އޭސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި

10 Mar 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފިއެވެ. މި ރިޕޯޓް އާންމުކޮށްފައިވަނީ އެކަމަށް ޚާއްޞަކޮށްގެން މިއަދު (10 މާރިޗު 2018) އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. އަހަރީ ރިޕޯޓް އާންމުކޮށްދެއްވީ އޭސީސީގެ ނާއިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދެވެ.

މި ރިޕޯޓުގައި، 2018 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭ ތަޙުޤީޤީ މަސައްކަތްތަކާއި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި މުހިންމު މަސައްކަތްތަކާއި ޙާޞިލްކުރެވުނު ކާމިޔާބީތަކުގެ އިތުރުން ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހިމަނާފައިވާނެއެވެ.

2018 ވަނަ އަހަރުގެ ތެރޭގައި އެކިފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާފައިވާ 652 މައްސަލައިގެ އިތުރުން، ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 278 މައްސަލަ ބަލަން ފަށާފައިވެއެވެ. 2018 ވަނަ އަހަރުގެ ތެރޭގައި 930 މައްސަލައެއް ކޮމިޝަނުގައި ވަނީ ރަޖިސްޓްރީކުރެވިފައެވެ. 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު ކޮމިޝަނުން އިސްނަގައިގެން ބެލި މައްސަލައިގެ އަދަދު 106 އިންސައްތަވަނީ އިތުރުވެފައެވެ. އެގޮތުން 2017 ވަނަ އަހަރުގައި އިސްނަގައިގެން 135 މައްސަލައެއް ބަލާފައިވާއިރު 2018 ވަނަ އަހަރު 278 މައްސަލައެއް އިސްނަގައިގެން ބަލަން ފަށާފައިވެއެވެ. އަދި ނުނިމިހުރި މައްސަލަތަކުގެ އަދަދު ކުރީ އަހަރަށްވުރެ ދަށްކުރެވިފައިވެއެވެ. އެގޮތުން، 2017 ވަނަ އަހަރު ނިމުނުއިރު 1311 މައްސަލައެއް ނުނިމިއޮތްއިރު، 2018 ވަނަ އަހަރު ނިމުނުއިރު، ނުނިމި ހުރި މައްސަލައިގެ އަދަދަކީ 532 އެވެ. މިއީ 2017 ވަނަ އަހަރާއަޅާ ބަލާއިރު 147 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމިޝަންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އިންޓެލިޖެންސް މަސައްކަތް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތައަށާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ އެ އިޞްލާޙުތައް ގެނައުމަށް މަސައްކަތް ކުރެވުނެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށްވެސް ބައެއް އިޞްލާޙުތައް ގެނައުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވެއެވެ.

ޕްރިވެންޝަންގެ ދާއިރާއިން ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމްގެ ތެރެއިން 1722 ފަރާތް ތަމްރީނު ކުރުމާއި، ބިތުފަންގި ރޭޑިއޯ ޕްރޮގްރާމް ދިވެހިރާއްޖޭގެ އަޑާއި ވީއެފްއެމްއިން ގެނެސްދިނުން ހިމެނެއެވެ. މީގެ އިތުރުން، އިމިގްރޭޝަން ނިޒާމުގެ ތެރެއިން ބިދޭސީންނާ ގުޅޭ ކަންތައްތައް ރޭވިފައިވާގޮތް ދެނެގަތުމުގެ ދިރާސާއެއް ހިންގާ، ފާހަގަކުރެވުނު މައްސަލަތަކާއި ޙައްލުތައް ހިމެނޭ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ޙިއްޞާކުރެވުނެވެ. އަދި ދިވެހި ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ހުރި ބައެއް މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރެވިދާނެކަމަށް ކޮމިޝަނަށް ފެންނަ ގޮތުގެ ކަރުދާހެއް އެކުލަވާލައި ރިޕޯޓް ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރެވުނެވެ. އަދި ސިވިލްސަރވިސްގެ ދާއިރާތަކަށް މުވައްޒަފުން ނެގުމުގައި ގަވާއިދާ އުސޫލުތަކަށް އިހްމާލުވުމުގެ ސަބަބުން ދިމާވާ އިދާރީ ކޮރަޕްޝަން ހުއްޓުވުމަށް ދިރާސާއެއް ހިންގުނެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި 360 ށްވުރެ ގިނަ މީހުން މިއަހަރު ސޮއިކުރުމުގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކަށް އަމާޒުކޮށްގެން ހިންގުނު ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކޮށް ކޮރަޕްޝަންގެ ޢަމަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއްވެސްވަނީ ހިންގިފައެވެ. 2018 ވަނަ އަހަރުވެސް މަޢުލޫމާތު ހާމަކުރުމުގެ ރަން ވަނައާއި އެންމެ ރަނގަޅު ވެބްސައިޓްގެ އެވޯޑް އޭސީސީއަށް ލިބިފައިވެއެވެ. އަދި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް ވެސް ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރަށް ވަނީ ލިބިފައެވެ.

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން 2018 ވަނަ އަހަރުގެ އަހަރު ރިޕޯޓުގައިވެސް ކޮމިޝަންގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އަދި 2019 އަހަރު ކުރިއަށް ގެންދިއުމަށް ޕްލޭންކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ޚުލާޞާވެސް ވަނީ އެ ރިޕޯޓުގައި ހިމަނާފައެވެ.

ރިޕޯޓު ޢާންމު ކުރުމަށްފަހު ރިޕޯޓުގައި ހިމެނޭ މުހިންމު މަޢުލޫމާތުގެ ޚުލާޞާ ޕްރެޒެންޓޭޝަނެއް ކޮމިޝަންގެ ނާއިބްރައީސް މުޢައްވިޒް ރަޝީދުވަނީ ހުށަހަޅުއްވާފައެވެ. މި ރަސްމިއްޔާތުގައި މީޑިއާގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކަށް ކޮމިޝަނުން ވަނީ ޖަވާބުދީފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×