މޯލްޑިވްސް މަނިޓަރީ އޮތޯރިރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އަށް ލިބިފައިވާ އެސް.ޓީ.އާރ އެނަލައިޒު ކުރިއިރު ފާހަގަކުރެވުނު ކަންތައްތައް ތަޙްޤީޤީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލަ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

މޯލްޑިވްސް މަނިޓަރީ އޮތޯރިރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އަށް ލިބިފައިވާ އެސް.ޓީ.އާރ އެނަލައިޒު ކުރިއިރު ފާހަގަކުރެވުނު ކަންތައްތައް ތަޙްޤީޤީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލަ

02 Jul 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤުކޮށްފައިވާ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތެރެއިން ފާހަގަކުރެވުނު އެއް މައްސަލަކަމަށްވާ، “މޯލްޑިވްސް މަނިޓަރީ އޮތޯރިރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އަށް ލިބިފައިވާ އެސް.ޓީ.އާރގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެނގެން އޮންނައިރު، އެ މައްސަލަ އިތުރަށް ތަހްޤީޤުކުރުމަށް ތަޙްޤީޤީ އިދާރާއަކަށް ފޮނުވާފައި ނުވަނީ ވަކިފަރާތެއްގެ ނުފޫޒުންކަމަށް ކުރެވޭ ތުހުމަތާގުޅޭ މައްސަލަ” މިކޮމިޝަނުން ތަޙުޤީޤުކޮށް ވަނީ ނިންމާފައެވެ.

މި މައްސަލަ އޭ.ސީ.ސީއިން ތަޙްޤީޤުކޮށް ބެލި ބެލުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު،

1. ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައި އެފް.އައި.ޔޫއަށް ލިބިފައިވާ މަޢުލޫމާތެއް، މަނީ ލޯންޑްރިންގގެ ޙަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތަކާއި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭނަމަ، އެކަމުގެ މަޢުލޫމާތު ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ނުވަތަ ތަޙްޤީޤުކުރާ އިދާރާއަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

2. ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން އެފް.އައި.ޔޫއަކީ އެ ޔުނިޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެއްކަމާއި، 29 ޑިސެންބަރު 2013 އިން 31 ޑިސެންބަރު 2015 ގެ ނިޔަލަށް އެފް.އައި.ޔޫއިން އަމަލުކުރަމުންދިޔަ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސަރޖީގައިވެސް އެފް.އައިޔޫއަށް ލިބޭ އެސް.ޓީ.އާރުތަކަކީ އިތުރަށް ތަޙުޤީޤުކުރަން ޖެހޭ އެސް.ޓީ.އާރއެއްތޯ އެފް.އައި.ޔޫގެ ހެޑް ބަލަންޖެހޭނެކަމަށާއި އެސް.ޓީ.އާރ އެނެލިސިސްއެއްގައި މަނީ ލޯންޑަރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްއަށް ޝައްކުކުރެވޭ ފަދަ އަމަލެއް ހިނގާކަން ނުވަތަ ހިންގާފައިވާކަމަށް ފެންނަނަމަ އެ މަޢުލޫމާތު އެކަމާ ގުޅޭ ތަޙުޤީޤީ އިދާރާއަކަށް ފޮނުވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންވަނީ އެފް.އައި.ޔޫގެ ހެޑްއަށްކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެއްވެސް ނިންމުމެއް ނިންމާއިރު ގަވަރުނަރާ މަޝްވަރާކުރުމަށް ނުވަތަ ގަވަރުނަރުގެ އިރުޝާދު ހޯދަންޖެހޭނެކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް އެފް.އައި.ޔޫގެ އެސް.އޯ.ޕީއެއްގައިވެސް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

3. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފް.އައި.ޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

4. އެ ރިޕޯޓުގެ ޚުލާސާގެ ގޮތުގައި 4 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
• ތުހުމަތު ކުރެވޭ ކުންފުންޏަށް 18,200,000.00 (އަށާރަ މިލިއަން ދެލައްކަ) އެމެރިކާ ޑޮލަރު އަދި، 59,700,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ) ރުފިޔާ އާއެކު ޖުމްލަ 22,100,000.00 (ބާވީސް މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޑިޕޮސިޓްސްގެ ގޮތުގައި ލިބިފައިވުން.
• 24 އޯގަސްޓް 2014 އިން 25 ނޮވެންބަރު 2014 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެމް.އެމް.ޕީ.އާ.ރސީއިން ތުހުމަތު ކުރެވޭ ކުންފުނީގެ އެކައުންޓަށް 5,350,000.00 (ފަސްމިލިއަން ތިންލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރާއި 59,750,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއެކު ޖުމްލަ 9,100,000.00 (ނުވަ މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވުން.
• ޖުމްލަ 08 ޓްރާންސެކްޝަންއެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47,500,000.00 (ސާޅިސްހަތް މިލިއަން ފަސްލައްކަ) ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވުން.
• އިސްވެ ބަޔާންކޮށްފައިވާފަދަ ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭވަރުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގާކަމުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިންގ އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަން.

5. އެ ރިޕޯޓުގެ ނިންމުމުގައި ޤާނޫނު ނަންބަރު 2014/10 މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ތުހުމަތު ކުރެވޭ ކުންފުންޏާ ގުޅިގެން ހުށަހެޅިފައިވާ އެސް.ޓީ.އާރގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށާއި ތުހުމަތު ކުރެވޭ ކުންފުންޏަށް ފައިސާ ލިބެމުންދާގޮތް ދެނެގަތުމަށާއި އެ ކުންފުންޏަށް ލިބޭ ފައިސާ އެއްވެސް ޤާނޫނާ ހިލާފު ޢަމަލެއް ކުރުމަށް ބޭނުންކުރޭތޯ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުމަށާއި ބޭންކްތަކަށް ކަސްޓަމަރ ޑިއު ޑިލިޖެންސް “CDD” ހެދުމަށް އެންގުމަށާއި ޤާނޫނު ނަންބަރު 2014/10 މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ (އެމް.އެމް.އޭގެ) ފައިނޭންޝަލް ސެކްޓަރ ޑިވިޝަން އަށް އެންގުމަށް ފެންނަކަމަށް ބަޔާންކޮށްފައިވެއެވެ.

6. ހަމައެހެންމެ، އެ ރިޕޯޓްގައިވާ ކަންތައްތައް ތަހުޤީޤުކުރަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވުމަށް ނިންމާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ރިޕޯޓް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، އެފް.އައި.ޔޫގެ އެނަލިސިސް ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އެފް.އައި.ޔޫގެ އޭރުގެ ވެރިޔާކަން އޭނާގެ އިޢުތިރާފުންނާއި، މި މައްސަލައިގެ ތަހުޤީޤަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

7. 06 އޭޕްރިލް 2015 ގައި އެފް.އައި.ޔޫއިން ތައްޔާރުކޮށް އެ ޔުނިޓްގައި ފައިލްކޮށްފައިވާ ފައިނަލް ރިޕޯޓުގެ ނިންމުމުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން އެފްއައި.ޔޫއަށް ހުށަހެޅުނު އެސް.ޓީ.އާރއާ ގުޅިގެން އެފް.އައި.ޔޫއިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ހުރިހާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އެ އެނަލިސިސް ރިޕޯޓްގެ ނިންމުމުގައި ތުހުމަތު ކުރެވުނު ކުންފުންޏާ ގުޅޭގޮތުން އެފް.އައި.ޔޫއަށް ހުށަހަޅާފައިވާ އެސް.ޓީ.އާރ ބޭންކުން ހުށަހަޅާފައިވަނީ އެ ކުންފުނީގެ މުޢާމަލާތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ކަސްޓަމަރ އިންކާރުކުރުމުންކަމަށާއި އެ ކުންފުނިން ހިންގާ ވިޔަފާރިތަކާ ނުބައްދަލު ފައިސާގެ މުޢާމަލާތްތައް ކުންފުނީގެ އެކައުންޓްސްތަކުން ހިންގަމުން ގެންދިޔައިރު ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްއިން އެ މުޢާމަލާތްތަކުގެ މަޢުލޫމާތު ހޯދައިފައިނުވާކަމަށާއި އެހެންކަމުން ބޭންކް އޮފް މޯލްޑިވްސްއިން އެ ކުންފުނިން ޖަމާކޮށްފައިވާ ފައިސާ އާއި އެކައުންޓުން ނަގާފައިވާ ފައިސާތަކުގެ ރެލެވަންޓް ”CDD” (Customer Due Diligence) ހަދާފައިނުވާކަމަށް އެފް.އައި.ޔޫއިން ނިންމާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެ އެނަލިސިސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އާދަޔާ ޚިލާފު ކަންތައްތަކެއް ކަމުގައި ވީނަމަވެސް އެ ކަންތައްތަކުން މަނީ ލޯންޑަރިންގެ އެއްވެސް ޢަމަލެއް ނުވަތަ މަނީ ލޯންޑަރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކުކުރެވޭ ވަރުގެ އިންޑިކޭޝަންއެއް ލިބިފައިނުވާކަމަށް ނިންމާފައިވެއެވެ. އެހެންކަމުން އެ އެސް.ޓީ.އާރއަކީ އިތުރަށް ތަޙްޤީޤު ކުރަން ތަޙްޤީޤީ އިދާރާއަކަށް ފޮނުވަން ނުޖެހޭ އެސް.ޓީ.އާރއެއް ކަމަށް ނިންމާފައިވެއެވެ.

8. މި މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ އެ ޑިސިޝަން ނަގާފައި އެވަނީ އެވަގުތު ލިބެންހުރި ރިސޯސް ތަކަށް ބަލައި ބްލެކްމަނީއަށް ފޯކަސްކުރުމަށް އޭރުގެ ގަވަރުނަރު އިރުޝާދުދީފައިވާތީކަމަށާއި، އެސް.ޓީ.އާރ އެނެލިސިސް ރިޕޯޓުގައި ވަރަށް ގިނަ ސުވާލު އުފެދޭ ޝައްކު ކުރެވޭ ކަންތައްތަކެއް ބަޔާންކޮށްފައި ހުރިކަމުގައި ވީނަމަވެސް، އެފް.އައި.ޔޫ ގެ އެވަގުތުގެ ފޯކަސްއަކީ ރާއްޖޭން ބޭރުން އަންނަ ބްލެކް މަނީ ހުއްޓުވުމަށް މަސައްކަތްކުރުންކަމަށް ގަވަރނަރ ދިން އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށް އެއްވެސް ތަޙްޤީޤީ އިދާރާއަކާ ޙަވާލުނުކުރުމަށް ނިންމީކަމަށާއި ގަވަރނަރ ދޭ އިރުޝާދަށް ޢަމަލުކުރުމަކީ ޤާނޫނުން އެފް.އައި.ޔޫ ގެ ހެޑްއަށް ލާޒިމްކުރާ ކަމެއް ނޫންކަމުގައި ވީނަމަވެސް، އޭނާ އޭރު މަސައްކަތްކުރި އިންސްޓްޓިއުޓް ގެ އުސޫލުތަކާ އަދި އެފް.އައި.ޔޫ އަކީ ހަމަ ސީދާ ގަވަރނަރ އާ މަޝްވަރާކޮށްގެން ހިނގާ ތަނެއްގެ ގޮތުގައި އޮތުމުން ޤަބޫލުކުރީ އެ އިންސްޓްޓިއުޓް ހިންގަނީ އެގޮތަށްކަމަށާއި އެފް.އައި.ޔޫ ގެ ރިސޯސް މުއްސަނދިވުމުން އިތުރު ކަންތައްތައްވެސް ބެލޭނެކަމަށް ކަމަށް އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ އެފަދަ އިރުޝާދެއް ދީފައިވާކަމުގެ އެއްވެސް ހެއްކެއް ތަހުޤީޤަށް ލިބިފައެއް ނުވެއެވެ. އަދި އޭރުގެ ގަވަރުނަރު އެފް.އައި.ޔޫ އިން އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް އިރުޝާދު ދީފައި ނުވާނެކަމަށް ތަޙުޤީޤުގައި ބުނެފައިވެއެވެ.

9. މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ދީފައިވާތީއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެސް.އޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ ހެޑް އޮފް އެފް.އައި.ޔޫ ކަމަށް ވާތީ އެ ޔުނިޓުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާކަން ފާހަގަކުރެވެއެވެ.

10. އެ ރިޕޯޓް އެނަލައިޒް ކުރަމުންދިޔައިރުވެސް، އިސްވެދެންނެވުނު ކުންފުނީގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުޢާމަލާތްތަކަކީ މަނީ ލޯންޑަރިންގކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފް.އައި.ޔޫގެ ވެރިޔާއަށް އެނގޭކަމަށާއި އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލްކުރިއިރުވެސް، އެއީ ތަހުޤީޤު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭކަމަށް އެފް.އައި.ޔޫގެ ވެރިޔާ އިއުތިރާފްވެފައިވާތީ، އޭނާގެ އެ ޢަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުޤީޤަށް ފާހަގަ ކުރެވެއެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

11. މި މައްސަލައިގައި މި ކޮމިޝަންގެ ތަޙްޤީޤުން މިހާތަނަށް ބެލިބެލުމުގައި، މި މައްސަލާގައި އެފް.އައި.ޔޫގެ އެނަލިސިސް ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި އެފް.އައި.ޔޫގެ އޭރުގެ މެނޭޖަރުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ކޮށްފައިވީނަމަވެސް، އެ އެނަލިސިސް ރިޕޯޓް ތަހުޤީޤުކުރުމަށް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމި ނިންމުގައި އެ ފަރާތުން ބައިވެރިވެފައި ނުވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެފް.އައި.ޔޫގެ އެސް.އޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ އެފް.އައި.ޔޫގެ ވެރިޔާ ކަމަށްވެފައި، އެނަލިސިސް ރިޕޯޓަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ޤާނޫނީ ބާރު އެފް.އައި.ޔޫގެ މެނޭޖަރުގެ ކިބާގައި ނެތްކަން ކޮމިޝަންގެ ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެ ރިޕޯޓާއި ގުޅިގެން އެފް.އައި.ޔޫގެ މެނޭޖަރު ބައިވެރިވެފައިވަނީ ހަމައެކަނި އެސްޓީއާރު އެނަލިސިސް ރިޕޯޓު ހެދުމުގައިކަން ތަހުޤީޤަށް ލިބިފައިވާ ހެކިތަކުން އެނގެއެވެ.

12. މީގެއިތުރުން، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް ފޮނުވާފައިވާ އިސްވެ ދެންނެވުނު އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު އެފް.އައި.ޔޫ އިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓް، އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ ޖީމެއިލް އެކައުންޓުން އޭރުގެ ޤަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުޤީޤަށް ފާހަގަކުރެވުނު ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް ޢަމަލު ކުރަން އެފް.އައި.ޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިނުވެއެވެ. ހަމައެހެންމެ، އެ ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ޤަވަރުނަރު އެގޮތަށް ޢަމަލުކުރުމަށް ބުނެ، އޭނާގެ ނުފޫޒު ފޯރުވައިގެންކަން ސާބިތުކުރެވޭވަރުގެ ހެއްކެއް ކޮމިޝަންގެ ތަހުޤީޤަށް ލިބިފައިނުވެއެވެ.

13. އޭ.ސީ.ސީން މި މައްސަލަ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު 18 ފެބްރުވަރީ 2019ގައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނުނަމަވެސް މިމައްސަލައާ ގުޅިގެން ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިރާސާކުރުމަށްފަހު، މިމައްސަލާގައި ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކޮށްފައިވާކަމަށް ބެލެވޭތީ މިމައްސަލަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިތުރަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށް އިރުޝާދުދީފައިވާތީ މި މައްސަލަ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ތަޙުޤީޤުކުރުމަށް 21 ފެބްރުވަރީ 2019ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ ފޮނުވިފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×