ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

21 Jul 2020

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤުކޮށްފައިވާ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީ.ސީ.ސީ.އޭ.އާރ) އިން ބަލަމުންދާތީ އެ ރަށްތަކާއި ފަޅުތަކުގެ ހެޑްލީސް ރައިޓްސް ބަދަލުކުރުމަށް ނުވަތަ އެ ރަށްތަކާއި ފަޅުތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމަށް ހުށަހަޅައިފިނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށާއި، އެ ރަށްތަކާއި ފަޅުތަކުގެ ހެޑްލީސް ރައިޓްސް ބަދަލުކުރުމުގެ މަސައްކަތްތައް  މަޑުޖައްސާލުމަށް އެ ކޮމިޝަނުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް ބައެއް ފަރާތްތަކަށް މަޢުލޫމާތުދީފައިވާކަމަށް ބުނެ އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަޙްޤީޤު ނިންމައި، އެމައްސަލައިގައި ދަޢުވާކުރުމަށްޓަކައި 17 މާރިޗު 2020 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ،  ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) 2 ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

  • މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހެޑް ލީސްއަށް އައު ޙައްޤެއް އުފަންކުރެވޭ ގޮތަށް ބަދަލުގެނައުން މަޑުޖައްސާލުމަށާއި އެފަދަ ހުށަހެޅުންތަކުގެ މަޢުލޫމާތު އެ ކޮމިޝަނާ ހިއްސާކުރުމަށް 22 މެއި 2019 ގައި ޕީ.ސީ.ސީ.އޭ.އާރ އިން މިނިސްޓްރީ އޮފް ޓޫރިޒަމް އަށް އަންގާފައިވެއެވެ.
  • ނަމަވެސް، އެ އެންގުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ގެއްލުން ލިބެމުންދާތީ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ އެދިފައެވެ. އެގޮތުން، މައްސަލަ ހިމެނޭ ވަކިވަކި ރަށްތަކާއި ފަޅުތަކުގެ މަޢުލޫމާތުދީ އެ މައްސަލަތައް ނިންމޭނެ މުއްދަތެއް އަންގައިދިނުމަށް ޕީ.ސީ.ސީ.އޭ.އާރ ގައި އެދުމަށް އިކޮނޮމިކް ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ލަފާދީފައިވެއެވެ. އަދި އެކަން ޕީ.ސީ.ސީ.އޭ.އާރ އާ ހިއްސާކޮށްފައިވެއެވެ.
  • އޭގެ ފަހުން 01 އޮގަސްޓް 2019 ގައި ޕީ.ސީ.ސީ.އޭ.އާރ އިން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު ރަށްތަކާއި ފަޅުތަކުގެ މަޢުލޫމާތު ހިމެނޭ ތާވަލެއް ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކޮށް އެ މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށާއި، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން ޢަމަލުކުރުމަށާއި، އެފަދަ ރަށްތަކާއި ފަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތަކުގެ މަޢުލޫމާތު އެ ކޮމިޝަނާ ހިއްސާކުރަމުން ގެންދިއުމަށް އަންގާފައިވެއެވެ.
  • ނަމަވެސް، ޓޫރިޒަމް މިނިސްޓްރީއިން ޢަމަލުކޮށްފައިވަނީ ޕީ.ސީ.ސީ.އޭ.އާރ ގެ އެ އެންގުމާ ޚިލާފަށްކަން، މިނިސްޓްރީއިން ތަޙުޤީޤަށް ލިބިފައިހުރި ލިޔުންތަކުންނާއި، ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ. އެގޮތުން، އެ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވަނީ އިކޮނޮމިކް ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެ މިނިސްޓްރީއިން އެދިފައިވާ މިންވަރަށް ޕީ.ސީ.ސީ.އޭ.އާރ އިން މަޢުލޫމާތު ހިއްސާކޮށްފައިނުވާތީކަމަށް މި މައްސަލައިގެ ތަޙްޤީޤަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް،  އެއީ އެ އެންގުމާ އެއްގޮތަށް ޢަމަލުނުކުރުމަށް އޮތް ސަބަބެއް ނޫންކަން ފާހަގަކުރެވެއެވެ.
  • އެގޮތުން، އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެ މަޢުލޫމާތަށް އެދުމުގެ ފުރުސަތާއި ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުމުގެ ފުރުސަތު އޮތްނަމަވެސް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. މިގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީއާ ހިއްސާކޮށްފައިހުރި ބައެއް ލިޔުންތަކުގައި ޕީ.ސީ.ސީ.އޭ.އާރ އިން ކަންކަން ކަށަވަރުކުރުމަށް ލަފާދީފައިވީނަމަވެސް، އެ ލަފައާ އެއްގޮތަށް ޢަމަލުކޮށްފައެއް ނުވާކަން ފާހަގަކުރެވެއެވެ.
  • އަދި ޕީ.ސީ.ސީ.އޭ.އާރ ގެ އެންގުން އައީ އިކޮނޮމިކް ކައުންސިލްގެ ނިންމުން އެންގުމުގެ ފަހުގެ ތާރީޚެއްގައެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 2019/4 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) އާއި  7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމުގެ ބާރާއި އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި އެފަދަ ތަކެތި ހުށަހެޅުމަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީ، އެ ކޮމިޝަންގެ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްވާނެކަން ފާހަގަކުރެވެއެވެ. އަދި ޕީ.ސީ.ސީ.އޭ.އާރ ގެ އެންގުންތަކުގެ މައިގަނޑު މަޤްސަދަކީ އެފަދަ ރަށްތަކާއި ފަޅުތަކުގެ ހެޑް ލީސް ރައިޓްސް އަށް ބަދަލުގެނައުމުން އެ ކޮމިޝަންގެ ތަޙުޤީޤަށް ހުރަސްއެޅި ދައުލަތުގެ މުދާ އަނބުރާ ނަގަންޖެހޭ ހަލާތެއްގައި އެފަދަ މުޢާމަލާތްތަކުގެ ސަބަބުން އެކަމަށް ހުރަސްއެޅޭނެތީކަން ފާހަގަކުރެވެއެވެ.
  • ޕްރައިވެޓް ކުންފުންޏަކަށް ދޫކޮށްފައިވާ ކ. އަތޮޅުގެ ފަޅަކާއި، އެހެން ޕްރައިވެޓް ކުންފުންޏަކަށް ދޫކޮށްފައިވާ ވ.ފޮއްތެޔޮ-ބޮޑުފުއްޓާ ގުޅޭގޮތުން އެއްވެސް ތަޙުޤީޤެއް ކުރިއަށްދާކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ނުދައްކާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ އެ ކުންފުނިތަކަށް ޖަވާބުދީފައެވެ. އަދި މީގެއިތުރުން، އެހެން ޕްރައިވެޓް ކުންފުންޏަކަށް ދޫކޮށްފައިވާ ފަޅެއް ސަބްލީސްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅޭ ބައެއް ސިޓީތަކުގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް ކަން ފާހަގަކުރެވެއެވެ.

އެގޮތުން، ރިސޯޓްތަކާ ގުޅޭ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައިވަނީ އެފަރާތާއެވެ. އަދި ޙަވާލުކޮށްފައިވާ ދާއިރާއަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ އިޚްތިޔާރު ބޭނުންކުރުމުގައި ކުރާ އެންމެހައި ކަންތައްތަކުގެ ޒިންމާ އެކަމާ ހަވާލުވެހުންނަ ފަރާތަކުން އުފުލަންވާނެކަމަށް ބަޔާންކޮށް މިނިސްޓްރީއިން މެމޯއެއް ނެރެފައިވާކަން ފާހަގަކުރެވެއެވެ. އެ ކުންފުނިތަކަށް ޖަވާބުދީފައިވާ ސިޓީތަކުގެ ސަބަބުން އައު ޙައްޤެއް އުފަންނުކުރެވޭނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް މި މައްސަލައިގެ ތަޙްޤީޤުގައި ބުނެފައިވީ ނަމަވެސް، އެކަންކަމުގެ ސަބަބުން އައު ޙައްޤުތައް އުފަންކުރުމުގެ ފުރުސަތު ހުޅުވިގެންދާތީ، އެއީ ލިބޭ މަންފާއެއްކަން ތަޙުޤީޤަށް ފާހަގަކުރެވެއެވެ. އެހެންކަމުން، ތަޙުޤީޤީ އިދާރާއެއްގެ އެންގުމާ ޚިލާފަށް އެ ފަރާތްތަކަށް މަޢުލޫމާތުދީފައިވަނީ އެކަންކަން އެނގިހުރެ، އެފަރާތްތަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްސަދުގައިކަމަށް މި ކޮމިޝަނުގެ ތަޙުޤީޤަށް ޤަބޫލުކުރެވޭތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު13/2008  (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމްގެ މައްޗަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×