ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017/R-20) ގެ 10.27 ވަނަ މާއްދާގެ ދަށުން ބިޑްކުރުމަކާނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުގެ ކޮރަޕްޝަން ރިސްކް އެނަލިސިސްގެ މީޑިއާ ނޯޓް

08 Dec 2019

މިއީ ގަވާއިދު ނަންބަރު 2018/R57 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 2017/R-20 އަށް 1 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދު) އިން އެ ގަވާއިދުގެ 10.27 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙުގެ ކޮރަޕްޝަން ރިސްކް އެނަލިސިސްއެއް ހެދި، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން، ކޮރަޕްޝަން ހުއްޓުވުމަށާއި، ކޮރަޕްޝަންގެ ހިރާސް (Risk) ކުޑަކުރެވޭނެ ނިޒާމެއް ގާއިމްކޮށް، ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ އިޖުރާއަތުތައް އިޞްލާޙުކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކަށް ކޮމިޝަނަށް ފެންނަގޮތް ހާމަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހާގުޅޭ މީޑިއާ ނޯޓެކެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017) އަށް 1 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދުގެ 10.27ގެ (ހ) އަދި (ށ) ގައި އޮތްގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމަށް ސަރުކާރުން ޤަބޫލުކުރާ ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުޞަތު އޮތްއިރު، މީގެކުރިން މި މާއްދާގެ ދަށުން ސަރުކާރުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވަނީ، އެ ހަވާލުކުރެވޭ މަސައްކަތަކީ، މަސައްކަތް ހަވާލުކުރެވޭ ކުންފުނީގެ އަސްލީ މަސައްކަތުގެތެރޭގައި ހިމެނޭ ބާވަތުގެ މަސައްކަތެއްތޯ ބެލުމަކާނުލައި ކަމަށްވުމުން، ހަވާލުކުރެވޭ މަސައްކަތް އެ ކުންފުންޏަށް ނުކުރެވުމުގެ ސަބަބުން، އެ ކުންފުނިން އެ މަސައްކަތް ތިންވަނަ ފަރާތަކަށް ހަވާލުކުރަނީ ގިނަފަހަރަށް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ދައުލަތަށް ގެއްލުންވާގޮތަށެވެ. ކޮމިޝަނަށް ފާހަގަކުރެވޭގޮތުގައި މިގޮތަށް މިކަން ގިނަފަހަރަށް ކޮށްފައިވަނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް ޢަމަލުނުކޮށް ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށެވެ. އަދި، އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނީގައި އެ މަސައްކަތް ކުރުމުގެ ވަސީލަތްތަކާއި ޤާބިލުކަން ނެތުމުގެ ސަބަބުން، ދައުލަތުން އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވާ އަގަށްވުރެ ކުޑައަގެއްގައި އެ މަސައްކަތް ތިންވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރުވާފައިވުމުން، އެ މަސައްކަތަށް ޚަރަދުކޮށްފައިވާ ވަރަށްވުރެ ކުޑަ އަގެއްގައި އެ މަސައްކަތްކުރުވޭނެކަން އެނގެއެވެ.

އިޢުލާންކުރުމަކާނުލައި ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ހަވާލުކޮށްގެން މަސައްކަތްކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙު ފަރުމާކޮށްފައިވުމުން، ނުކުންނަ ނަތީޖާއަކީ ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރަން ބޭނުންނުވާ ކޮންމެ ހާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރުވުމުގެ ފުރުޞަތު އޮތުމެވެ. އަދި މިގޮތަށް ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރާއިރު، އެ ކޯޕަރޭޓިވް ސޮސައިޓީއަކީ ދައުލަތުގެ މަޞްލަޙަތު އޮތް ކޯޕަރޭޓިވް ސޮސައިޓީއެއްތޯ ބަލާނެ މިންގަނޑެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން އެނގެންނެތްކަމާއި އަދި އެކަން އެނގެން އޮތްނަމަވެސް، ކޯޕަރޭޓިވް ސޮސައިޓީއަކާ ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުޞަތު ގެއްލި، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް ދައުލަތަށް ޚިދުމަތާއި ތަކެތި ހޯދުމުގެ އިޙްތިމާލު ނުހަނު ބޮޑުވެގެންދެއެވެ.

އެހެންކަމުން، ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ބޮޑެތި މަޝްރޫޢުތައް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ދޫކުރަންޖެހިއްޖެ ހާލަތެއްގައި ދޫކުރަންވާނީ، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށްކަމަށް ބަޔާންކުރާ މާއްދާއެއް ގަވާއިދުގައި ހިމެނުމަށް ފަހުކަމަށް ފެނެއެވެ. އެހެންނަމަވެސް، އެފަދަ މަޝްރޫޢުތައް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހާލަތުގައިވެސް، އެފަދަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރަންވާނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން އެ ކުންފުނީގެ އަސްލީ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭތޯ ބެލުމަށްފަހު، ހަމައަގުގައެވެ. އަދި މިފަދަ ގޮތަކަށް މަސައްކަތް ނުވަތަ މަޝްރޫޢުތައް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާ ހަވާލުކުރެވޭގޮތަށް ބާއްވާނަމަ، އެކަން އޮންނަންވާނީ އެފަދަ ކުންފުންޏަކާ ހަވާލުކުރެވޭ މަސައްކަތް، އެހެން ތިންވަނަ ފަރާތަކާ ހަވާލު ނުކުރެވޭގޮތަށެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންވާނީ ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާޙައުލެއްގެ ތެރެއިން، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރުގޮތެއްގެ މަތިންކަން ޔަގީންކުރުން ކަމަށްވީނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27ގެ ދަށުން ބިޑް ކުރުމަކާނުލައި ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމުގެ އިމެއްނެތް ބާރު މިނިސްޓަރ އޮފް ފިނޭންސް އަށް ނުވަތަ މިނިސްޓަރުގެ ލަފާގެމަތިން ނެޝަނަލް ޓެންޑަރ ބޯޑަށް، ނުވަތަ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދެއެވެ. އަދި، ބޭރުގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ނުވަތަ ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫޢެއް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކުރެވޭ ގޮތަށް އޮތްކަން ފާހަގަކުރެވެއެވެ.

މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ‘ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން’ (UNCAC) ގައި ދައުލަތުގެ ޕްރޮކިއުމެންޓާއި، ދައުލަތުގެ ފައިސާއާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން އެ މުޢާހަދާގެ 09 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައިގަނޑު އުސޫލުތަކާ އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ މައިގަނޑު އަސާސްތަކާ ފުށުއަރާ، އަދި ދައުލަތުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައި އަގުތައް އިންތިހާއަށް ބޮޑުވެ ހާމަކަން ގެއްލި އަދި ވާދަވެރިކަންނެތި، ކޮރަޕްޝަނަށް މަގުފަހިވާނެކަމެއްކަން ފާހަގަކުރެވެއެވެ.

ދައުލަތުން މާލީ ބުރަ އުފުލަންޖެހޭގޮތަށް ލޯނު ނަގައިގެން ހިންގާ މަޝްރޫޢުތަކަކީ ޤައުމުގެ އިޤްތިޞާދާ ގުޅިފައިވާ ކަމަކަށްވެފައި، މިފަދަ މާލީ ޒިންމާ އުފުލަންޖެހޭ ހާލަތްތަކުގައި ބިޑްކޮށްގެން މަސައްކަތް ހަވާލުކުރުމުން، ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރެވިދާނެކަމަށް ފެންނާތީ ވީހާވެސް ހާމަކަންބޮޑު، ދެފުށްފެންނަ، ޖަވާބުދާރީކުރުވަނިވި ގޮތަކަށް ޕްރޮކިއުމަންޓް ޤާނޫނެއްގެ ތެރެއިން މިފަދަ ޕްރޮޖެކްޓްތައް ބިޑްކޮށްގެން ކުރިޔަށްގެންދެވޭގޮތަށް ބާއްވަންޖެހެއެވެ. ނަމަވެސް، މަޝްރޫޢެއް ހިންގަނީ ކޮންސެޝަނަލް ލޯނެއް ނަގައިގެން ކަމަށްވާހާލަތުގައި، އަދި އެ މަޝްރޫޢުގެ ލޯނު އެގްރީމެންޓުގައި އެ ލޯނު ދޭ ޤައުމެއްގެ، އެ މަޝްރޫޢެއްގެ ޞިނާޢަތުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލައިގެން އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޝަރުޠުކޮށްފައިވާނަމަ، އެ ހާލަތުގައި އެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފަރާތެއްކަމާއި، އަދި މަޝްރޫޢު ކުރިއަށް ގެންދާ އަގަކީ ދައުލަތަށް ފައިދާހުރި ހަމައަގުކަން ކަށަވަރުކުރަންވާނެއެވެ.

ވީމާ، އިސްވެ ދެންނެވުނު ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށާއި ސަރުކާރުގެ ޕްރޮޖެކްޓްތައް ވާދަވެރި ދެފުށްފެންނަ ބީލަމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަށްޓަކައި 10.27 ވަނަ މާއްދާ އުވާލުމަށްފަހު، އެ މާއްދާގައި ހިމެނޭ މަފްހޫމްތައް ހިމެނޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ބަދަލު ގެންނަންޖެހެއެވެ. އަދި، އެ ބަދަލު ގެނެވޭއިރު، ބިޑުކުރުމަކާނުލައި ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ކުރިޔަށް ގެންދިއުމާއި، ބޭރުގެ ޤައުމެއްގެ އެހީގައި މަޝްރޫޢުތައް ހިންގުމާއި، ކޮންސެޝަނަލް ލޯނެއްގެ ދަށުން މަޝްރޫޢުތައް ހިންގުމާއި، އަންސޮލިސިޓެޑް ޕްރޮޕޯސަލްތަކުގެ ދަށުން މަސައްކަތްކުރުމަށް ޚާއްސަ މާއްދާތައް ވަކިވަކިން އެކުލަވާލަން ވާނެއެވެ. އަދި، އެ މާއްދާތައް އެކުލަވާލުމުގައި އިސްވެ ބަޔާންކޮށްފައިވާ ކަންތައްތަކާއި، ރިކޮމެންޑޭޝަންތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރަން ވާނެއެވެ.

•ބީލަންކުރުމުގައި ވާދަވެރި، ދެފުށްފެންނަ، ހާމަކަންބޮޑު، ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހިމެނުން.
•ދައުލަތަށް އެންމެ ފައިދާހުރި އަދި އެންމެ ގެއްލުންކުޑަ ގޮތް އިޚްތިޔާރުކުރުން.
•ބާޒާރުގައި އެ ކަމަކަށް އެ ދުވަސްވަރަކު އޮންނަ އަގަށް ރިޢާޔަތްކުރުމާއި ހަމައަގުގައި މަޝްރޫޢު ހަވާލުކުރުން.
•ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ބީލަންކުރުން.
•ރިޝްވަތުގެ ޢަމަލުތައް ހިންގުމަށް ފުރުސަތު ނުލިބޭނެ އަދި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނުހޯދޭނެކަން ކަށަވަރުކުރުން.

މީގެ އިތުރުން، އެ ގަވާއިދުގެ 10.26 އަށް ގެނެސްފައިވާ އިޞްލާޙުގައި ކުއްލި ހާލަތްތަކަކީ ކޮބައިކަން ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ކޮރަޕްޝަންގެ ހިރާސްއޮތްކަން ފާހަގަކުރެވޭތީ، ކުއްލި ހާލަތެއްގައި ނުވަތަ ކުއްލި ހާލަތްތަކުގައި ބައެއް މަސައްކަތް ނުވަތަ މަޝްރޫޢު އާންމުކޮށް ބީލަމަށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އުސޫލު އިސްލާހުކުރަންޖެހެއެވެ.

ދައުލަތުގެ ޕްރޮކިއުމަންޓްގެ ކަންތައްތައް ކުރާނެ އުސޫލު ބަޔާންކޮށްފައި އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަމަށްވެފައި، ގަވާއިދެއްގައި އެ ކަންކަން ބަޔާންކޮށްފައި އޮތުމުގެ ސަބަބުން، ކޮރަޕްޝަންގެ ޢަމަލު ހިންގަން ބޭނުންވާ ހާލަތްތަކުގައި އެ ގަވާއިދަށް ކުއްލިގޮތަކަށް އިޞްލާޙުގެނެސް އެފަދަ ޢަމަލުތައް ހިންގަމުން އަންނަކަން މި ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، ދައުލަތުގެ ޕްރޮކިއުމަންޓްގެ ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި، ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ކޮރަޕްޝަނަށް މަގުފަހިނުވާގޮތަށް، ކޮރަޕްޝަންގެ ހިރާސް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ހެދުމަށްޓަކައި އަދި ޤާނޫނެއްގައި އެކަން ކަނޑައަޅާފައި އޮތުމުން، ބޭނުންވާ ކޮންމެ ހިނދެއްގައި ބޭނުން ކޮންމެ ގޮތަކަށް ޤާނޫނަށް ބަދަލު ގެނައުމުގެ ފުރުސަތު ކުޑަވާނެކަމަށް ފެންނާތީ ދައުލަތުގެ ޕްރޮކިއުމަންޓަށް ވަކި ޚާއްޞަ ޤާނޫނެއް އެކުލަވާލައި ވީހާވެސް އަވަހަށް ޢަމަލުކުރަން ފެށުމަކީ ވަރަށް މުހިންމުކަމެކެވެ. އިސްވެ ދެންނެވުނު އިސްލާޙުތައް، މިނިސްޓްރީ އޮފް ފިނޭންސް އިން ގެނައުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު، މި ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ މަޝްވަރާގެ މަތިން ކުރިޔަށްގެންދިއުމަށް ފެނެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×