމަށް އިދާރާތަކާއެކު މަސައްކަތްކުރުމެވެ.

3. ތަޙުޤީޤީ އަރުތަ – ތަޙުޤީޤި މަސައްކަތް ކުރާ މުވައްޒަފުންގެ ޤާބިލިއްޔަތުކަން އިތުރުކޮށް، ތަޙުޤީޤުކުރުމާއި ޑިއުޓީ ޕްރޮސެކިއުޝަންގެ އެންމެހައި މަރުޙަލާއެއްގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ދައުލަތަށް ވެއްދުމުގެ ކާމިޔާބު ނިޒާމެއް ޤާއިމްކުރުމަށް ގުޅުންހުރި އިދާރާތަކާއެކު ގުޅިގެން ކޮމިޝަނުން މަސައްކަތްކުރުމެވެ.

4. ސިޔާސަތު، ސުލޫކު އަދި އަޚުލާޤުގެ އިޞްލާޙީ ބަދަލު – ކޮމިޝަނުން ބޭނުންވާ މަޢުނަވީ ބަދަލު ޙާޞިލުކުރުމަށް، ކާމާގުޅުންހުރި އެންމެހައި އިދާރާތަކާއެކު، ގުޅިގެން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުކުރުމާއި ކޮރަޕްޝަނުގެ އެންމެހައި ކުށްތައް ހިންގިޔަ ނުދިނުމަށާއި، ހުއްޓުވުމަށާއި، މަނާކުރުމަށާއި، އަދި ކޮރަޕްޝަނުގެ ކުށްތަކަށް އެކަށީގެންވާ އަދަބު ދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި ކޮރަޕްޝަނުގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށް ހޭލުންތެރިކުރުވައި، ރައްޔިތުންނާއި ދައުލަތުގެ މުވައްޒަފުންނަށް އުނގަންނައިދިނުމުގެ މަސައްކަތްކުރުމެވެ.

ކޮމިޝަނުން ކުރިއަށް ރަވާފައިވާ މައިގަނޑު މަސައްކަތްތަކަށް ބަލާއިރު، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އިވެލުއޭޓުކުރުމާއި، މައްސަލަތައް އިސްކަންދޭ ތަރުތީބު ކަނޑައެޅުމާއި، ޤައުމީ އެންޓި-ކޮރަޕްޝަން ޕްލޭނެއް އެކުލަވާލުމާއި، ކޮރަޕްޝަނާއި ނަޒާހަތްތެރިކަމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް ކޮރަޕްޝަންގެ ހިރާސް ނައްތާލައި، ނަޒާހަތްތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމަށް ބާރުއެޅުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.

ٍސެޕް ޑައުންލޯޑްކުރައްވާ


އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×