އޭ.ސީ.ސީ.އިން ތަޙްޤީޤުކޮށްފައިވާ، 1440ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދިއުމާގުޅޭ މައްސަލަ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭ.ސީ.ސީ.އިން ތަޙްޤީޤުކޮށްފައިވާ، 1440ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދިއުމާގުޅޭ މައްސަލަ

04 Jul 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)އަށް ހުށަހެޅިފައިވާ، 1440 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރެވުނު އިޢުލާނުގެ ދަށުން ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވިފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޕޮއިންޓް ދީގެން ކަމަށް ބުނާ މައްސަލަ، އޭ.ސީ.ސީއިން ތަޙްޤީޤުކޮށް ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 1440 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާނުކުރުމާ ގުޅިގެން މިކަމަށް 18 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްއެއް މިނިސްޓްރީއަށް ބަލައިގަނެ ޕްރޮޕޯސަލްތަކާއެކު ހުށަހަޅަންޖެހޭކަމަށް “ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 1440″ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔުންތައް ހަމަތޯ ޗެކްކުރުމަށްފަހު، އެ އުސޫލުގެ 7 ވަނަ މާއްދާގައި ބުނާ “ޕްރޮޕޯސަލް ބަލައިގަތް”ކަމުގެ ލިޔުން ތައްޔާރުކޮށް، އެ ލިޔުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދިނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިދާރީ މުވައްޒަފުންނެވެ. އަދި މި ލިޔުން ދިންއިރު، އިސްވެ ދެންނެވުނު އުސޫލުގެ 6 ވަނަ މާއްދާގައި ޕްރޮޕޯސަލްތަކާއެކު ހުށަހަޅަންޖެހޭކަމަށް ލާޒިމްކުރާ ލިޔުމެއް ނެތްނަމަވެސް ޕްރޮޕޯސަލް ބަލައިގެންފައިވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިދާރީ މުވައްޒަފުން ބަލައިގަތް 18 ޕްރޮޕޯސަލް އިވެލުއޭޝަން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމަށް ހުށަހެޅުނުއިރު، އެ ޕްރޮޕޯސަލްތަކާއެކު “ޕްރޮޕޯސަލް ބަލައިގަތްކަމުގެ ލިޔުން” އޮތް ނަމަވެސް، ޕްރޮޕޯސަލްތަކާއެކު ހުށަހަޅަން ލާޒިމްކުރާ ލިޔުންތައް ހަމަތޯ ރީޗެކްކުރަން އިވެލުއޭޝަން ކޮމެޓީގެ މެންބަރުން ނިންމައި، އެ މަސައްކަތް އިދާރީ މުވައްޒަފުންނާ ޙަވާލުކޮށްގެން އިދާރީ މުވައްޒަފުން އަލުން ރީޗެކް ކުރިކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ.

އިސްވެ ދެންނެވުނު އިވެލުއޭޝަން ކޮމިޓީގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައިވެރި މެންބަރަކާއި ޙައްޖު ސެކްޝަނުގެ މުވައްޒަފެއްގެ ހާޟިރުގައި، އިވެލުއޭޓްކޮށްފައިވާ ޕްރޮޕޯސަލްތައް މި ކޮމިޝަނުން ޗެކްކުރިއިރު، ޕްރޮޕޯސަލް ހުށަހެޅި ޕްރައިވެޓް ކުންފުންޏަކުން “ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު 1440” ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅި އިތުރު އެހެން ކުންފުންޏަކުން ވެސް ހަމަ އެ މާއްދާގައި ބަޔާންކޮށްފައިވާ އިސްވެރިޔާއާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، މި ދެ ޕްރޮޕޯސަލްއަކީ އިވެލުއޭޝަން ކޮމެޓީއިން ބާޠިލް ކުރަންޖެހޭ ދެ ޕްރޮޕޯސަލަށް ވީނަމަވެސް، މި ދެ ޕްރޮޕޯސަލް އިވެލުއޭޝަން ކޮމެޓީއިން ބާޠިލްކޮށްފައިނުވެއެވެ.

ބާޠިލްކުރަންޖެހޭ 2 ޕްރޮޕޯސަލް ބާތިލްކޮށްފައި ނުވަނީ އުސޫލުގެ 7 ވަނަ އަދި 8 މާއްދާގައި ބަޔާންކުރާގޮތުގެމަތިން ބަލަންޖެހޭ މިންވަރަށް ނުބެލުމުންކަން މި ކޮމިޝަންގެ ތަހްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމެޓީއިން ޕްރޮޕޯސަލްތަކަށް ޕޮއިންޓްދީފައިވަނީ މަޢުލޫމާތު ޝީޓާ ޚިލާފަށްކަމަށް ބުނެފައިވީނަމަވެސް، ޙައްޖަށް ގެންދިޔުމަށް ހުށަހަޅާ އަގުގެ ބަޔަށް ޕޮއިންޓް ދީފައިވަނީ ޙައްޖަށް ގެންދިޔުމަށް ބޮލަކަށް ނެގުމަށް ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ދަށް އަގަށް އެބަޔަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓް ދީގެން އަގު ބޮޑުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެއެވެ.

ތަޖުރިބާގެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮންމެ ދާއިރާއަކަށްވެސް ލިބިފައިވާ ތަޖުރިބާ އެނގޭނެ ލިޔުންތަކުން ތަޖުރިބާ ލިބިފައިވާ އަހަރުގެ އަދަދަށް ބަލައިގެން އެންމެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަށް އެ ދާއިރާއަކަށް ކަނޑައަޅާފައިވާ ޕޮއިންޓް ފުރިހަމައަށް ލިބޭގޮތަށް އަދި ތަޖުރިބާގެ އަހަރު މަދުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެއެވެ.

ޚިދުމަތާއި ޚިދުމަތުގެ ފެންވަރުގެ ބަޔަށް ޕޮއިންޓް ދިނުމުގައި، ސަބްޖެކްޓިވްކޮށް ޕޮއިންޓްތައް ދޭންހުރި ބައިތަކަށް ޕޮއިންޓް ދީފައިވަނީ ޕްރޮޕޯސަލްއާއެކު ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި އިވެލުއޭޝަން ކޮމެޓީގައި މަޝްވަރާކޮށްފައިކަމަށް ތަޙްޤީޤަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕްރޮޕޯސަލްތަކަށް ޕޮއިންޓްދީފައިވާގޮތް ބެލިބެލުމުން، ޕޮއިންޓްދީފައިވާ ބައެއް ދާއިރާތަކުގެ ސަބްކެޓަގަރީތަކަށް ދީފައިވާ ޕޮއިންޓަކީ ރަނގަޅަށް ދީފައިވާ ޕޮއިންޓްކަން ޕްރޮޕޯސަލްއާއެކު ހުށަހަޅާފައިވާ ލިޔުންތަކުން ކަށަވަރު ނުކުރެވޭކަން ފާހަގަކުރެވެއެވެ. މި ކޮމިޝަނުން ޕޮއިންޓް ދީފައިވާގޮތް ބެލިބެލުމުން، ޕޮއިންޓް ދިނުމުގައި ގަސްތުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ޕޮއިންޓްދީ، ގަސްތުގައި ވަކިފަރާތަކަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައި ނުވެއެވެ. އެހެންކަމުން، މި މައްސަލައިގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުމާ މަނާކުރުމުގެ ޤާނޫނު)ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.

މީގެއިތުރުން، ޤާނޫނުނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މި މައްސަލައާ ގުޅިގެން ތިރީގައި މި ދަންނަވާ ކަންތައްތައް އިޞްލާޙުކުރުމަށް، މި ކޮމިޝަނުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަންގާފައެވެ.

 ޙައްޖަށް މީހުންގެންދިޔުމާބެހޭ އުސޫލުގެ 6 ވަނަ މާއްދާގައި، ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބަޔާންކޮށްފައިވާއިރު، އެ އުސޫލުގެ 7 ވަނަ މާއްދާގެ (ނ) ގައި، ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ޕްރޮޕޯސަލާއެކު ހުށަނާޅާނަމަ، ޕްރޮޕޯސަލް ބަލައިގަންނަ މަރުހަލާގައި އެ ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޕްރޮޕޯސަލްތައް ބަލައިގަތްއިރު 6 ވަނަ މާއްދާގައި ބުނެފައިވާ ލިޔުންތައް ހަމަނުވިނަމަވެސް، ޕްރޮޕޯސަލްތައް ބަލައިގަނެ އުސޫލުގެ ޖަދުވަލު 4 ގައިވާ ލިޔުން ތައްޔާރުކޮށް މިނިސްޓްރީގެ މުވައްޒަފުގެ އިތުރުން ޕްރޮޕޯސަލް ހުށަހެޅި ފަރާތުން ސޮއިކޮށް އެ ލިޔުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވޭތީ، މީގެފަހުން ޕްރޮޕޯސަލްތައް ބަލައިގަންނައިރު އުސޫލުގައި ކަނޑައެޅިގެން ވަކިގޮތަކަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންކަމުގައި ސީދާ އެގޮތަކަށް ޢަމަލުކުރުމަށާއި، އަދި ކޮންމެހެން ބަލަންޖެހޭނެކަމަށް އުސޫލުގައި ބުނާ ލިޔުންތައް ވަކިވަކިން ބަލައި ލިޔުންތައް ކަށަވަރުކޮށްފައި މެނުވީ ޕްރޮޕޯސަލްތަކާ ޙަވާލުނުވުމަށް.

 1440 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަތޯ ބެލުމަށް ދެވަނަ ފަހަރަށް ޗެކްކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިދާރީ މުވައްޒަފުން ޗެކްލިސްޓެއް ތައްޔާރުކޮށްފައިވީނަމަވެސް، އެ ޗެކްލިސްޓްގައި އެއްވެސް މުވައްޒަފެއް ސޮއިކޮށްފައިނުވާކަން ފާހަގަކުރެވިފައިވާތީ، މިގޮތަށް ލިޔުންތައް ޗެކްކުރި ފަރާތް އެނގެން ނެތުމުން ދިމާވާ މައްސަލަތަކާ ގުޅިގެން ވަކި ފަރާތެއް ޒިންމާނުކުރެވޭނެތީ، މިފަދަ ޕްރޮޕޯސަލްތަކާ ގުޅިގެން މީގެފަހުން ތައްޔާރުކުރާ ހުރިހާ ޗެކްލިސްޓްތަކުގައި ޗެކްކުރި މުވައްޒަފު ސޮއިކޮށް ތާރީޚާއި ގަޑި ލިޔެ، ލިޔުންތައް ބެލެހެއްޓުމަށް.

 ފޯރުކޮށްދޭ ޚިދުމަތާއި ޚިދުމަތުގެ ފެންވަރަށް ޕޮއިންޓް ދިނުމުގައި، ވަރަށް ގިނަ ކެޓަގަރީތަކެއް “ދެރަ”، “މެދުމިން”، “ރަނގަޅު” އަދި “ވ.ރަނގަޅު” މިގޮތަށް ދަރަޖަކޮށްފައިވާއިރު ދަރަޖަކޮށްފައިވަނީ ކޮންކޮން ކަންތައްތަކަކަށް ބަލައިގެންކަން އިވެލުއޭޝަން ކޮމެޓީގެ ރިޕޯޓް އަދި ކޮމެޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުންވެސް އެނގެން ނެތްއިރު، މިގޮތަށް ދަރަޖަކޮށްފައިވަނީ ކޮމެޓީގައި މަޝްވަރާކޮށްގެން ޕްރޮޕޯސަލްތައް އަޅާކިޔައި، އެންމެ ރަނގަޅުކަމަށް ކޮމެޓީގެ މެންބަރުންނަށް ފެންނަ ފަރާތަކަށް އެންމެ މަތީ ދަރަޖަ ދީގެންކަމަށް މި މައްސަލައިގެ ތަޙްޤީޤަށް މަޢުލޫމާތު ލިބިފައިވާތީ، މިގޮތަށް ސަބްޖެކްޓިވްކޮށް ދަރަޖަކޮށްގެން ޕޮއިންޓް ދިނުމުގެ ސަބަބުން ޕޮއިންޓް ދިނުމުގައި ހަމަހަމަ އުޞޫލެއް ނެތި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކުރެވޭތީ، މީގެފަހުން މިފަދަ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދޭނެ މިންގަނޑު ކަނޑައަޅާއިރު، ސަބްޖެކްޓިވްކޮށް މާކްސް ދޭންޖެހޭ ގޮތަށް ކަނޑައެޅުމުގެ ބަދަލުގައި މަޢުލޫމާތު ޝީޓުގައި ތަފްޞީލްކޮށް ޕޮއިންޓް ދޭނެގޮތް ބަޔާންކުރުމަށް.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×