ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭ

19 May 2019

ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭ މައްސަލަ މިކޮމިޝަނުން މިހާތަނަށް ބެލިބެލުމުގައި ފާހަގަކުރެވުނު ކަންތައްތައް ތިރީގައި މިވަނީއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު، ބްރިޖްގެ މަސައްކަތް ހިނގަމުންދާގޮތް އާންމު ފަރާތްތަކަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ބްރިޖް ވިއުއިންގ ޕްލެޓްފޯމެއް ފުޑް އައުޓްލެޓަކާއެކު ތަރައްޤީކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި 22 ސެޕްޓެމްބަރ 2016 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ތަން ޢިމާރާތްކުރުމަށް ދޭ 06 މަސްދުވަހުގެ ގްރޭސްޕީއަޑްގެ އިތުރުން 03 އަހަރުދުވަހެވެ. މި އެއްބަސްވުމުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަކީ ބްރިޖް ވިއުއިންގ ޕްލެޓްފޯމް ހެދުމާއި ފުޑް އައުޓްލެޓް އޭރިޔާ ތަރައްޤީކުރުމާއި ޕްލެޓްފޯމުގެ އިރުން ޕާކިންގއޭރިޔާއެއް ތަރައްޤީކުރުމެވެ. މީގެއިތުރުން މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރަށް ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި އިސްތިހާރުކުރުމަށް ލެޑްވޯލްތަކެއް ހަރުކުރުން ސްޑްރާޑާގެ ޕްރޮޕޯސަލްގައި ހިމަނާފައިވެއެވެ.

މަތީގައިވާ އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި “ޗާޓައިމް”ގެ ގޮތުގައި އިމާރާތްކޮށްފައި ހުރި ތަން ތަރައްޤީކުރުން ހިމެނިފައެއް ނުވެއެވެ. ނަމަވެސް ސްޓްރާޑާގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެނ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރަން ދޫކޮށްފައިވާ ބިމުގެ އެންމެ އުތުރުފަރާތުގައިވާ ޕާކިންގ ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދު ފިނިބުއިން ވިއްކާތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމާ ގުޅިގެން ސްޓްރާޑާއަށް ދީފައިވާ ބިން ތަރައްޤީކުރުމަށް އިތުރު ހުށަހެޅުންތަކެއްވެސް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައިވެއެވެ. މިގޮތުން މި ޕްރޮޖެކްޓަށް ގެންނަން ހުށަހަޅާފައިވާ މައިގަނޑު ބަދަލުތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ދެކުނުން އޮތް ބިމުގައި ޒަމާނީ ފުޓްބޯޅަ ޕިޗެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކުރުމާއި 240 ސައިކަލާއި 12 ކާރު ޕާކުކުރެވޭ ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމާއި ރަނގަޅު ފެންވަރުގެ ސިނަމާއެއް ތަރައްޤީކޮށް ހިންގުމާއި މަގުމަތީގައި ގަސް އިންދައިދިނުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިޔާއެއް ތަރައްޤީކުރުމެވެ. މިކަންތައްތައް ކުރުމުގެ ބަދަލެއްގެ ގޮތުން އެއްބަސްވުން އިތުރު 05 އަހަރަށް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އަދި މީގެއިތުރުން ސަރުކާރުން ބޭނުން ޚިދުމަތެއް ދިނުމަށްޓަކައި ސީ.އެސް.އާރު.ގެ ގޮތުގައި 02 މިލިއަން ރުފިޔާ ދިނުމަށްވެސް ހުށަހަޅާފައިވެއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމުގެ މަސައްކަތަކީ ވަގުތީގޮތުން ކުރާ މަސައްކަތެއްކަން ލިޔުންތަކުން އެނގޭއިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަޤްޞަދު ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. އަދި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ގެނެވޭ ފުރަތަމަ އިޞްލާޙުގައި 13 އޭޕްރީލް 2017 ގައި ސޮއިކުރިއިރު، އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ބައެއް ކަންތައްތައް ފުރިހަމަކޮށްފައިނުވާކަންވެސް ފާހަގަކުރެވެއެވެ.

މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް 18 މާރިޗް 2018ގައި ފޮނުވާފައިވާ ސިޓީގައި، މާލެއާއި ހުޅުލެއާއި ދެމެދު ޤާއިމުކުރެވޭ ބްރިޖް ގުޅާލެވޭ މަގުތައް ފުޅާކުރުމުގެގޮތުން ހިތިގަސްމަގު ފުޅާކުރުމަށްޓަކައި މަގަށް ނެގުމަށް ހަމަޖެހިފައިވާ ބައިގައި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިމުގައި ހިމެނޭ ފިނިބުއިން ވިއްކާ ތަން (ޗާޓައިމް) ހިމެނޭ ކަމަށާއި އެތަން އެހެން ސަރަޙައްދަކަށް ބަދަލުކުރަން ބޭނުންވާތީ އެކަން ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ.

މި ސިޓީގެ ޖަވާބުގައި 19 މާރިޗް 2018 ގައި ސްޓްރާޑާއިން ފޮނުވާފައިވާ ސިޓީގައި، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ލައުންޖާއި ސިނަމާ ތަރައްޤީކުރުމުގެ ބަދަލުގައި އެތަން ތަރައްޤީކުރުމަށް ދީފައިވާ ބިމުގައި ދެބުރިއާއި ޓެރަހެއް ހިމެނޭ ޢިމާރާތެއްކޮށް އިވެންޓް ކޮމްޕްލެސް ޢިމާރާތެއް ހަދައި ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޕާކިންގއާއި ޗާޓައިމް ކެފޭ ހެދުމަށް ހުށަހެޅުމާ ގުޅިގެން، އެކަން އެގޮތަށް ކުރިއަށް ގެންދިއުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުއްދަދީ އެއްބަސްވުމަށް އިސްލާހު ގެނެސްފައިވެއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިޞްލާޙުގައި 18 އޭޕްރީލް 2018 ގައި ސޮއިކުރިއިރު އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ ގިނަ ކަންތައްތައް ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އަދި  އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިޞްލާޙުގައި 18 އޭޕްރީލް 2018 ގައި ސޮއިކުރިއިރު، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ބިމުގެ ކުލީގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަމުން ނުދާކަން ފާހަގަކުރެވެއެވެ. އެއްބަސްވުމުގައި ސޮއިކުރިއިރު ބިމުކުލި ދައްކާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހާ ހަމައަށެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައްކަމުންނުދާކަން ފާހަގަކުރެވެއެވެ. މިގޮތުން 29 އޮކްޓޫބަރ 2018 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1,439,363.00 (އެއްމިލިއަން ހަތަރުސަތޭކަ ތިރީސްނުވަހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ ނުދައްކާ އޮތްކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް 13 އޭޕްރީލް 2017 ގައި ގެނެސްފައިވާ ފުރަތަމަ އިޞްލާޙުގެ ދަށުން ސީ.އެސް.އާރު.ގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ 02 މިލިއަން ރުފިޔާވެސް 29 އޮކްޓޫބަރ 2018 އާ ހަމައަށް ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ.

މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ ޗާޓައިމް ޢިމާރާތް އެތަނުން ނަގާފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންގައިގެންކަމަށްވީނަމަވެސް

ޗާޓައިމް ހިންގި ޢިމާރާތް ހެދުމުގެ ހުއްދަ ދީފައިވަނީ ޕްލެޓްފޯމްގެ ޚިދުމަތް ލިބިގަންނަ މީހުންނާއި ޕްލޭ އޭރިޔާ ބޭނުންކުރާ ކުދިންނަށް ފިނިބުއިން ވިއްކުމަށް ތަނެއް ހެދުމުގެ މަޤްޞަދުގައިކަން ލިޔުންތަކުން އެނގޭއިރު، ފްރެންޗައިޒެއް ގެނެސް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިއެވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ރިސްކުގައިކަމަށް ޤަބޫލުކުރެވޭތީއާއި

އެއްވެސް ޙާލެއްގައި ޢިމާރާތަށް ބަދަލެއް ދޭންޖެހިއްޖެނަމަވެސް، ޢިމާރާތް ހެދުމަށް ދިޔަ ޚަރަދު ފިޔަވައި އެހެން ޚަރަދެއް ދޭންޖެހޭނެކަމަށް ޤަބޫލުނުކުރެވޭތީއާއި

ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭނެ ޢަދަދު ކަނޑައަޅާފައިވަނީ ޢިމާރާތުގެ އަގުމަގުކޮށް ވެލުއޭޝަނެއް ހަދައިގެން ނޫންކަމަށްވާތީއާއި

ބަދަލުގެ ގޮތުގައި ދޭނެ ޢަދަދު ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާހަމައަށް ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ޢަދަދުން ނެޓް ޕްރޮފިޓް (ސާފު ފައިދާ) ގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ ޢަދަދުތަކަށް ބަލައިގެންކަމަށްވާއިރު، މިއީ ގެއްލުމުގެ ބަދަލު ހޯދުމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލަކަށް ނުވާތީއާއި

ޗާޓައިމް ހިންގި ޢިމާރާތް ނެގުމާގުޅޭގޮތުން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން، އެއްބަސްވުމުގެ 10.4 ވަނަ މާއްދާއަށް ބަދަލުގެނެސް، މަސައްކަތް ޙަވާލުކުރާ ފަރާތުން ހުށަހަޅާފައިވާ ރިވައިސްޑް ޕްރޮޕޯސަލްގައިވާ މަސައްކަތް ކުރަމަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުމަށްފަހު އަދުލުވެރި ބަދަލެއް ދިނުމަށް އެއްބަސްވެފައިވަނީ ޗާޓައިމް ހިންގި ޢިމާރާތް ނަގަންޖެހުމާ ގުޅިގެން ސްޓްރާޑާއަށް އިތުރަށް ފައިދާއެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށް ބެލެވޭތީއާއި

ޗާޓައިމް ހިންގި ޢިމާރާތް ނެގުމުގެ މަސައްކަތަކަކީ ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލްކުރުން ނޫންކަމާއި ޗާޓައިމް އިންވެސްޓްމަންޓަކީ ސްޓްރާޑާއިން ހުށަހަޅާފައިވާ ރިވައިސްޑް ޕްރޮޕޯސަލްގައިވާ މަސައްކަތެއް ނޫންކަމަށްވާތީ އެއްބަސްވުމުގެ 10.4 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުގެ ދަށުންވެސް ޗާއިމް ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭނެ ފައިސާގެ ޢަދަދު މިހާރު ހިސާބު ހަދާފައިވާގޮތަށް ހިސާބު ކުރެވޭނެކަމަށް ޤަބޫލުނުކުރެވޭތީއާއި

ޗާޓައިމް ހިންގި ޢިމާރާތް ނަގާފައިވަނީ އެކަމުގެ ބަދަލުގައި ސްޓްރާޑާއިން އިތުރު ހުށަހެޅުންތަކެއް ހުށަހަޅައި އެކަމަށް ދެ ފަރާތުން އެއްބަސްވެގެންކަމަށްވާތީއާއި

ޗާޓައިމް ޢިމާރާތް ނަގަންޖެހުމާ ގުޅިގެން އެކަމުގެ ބަދަލުގެ ގޮތުގައި ސްޓްރާޑާއިން ހުށަހަޅާފައިވާ ކަންތައްތަކަށް ބިނާކޮށް ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް 18 އޭޕްރީލް 2017 ގައި ދެވަނަ އިޞްލާޙެއް ގެނެސްފައިވާއިރު، އޭގެ އިތުރުން އެއްވެސް ބަދަލެއް ބޭނުންވާނަމަ، ޝަރުޢީ ކޯޓެއް މެދުވެރިވެގެން ނޫންގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ޤަބޫލުނުކުރެވޭތީ

ޗާޓައިމް ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14,493,427.00 ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެކަން މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަނީ 20 ފެބުރުވަރީ 2019ގައި އަންގާފައެވެ.

އަދި ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިނުވާއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރުގެ އޮވެ، އެކަމާގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނާޅައި، ޗާޓައިމް ހިންގި ޢިމާރާތް ނަގަންޖެހުމާގުޅިގެން އެކަމުގެ ބަދަލުގައިކަމަށްބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭތީއާއި ޗާޓައިމް ހިންގި ޢިމާރާތް ނަގަން ޖެހުމުންކަމަށްބުނެ އެފަރާތަށް ދޭންނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މި މައްސަލަ މިކޮމިޝަނުން މިގެންދަނީ އިތުރަށް ތަޙްޤީޤުކުރުމުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×