މާލޭ ލޮނުޒިޔާރަތްކޮޅު އަޑި ޕާކް މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވައިފި

29 Sep 2020

މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު (29 ސެޕްޓެންބަރު 2020) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދު (ގ.އެޓްނާ / ކ.މާލެ) ގެ މައްޗަށެވެ. މި މައްސަލައިގައ ސިފާ މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ.

މި މައްސަލައިގައި މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އިން ކޮށް ނިންމާފައިވާކަމާއި،

އިޢުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު، އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ  މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.  އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަން ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގެއެވެ. އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު (ގ.އެޓްނާ / ކ.މާލެ) އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ސިފާ މުޙައްމަދު ކަން މި ކޮމިޝަންގެ ތަޙުޤީޤަށް ވަނީ އެނގިފައެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަޙްޤީޤަށް ފާހަގަކުރެވެއެވެ.

މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި 02 ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ޚަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) އާ އެއްގޮތައްކަމަށްވީހިނދު، އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރ ސިފާ މުޙައްމަދު ހިއްސާކޮށްފައި ނުވާކަން ތަޙްޤީޤަށް ވަނީ އެނގިފައެވެ. އަދި ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގެއެވެ.

މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަމާއި، ޖުމުލަ 03 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް 02 ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މަސައްކަތް ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ދިމާވެފައިވާކަމަށް ތަޙުޤީޤަށް ޤަބޫލުނުކުރެވޭތީއާއި، ފާޚާނާބަރި ފިޔަވައި ހަދަންހުރި ޢިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އިޢުލާނުކޮށްފައިވާތީ އެ އުޞޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަމާއި، ހުރިހާ ޢިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތްކޮށްފައިވާކަމާއި، ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާކަން ތަޙްޤީޤަށް ވަނީއެނގިފައެވެ.

ވުމާއެކު، ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން ޢަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމުން، މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު، ގ.އެޓްނާ / ކ.މާލެ ގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށް ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×