ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ކޮވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި

14 Oct 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި 14 އޮކްޓޫބަރު 2020ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، 11 ފަރާތެއްގެ މައްޗަށެވެ. 14 އެޕްރީލް 2020 ގައި ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ތަޙުޤީޤު ފެށި މި މައްސަލައިގެ ތަޙްޤީޤު ނިމިފައިވަނީ 13 އޮކްޓޫބަރު 2020 ގައެވެ.

މި މައްސަލައަކީ، މި ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން 04 އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލައިގެން، ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓް 2020ން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ 03 އިންވެސްޓިގޭޓަރުން މި މައްސަލަ ތަޙްޤީޤުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި މައްސަލައިގެ ތަޙްޤީޤުގައި މި ކޮމިޝަނަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމާއި، އެ ސަރވިސް ކޮށްދެއްވާފައިވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

މި މައްސަލައަކީ މި ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރަމެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލުމާތު އެއްކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވެއެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ  މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ޙާލަތުގައި އޮތް ދުވަސްވަރުގައި ކަމަށްވާތީއާއި، އަދި އޭގެފަހުން އައު ޢާންމު ޙާލަތުގައި ތަޙްޤީޤުގެ މަސައްކަތް ކުރިއަށް ގެންދަންޖެހުމަކީ، މިމައްސަލަ ތަޙުޤީޤުގައި މި ކޮމިޝަނަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާ ގަރީނާ ހޯދުމުގައި ދަޢުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ބަލަންޖެހުމާއި، ތަޙުޤީޤަށް ޙާޟިރު ކުރުމަށް ބޭނުންވާ ފަރާތްތައް ތަޙްޤީޤަށް ޙާޟިރުކޮށް ބަޔާންނެގުމުގައި މި ކޮމިޝަނަށް ވަރަށްބޮޑު ދަތިތަކާ ކުރިމަތިލާންޖެހުނެވެ.

މި މައްސަލައިގައި ހިމެނޭ ތުހުމަތުތަކާއި، އެ ތުހުމަތުތަކާގުޅޭ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް ނިންމާފައިވަނީ އެ ކުންފުނީގެ މާލީ ޤާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި ޑިއުޑިލިޖެންސް ހަދާފައިނެތީސްކަން އެނގޭތީ، މިއީ މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުޙުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް ބޭއްވި ބިޑްކޮމިޓީގެ (01 އޭޕްރިލް 2020) ބައްދަލުވުމުގެ ނިންމުމުގައި ބައިވެރިވެފައިވާތީއާއި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް އެ މަސައްކަތް ހަވާލުކުރުމަށް ބިޑު ކޮމިޓީއިން ނިންމިއިރު، އެ ނިންމުން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށް، އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ޤާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަޙުޤީޤަށް އެނގޭތީއާއި، މަސައްކަތް ޙަވާލުކުރި ފަރާތް (އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ) އަށް  މިމަސައްކަތް ޙަވާލުކުރީ ޑަބްލިއު އެޗް އޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައިވާއިރު، އެ ކޮންޓެކްޓަކީ ޑަބްލިއު އެޗް އޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫންކަމަށް WR އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ސިޓީގައި ބުނެފައިވާތީއާއި، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޗެކުކުރަންވާނޭކަމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން ޢަމަލުކޮށްފައިނުވާތީއާއި، މި މައްސަލާގައި މުޢާމަލާތްކޮށްފައިވާ އީމެއިލްތަކުގެ ފޮރެންސިކް ރިޕޯޓުން ބިޑް ކޮމިޓީ ބޭއްވިއިރު އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ނަމުގައި އޮތް ކޯޓޭޝަންއެއް މިނިސްޓްރީ އޮފް ހެލްތަށް ލިބިފައި ނުވާކަން އެނގޭތީ، ބިޑުކޮމެޓިގެ 04 މެމްބަރުންގެ ތެރެއިން، 03 މެމްބަރުން ބިޑުކޮމެޓީގެ ނިންމުމުގައި ސޮއިކުރިފަހުން ބިޑު ކޮމެޓީގެ ނިންމުމުގައިވާ މަސައްކަތް ޙަވާލުކުރަން ނިންމި ފަރާތުގެ ނަން “އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ” ގެ ނަމަށް ބަދަލުކޮށް ބިޑުކޮމެޓީގެ ނިންމުންކަމަށް ބަޔާންކޮށްފައިވާ އެހެން ލިޔުމެއްގައި ބިޑުކޮމެޓީގެ މެމްބަރުން ސޮއިކޮށްފައިވީނަމަވެސް، އެ ނިންމުން ނިންމާފައިވަނީ ބިޑް ކޮމިޓީއަށް ހުށަހެޅިފައިވާ ހުށަހެޅުމަކަށް ނުވާތީ، އެއީ Dr.Ali Al Tuckmachy އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ބިޑް ކޮމިޓީގެ މެމްބަރުން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، މި މައްސަލާގައި ތުހުމަތުކުރެވިފައިވާ، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީ އާއި،  މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ އާއި، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

2. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމްކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ކުރި ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ އަޙްމަދު އަސްލަމްކަން ތަޙްޤީޤަށް ފާހަގަވާތީއާއި، އަޙްމަދު އަސްލަމްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ޕްރޮކިއުމަންޓްގެ ކަންކަން ހިމެނިފައި ނެތްއިރު، ޕްރޮކިއުމަންޓްގެ ކަންކަން ކުރަމުންދާ ޔުނިޓާއި އެކަން ހަވާލުނުކޮށް، ޢަމަލީ ގޮތުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އަޙްމަދު އަސްލަމް ކަމަށްވާތީއާއި،

ވެންޓިލޭޓަރ ހޯދުމަށް ކޯޓޭޝަން ހޯދަންވީ ފަރާތުގެ މަޢުލޫމާތު މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އަޙްމަދު އަސްލަމްއަށް ފޮނުވާފައިވާކަން އެނގޭތީއާއި، ކޯޓޭޝަން ހޯދުމަށް Dr.Ali Al Tuckmachy އަށް ރިކުއެސްޓް ފޮނުވާފައިވަނީ އަޙްމަދު އަސްލަމް ކަމަށްވާތީއާއި، ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓު ލިބުމުގެ ކުރިން އަދި ބިޑް ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން، އޯޑަރ ކޮންފަރމްކޮށްފައިވާކަމަށް Dr.Ali Al Tuckmachy އަށް އަޙްމަދު އަސްލަމް އަންގާފައިވާތީއާއި، ކޯޓޭޝަން ހޯދާފައިވާ ފަރާތާ އެ މަސައްކަތް ހަވާލުކުރުމަށް ބާރުއެޅުމުގެ ގޮތުން ބިޑް ކޮމިޓީއަށް މަޢުލޫމާތު ދީފައިވާތީއާއި، “ސިންގަލް ސޯސް” ޕްރޮކިއުމެންޓްގެ އުސޫލުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމަށް ހުއްދަދީފައިވަނީ، އަޙްމަދު އަސްލަމް ކަމަށްވާތީއާއި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް އެ މަސައްކަތް ހަވާލުކުރިއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް، އެ ކުންފުނީ މާލީ ޤާބިލްކަން އަދި ޓެކްނިކަލް ފަންނީ ޤާބިލްކަން ބަލާފައިނުވާކަމާއި، އެ މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައިނުވާތީއާއި، ވެންޑަރ ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އަޙްމަދު އަސްލަމްގެ ބެލުމުގެ ދަށުންކަން އެނގޭތީއާއި،

75 ވެންޓިލޭޓަރއާ ގުޅިގެން އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ %75 އަށްވާ ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ހުއްދަދިން އެއް ފަރާތެއްގެ ގޮތުގައި އަޙްމަދު އަސްލަމް ސޮއިކޮށްފައިވާއިރު، އެޑްވާންސްކޮށް ކޮންޓްރެކްޓްގެ އަގުގެ %90 ދައްކާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީ ހޯދައިގެންނޫންކަން ފާހަގަކުރެވޭތީއާއި، މިނިސްޓްރީ އޮފް ހެލްތުން ކުރިއަށް ގެންދިޔަ މި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ ޕްރޮސެސްގައި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަޙްމަދު އަސްލަމް އިރުޝާދުދީފައިވާކަން އެނގޭތީ، އެއީ Dr.Ali Al Tuckmachy އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، މި މައްސަލާގައި  މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، ތ.ކިބިނދޫ / ބޯގަންވިލާ، އަޙްމަދު އަސްލަމް ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  313 ވަނަ މާއްދާގެ (ހ)ގެ (1) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 311ވަނަ މާއްދާގެ (ހ)ގެ (1) ގެދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

3. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ Dr.Ali Al Tuckmachy އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ ޢަބްދުﷲ އަމީން ކަމާއި، އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމްއަށް ދީފައިވަނީ އަދި އެ ފަރާތަކީ WHO މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ ޢަބްދުﷲ އަމީންކަމާއި، މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން WHO މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއްކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭތީއާއި،

ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ 2 މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބުނެފައިވާކަން އެނގޭތީއާއި، 75 ވެންޓިލޭޓަރގެ %75 އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރ ޢަބްދުﷲ އަމީން މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް އެނގިފައިވާތީއާއި، ވެންޓިލޭޓަރ އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރ ޢަބްދުﷲ އަމީންއަށް އެނގިފައިވާކަމާއި، އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަޙްޤީޤަށް އެނގިފައިވާތީއާއި، މިކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ބްރީފިންގ ހޯދަމުންދިޔަކަން ތަޙްޤީޤަށް އެނގޭތީ، އެއީ Dr.Ali Al Tuckmachy އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، މި މައްސަލާގައި  މިނިސްޓަރ އޮފް ހެލްތު، ގދ.ގައްދޫ / ރޯސްމާގެ، ޢަބްދުﷲ އަމީން ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

4. މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި، ޕަރފޯމެންސް ގެރެންޓީއެއް ހޯދުމަށް ލާޒިމު ނުވާގޮތަށްކަމަށާއި، އެ ކުންފުނީގެ މާލީ ޤާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި، އެކުންފުނީގެ ޑިއުޑިލިޖެންސްއެއް ހަދާފައިވޭތޯ ބެލުމެއް ނެތިކަން އެނގޭތީ، މިއީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކޮށް މިނިސްޓްރީ އޮފް ހެލްތާއި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު ކަމަށްވާތީއާއި،

މި އެއްބަސްވުމުގައި މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޕާފޯމެންސް ގެރެންޓީއާއި އެޑްވާންސް ޕޭމެންޓް ގެރެންޓީގެ ވާހަކަ ހިމަނާފައިނުވާތީއާއި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކޮށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން ސޮއިކުރުމަށް ފޮނުވި އެއްބަސްވުމުގެ ސްޕެޝަލް ކޮންޑިޝަންގެ ބައެއް މާއްދާތަކަށް ބަދަލު ގެނެސް، ސްޕެޝަލް ކޮންޑިޝަންގެ 15.1ވަނަ މާއްދާއިން ފެށިގެން އެއްބަސްވުން ނިމެންދެން ހުރި ގަނޑުތަކުގައި އަލުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު ސޮއިކޮށްފައިވާތީއާއި،

ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންގ އިން ސޮއިކޮށް މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިވަނީ 16 އެޕްރީލް 2020 ގައި ކަމަށްވެފައި،  މިނިސްޓްރީ އޮފް ހެލްތަށް 75 ވެންޓިލޭޓަރ ހޯދުމަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކޮށްފައިވާ އެގްރީމެންޓުގައި 02 އެޕްރީލް 2020 ކަމަށް ބަޔާންކޮށްފައިވިޔަސް، އެއީ ބެކްޑޭޓެޑްކޮށް ސޮއިކޮށްފައިވާ އެގްރީމެންޓެއްކަން އެނގޭތީއާއި،

ޑްރާފްޓް އެއްބަސްވުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ
10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން އެ އެއްބަސްމުގެ ދަށުން ހޯދަން ބޭނުންވާ މުދަލާއި ޚިދުމަށް ހޯދިދާނެކަމަށް ފެންނަ ކަމަށާއި، އަދި އެ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތުގެ މަތިން އެއްބަސްވުމުގައި ސޮއިކުރާ ހާލަތުގައި ޕާފޯމެންސް ގެރެންޓީއާއި އެޑްވާންސް ޕޭމެންޓް ގެރެންޓީގެ އިޖުރާޢަތުތައް ފުރިހަމަ ކުރަން ލާޒިމުވާނެކަމަށް ނުފެންނަކަމަށާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެ މަތިން އެކްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުވުމާއިމެދު ޤާނޫނީ ގޮތުން އިޢުތިރާޟްކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެފައިވީ ނަމަވެސް، ޕާފޯމެންސް ގެރެންޓީއާއި، އެޑްވާންސް ޕޭމެންޓް ގެރެންޓީގެ އިޖުރާޢަތުތައް ކުރިއަށް ނުގެންދިއުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައި ނުވާކަން ފާހަގަކުރެވޭތީއާއި،

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ މި މަސައްކަތް ޙަވާލުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް، އެ ކުންފުނީ ޑިއުޑިލިޖެންސް ހަދާފައިނުވާކަމާއި، އެ ކުންފުނީގެ މާލީ ޤާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ބަލާފައިނުވާކަން އެނގޭތީ، މި މައްސަލާގައި ތުހުމަތުކުރެވިފައިވާ މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު، ޕިންކްހައުސް / ސ.ފޭދޫ، ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

5. މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ދެމެދު 2 އެޕްރީލް 2020 ގައި ވެފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޢަލީ ޝިހާމް އެޕްރޫވްކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީއެއް ހޯދުމަށް ލާޒިމުނުވާގޮތަށްކަމަށާއި، އެ ކުންފުނީގެ މާލީ ޤާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި، އެކުންފުނީގެ ޑިއުޑިލިޖެންސްއެއް ހަދާފައިވޭތޯ ބެލުމެއް ނެތިކަން އެނގޭތީ، މިއީ މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމްގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއްކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤުން މިކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުން ޗެކްކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމަށް ފޮނުވުމުން ބައެއް ކަންކަން ރަނގަޅުކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުމާ މެދު އިޢުތިރާޒެއް ނެތްކަމަށް ބުނެފައިވާއިރު، މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޕަރފޯމެންސް ގެރެންޓީއާއި އެޑްވާންސް ޕޭމެންޓް ގެރެންޓީގެ ވާހަކަ އެއްބަސްވުމުގައި ހިމަނާފައި ނުވާތީއާއި،

ޑްރާފްޓް އެއްބަސްވުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައިވީނަމަވެސް، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް ޕަރފޯމެންސް ގެރެންޓީއާއި، އެޑްވާންސް ޕޭމަންޓް ގެރެންޓީ ނުހިމަނައި އޮތް އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހެލްތުން ސޮއިކޮށްފައިވަނީ ޢަލީ ޝިހާމް އެޕްރޫވްކުރިކުރުމުގެ މައްޗަށް ކަމަށްވާތީ މި މައްސަލާގައި ތުހުމަތުކުރެވިފައިވާ މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް، ފެއަރީގާރޑެން / ލ.ގަން ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

6. މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި  މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތި ކަމަށްވާތީއާއި، އެކަމަށް ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ހަފީޒްކަމަށްވާތީ، އެއީ ޢަބްދުﷲ ހަފީޒްގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި  މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތި ކަމަށްވާތީއާއި،

މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް އެފަރާތަށް އެޑްވާންސްކޮށް ފައިސާ ދައްކާފައިވަނީ SAP ސިސްޓަމްގެ ތެރެއިން ޕީއޯ ތައްޔާރުކޮށްގެންކަމާއި، މި ޕީއޯ އޮތަރައިޒްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘްކަމަށްވާތީ، މި މައްސަލާގައި ތުހުމަތުކުރެވިފައިވާ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ، ޢަބްދުﷲ ޙަފީޡް، މުޝްތަރީގެ / ހއ.ދިއްދޫ ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

7. މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތި އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީއާއި ޕާފޯމެންސް ގެރެންޓީ ނުހޯދާކަން އެނގޭއިރު، މިފައިސާ ދައްކާފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން 65 މެކޭނިކަލް ވެންޓިލޭޓަރއާއި 10 ޕޯޓަބަލް ވެންޓިލޭޓަރ މިނިސްޓްރީ އޮފް ހެލްތަށް ނުލިބެނީސް އެ ތަކެތި ލިބިފައިވާކަމަށް ސެޕް ސިސްޓަމުން ގުޑްސް ރިސީވްޑްކަމަށް ދައްކައިގެންކަމަށްވާއިރު  ސެޕް ސިސްޓަމުން ގުޑްސް ރިސީވްވިކަމަށް އެންޓަރކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ނިޔާޒްކަމަށްވާތީ، އެއީ ޙުސައިން ނިޔާޒުގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޕާފޯމަންސް ގެނެރެންޓީ ލާޒިމްކުރާ އެއްބަސްވުމެއް ނެތި މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސްކޮށް ފައިސާ ދެއްކުމަށްޓަކައި ޕީއޯ ތައްޔާރުކޮށްފައިވަނީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ނިޔާޒްކަން އެނގޭތީއާއި،

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން 65 މެކޭނިކަލް ވެންޓިލޭޓަރއާއި 10 ޕޯޓަބަލް ވެންޓިލޭޓަރ މިނިސްޓްރީ އޮފް ހެލްތަށް ނުލިބެނީސް، އެ ތަކެތި ލިބިފައިވާކަމަށް ސެޕް ސިސްޓަމުން ގުޑްސް ރިސީވްވިކަމަށް އެންޓަރކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒްކަމަށްވާތީއާއި،

SAP ސިސްޓަމްގައި އެ ވެންޓިލޭޓަރތައް ލިބުނުކަމަށް (ގްޑްސް ރިސީވްކުރި ކަމަށް) ބަޔާންކުރި އިރު، އެތަކެތި މިނިސްޓްރީ އޮފް ހެލްތަށް ނުލިބޭކަން ތަޙްޤީޤަށް އެނގިފައިވާތީ، މި މައްސަލާގައި ތުހުމަތުކުރެވިފައިވާ ޙުސައިން ނިޔާޒް، ޝާޒް / ކ.މާލެ ގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ.

8. މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ ޚަރަދުކުރުމަށް ހުއްދަދީ، ސެޕް ސިސްޓަމުން މި ދެ ޕޭމެންޓް ޕޯސްޓްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް ކަމަށްވާތީ، އެއީ ޢަބްދުﷲ ޝަރީފް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 75 ވެންޓިލޭޓަރއާ ގުޅިގެން އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ %75 އަށްވާ ޖުމުލަ 1,678,125.00 USD (އެއްމިލިއަން ހަސަތޭކަހަތްދިހައަށްހާސް އެއްސަތޭކަފަންސަވީސްހާސް އެމެރިކާ ޑޮލަރު)، ދެއްކުމަށް ހުއްދަދީ، އެ ޕޭމަންޓް SAP ސިސްޓަމްގައި ޕޯސްޓްކުރީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް ކަމަށްވާތީއާއި، މި ފައިސާ ދެއްކުމަށް ހުއްދަ ދިންއިރު މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިނުވާތީއާއި،

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ ޕޭމަންޓްގެ %15 ފައިސާ އެޑްވާންސްކޮށް ދެއްކުމަށް ޖުމުލަ 335,625.00 USD (ތިންލައްކަ ތިރީސްފަސްހާސް ހަސަތޭކަފަންސަވީސް އެމެރިކާ ޑޮލަރު)، ދެއްކުމަށް ހުއްދަދީ އެ ޕޭމަންޓް SAP ސިސްޓަމްގައި ޕޯސްޓްކުރީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްކަމަށްވާތީއާއި،

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ދައްކަންޖެހޭ ޕޭމަންޓްގެ %15 ފައިސާ ދެއްކިއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް 75% އަށްވާ އެޑްވާންސް ޕޭމެންޓް ގެރެންޓީ ހޯދާފައިނުވާތީއާއި އެޑްވާންސްކޮށް ކޮންޓްރެކްޓްގެ އަގުގެ %90 ދައްކާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެޑްވާންސް ޕޭމެންޓް ގެރެންޓީއާއި، ޕަރފޯމެންސް ގެރެންޓީ ހޯދައިގެންނޫންކަން ފާހަގަކުރެވޭތީ މި މައްސަލާގައި ތުހުމަތުކުރެވިފައިވާ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް، ގޯތި ނަންބަރު 14-01 / ކ.މާލެ ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×