20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއާ ގުޅޭ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއާ ގުޅޭ

17 Dec 2018

2018 ވަނަ އަހަރުގެ ކުރީކޮޅު ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއާ ގުޅޭ އެންމެހާ ކަންކަން ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.

މިމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ފާހަގަކުރެވިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

1. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ދިވެހިރާއްޖޭގެ ރަށްތަކެއްގެ ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޤާއިމްކުރުމަށް ޝަޢުޤުވެރިކަން ފާޅުކޮށް ސްރީލަންކާގެ ކުންފުންޏަކުން 27 ނޮވެންބަރު 2017 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ފޮނުވާފައިވާ “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” އަކާ ގުޅިގެން ފެށުނު މި މަޝްރޫޢުގެ ފުރަތަމަ މުޢާމަލާތްތައް ކޮށްފައިވަނީ އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ދެމެދުކަމާއި އެ މުޢާމަލާތްތަކުގެ ތެރޭގައި މި ޕްރޮޖެކްޓާ ގުޅިގެން ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބަޔާންކޮށްފައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ގުޅިގެން ބޭންކްތަކާއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރާނީ އެ ކުންފުނިންކަމާއި އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ދައުރެއް އަދާނުކުރާނެކަމަށް ބަޔާންކޮށްފައިވާކަން.

2. މި މަޝްރޫޢުއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ދެމެދު މުޢާމަލާތް ކުރުމަށްފަހު، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ 20 ރަށުގެ ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްކަމާއި، ދެންނެވުނު 20 ރަށާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އަންދާޒާކޮށްފައިވާ އަގަކީ41,579,295.00 (ސާޅީސް އެއްމިލިއަން ފައްސަތޭކަ ހަތްދިހަނުވަހާސް ދުއިސައްތަ ނުވަދިހަ ފަހެއް) ޔޫ.އެސް ޑޮލަރުކަމާއި، ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 48,151,151.00 (ސާޅީސް އަށްމިލިއަން އެއްސަތޭކަ ފަންސާސް އެއްހާސް އެއްސަތޭކަ ފަންސާސް އެކެއް) ޔޫ.އެސް ޑޮލަރުކަމަށްވާތީ މި ދެ އަގުގައި ބޮޑު ފަރަޤެއްހުރިކަމަށް ފާހަގަކުރެވޭއިރު އެ ފަރަޤު އައިސްފައި އެވަނީ އެ ކުންފުންނިން ހުށަހެޅި އަގަކީ ފައިނޭންޝަލް ކޮސްޓް ހިމަނައިގެން ހުށަހަޅާފައިވާ އަގެއްކަމަށްވާތީކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަންނަވާފައިވާކަމާއި، މި ދެންނެވި 20 ރަށުގެ ތެރޭގައި ހިމެނޭ 10 ރަށެއް އުނިކުރުމަށްފަހު، އައު 10 ރަށް ހިމެނުމާ ގުޅިގެން ސްރީލަންކާގެ ކުންފުނިން ހުށަހަޅި ރިވައިޒްޑް އަގު 2,609,141.00 (ދެމިލިއަން ހަސަތޭކަނުވަހާސް އެއްސަތޭކަ ސާޅީސް އެކެއް) ޔޫ.އެސް ޑޮލަރު ބޮޑުވެފައިވީނަމަވެސް، އެ ބަދަލާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިން އަންދާޒާކުރި އަގު 3,334,231.00 (ތިންމިލިއަން ތިންސަތޭކަ ތިރީސް ހަތަރުހާސް ދުއިސައްތަ ތިރީސް އެކެއް) ޔޫ.އެސް ޑޮލަރު ކުޑަވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް މިކަމާ ގުޅިގެން އިތުރު މަޝްވަރާއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ކޮށްފައިނުވާކަން.

3. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުށަހަޅާފައިވާ ގޮތަށް، ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގަށް އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަދީފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މި މަޝްރޫޢުއާ ގުޅޭ އެއްވެސް ކަމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅާފައިނުވާކަމާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެންގުމުން އެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ބަޔާންކޮށް، އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓަރަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައިވާކަން.

4. ފިނޭންސް މިނިސްޓަރުގެ މި ދެންނެވުމާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް 28 މޭ 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓަރަށް އަންގާފައިވާއިރު، މި އެންގުން އަންގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ގެ (ށ) ގައި ބަޔާންކުރާ “ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ” މަޝްވަރާ ހޯދުމަކާ ނުލައިކަން ފާހަގަކުރެވޭކަމާއި، މި އެންގުން އެންގުނުފަހުން، 20 ޖޫން 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަކަށް އެދި އެ އޮފީހުގެ ޕާރލިމެންޓްރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަނުން ފޮނުވާފައިވާ އޮފީސް ނޯޓުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާ ގުޅޭގޮތުން އެ އޮފީހުގެ އިކޮނޮމިކް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ޙައްލުގެ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިނިސްޓީރިއަލް ކޮމިޓީއަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މި މަޝްރޫޢުއާ ގުޅޭ ކަންތައްތައް ނިންމިދާނެކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވިކަމަށް ބަޔާންކޮށްފައިވާކަމާއި، މި އޮފީސް ނޯޓްގައި ރެކޮމެންޑްކޮށްފައިވާ ގޮތަށް މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލައި ހަމަ އެ ތާރީޚް (20 ޖޫން 2018) ގައި އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދީގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމާއި، މިދެންނެވި ނިންމުން ނިންމާފައިވަނީ ސްރީލަންކާގެ ކުންފުނިން މި މަޝްރޫޢުއަށް ހުށަހަޅާފައިވާ އަގުކަމުގައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރު އަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތަށް އެކަށީގެންވާ އަގެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ބުނާ ބުނުމަށް ރިޢާޔަތްކޮށްގެންކަން މި ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮންނަކަމާއި، އަދި މި ނިންމުން ނިންމުމުގެ 02 ދުވަސް ކުރިން (18 ޖޫން 2018) ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 (އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިއަށްގެންދިއުން) އަށް އިސްލާހުގެނެސްފައިވާއިރު، އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ އެ މަޝްރޫޢު ހިންގުމަށް “މާލީގޮތުންނާއި ފަންނީގޮތުން” އެކަށީގެންވާ ފަރާތެއްކަން ކަށަވަރުކޮށްފައި ނުވާކަން.

5. 20 ރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ މިފަދަ މަޝްރޫޢުއެއް ހިންގުމަށް މާލީގޮތުން ގާބިލް ފަރާތެއްނޫންކަން، އަދި އެކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެނގޭނެކަން.

6. 20 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރަން ނިންމާފައިވަނީ ފިނޭންސް މިނިސްޓަރ ދެއްވި ލަފައަކަށް ބިނާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ އެ މަޝްރޫޢު ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ މި މަޝްރޫޢުއަކީ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިނުވާ މަޝްރޫޢެއްކަމަށްވާތީ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ލޯނެއް ނަގައިގެން އެ މަޝްރޫޢު ކުރިއަށްގެންދިއުންކަން.

7. ސަރުކާރުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާނަމަ ދައުލަތުގެ ނަމުގައި ބޮޑު ލޯނެއް ނެގުމުން ދައުލަތުގެ ބޮރޮވިންގްސް އެތައް ސަތޭކަ މިލިއަން ރުފިޔާ އިތުރުވެގެންދާނެކަން.

8. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ މާލީގޮތުން މިފަދަ ބޮޑު މަޝްރޫޢުއެއް ހިންގުމުގެ ޤާބިލުކަން ނެތް ކުންފުންޏެއްކަމާއި، މި ޕްރޮޖެކްޓްގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަށް މާލީގޮތުން ދެމެހެއްޓެނިވި ފައިދާ ނުކުރާނެކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ކޮށްފައިވާ މުޢާމަލާތްތަކުން އެނގޭތީ، މި ދަނޑިވަޅުގައި މިފަދަ ބޮޑު ލޯނެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ނަގައިފިނަމަ އެ ކުންފުންޏަށް ފައިދާކުރާނެ ޕްރޮޖެކްޓްތައް ކުރިއަށްއޮތްތަނުގައި ހިންގުމަށްޓަކައި އެކްސްޓަރނަލް ފައިނޭންސް ހަމަޖެއްސުމުގައި ނުހަނު ދަތިތަކާ ކުރިމަތިލައި، ކުންފުނި ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭކަން.

9. މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ އަގުގެ ވަކިވަކި ރަށްރަށަށް ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގުތަކާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތްކަމަށް ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ދިވެހިރާއްޖޭގައި ކޮށްފައިވާ އަދި ކުރަމުންދާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ އަގުތަކާ އަޅާކިޔާއިރު 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ ވަކިވަކި ރަށްރަށަށް ހުށަހަޅާފައިވާ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭކަމާއި، އެގޮތުން އެ މަޝްރޫޢުއަށް ހުށަހަޅާފައިވާ އަގު ރަށަކަށް އެވަރެޖްކޮށް 2.53 (ދޭއް ޕޮއިންޓް ފަހެއް ތިނެއް) މިލިއަން ޔޫ.އެސް ޑޮލަރަށް، ދިވެހި ރުފިޔާއިން (15.42 ގެ ރޭޓުން) ނަމަ 38,981,985.90 (ތިރީސް އަށް މިލިއަން ނުވަސަތޭކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ އަށްޑިހަ ފަހެއް ރުފިޔާ ނުވަދިހަ ލާރި) ޖެހޭކަމާއި މަސައްކަތް ކުރަން ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކުގެ (8 ރަށުގެ) ރަށަކަށްޖެހޭ އެވްރެޖް އަގަކީ 0.90 (ސުމެއް ޕޮއިންޓް ނުވައެއް ސުމެއް) މިލިއަން ޔޫ.އެސް ޑޮލަރަށް، ދިވެހި ރުފިޔާއިން (15.42 ގެ ރޭޓުން) ނަމަ 13,851,062.34 (ތޭރަ މިލިއަން އަށްސަތޭކަ ފަންސާސް އެއްހާސް ފަސްދޮޅަސް ދޭއް ރުފިޔާ ތިރީސް ހަތަރު ލާރި) ކަމަށްވާތީ އެ އަގަކީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކުގެ އެވްރެޖް އަގުގެ ދެގުނަ ބޮޑު އަގެއްކަން ފާހަގަކުރެވޭކަމާއި، މިހާރު މި މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރެވޭނޭކަމަށް ޤަބޫލުކުރެވޭކަން.

10. 20 ރަށުގެ ނަރުދަމާގެ މަޝްރޫޢު 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރުގެ އަގަށް ކުރިއަށްގެންދިއުމަށް ފުރަތަމަ ނިންމިއިރު، ފައިނޭންޝަލް ކޮސްޓްގެ ބޮޑުބައެއް ކަމުގައިވާ ލޯނުގެ އިންޓަރެސްޓް ދައްކަންޖެހޭނީ ސްރީލަންކާގެ ކުންފުނިންކަން ފާހަގަކުރެވޭތީއާއި، ފަހުން މި މަޝްރޫޢުއަށް ބޭނުންވާ ލޯނު ނެގުމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންމަތީގައި ކަމަށްވާތީ މި މަޝްރޫޢުގެ ރީޕޭމަންޓް ފައިސާ ބޭންކްތަކަށް ދައްކާނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިންކަން އެނގޭތީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ލޯންގެ ގޮތުގައި ނަގާ ފައިސާގެ %117.06 އަނބުރާ ދައްކަންޖެހޭއިރު، ކޮސްޓް އޮފް ފައިނޭންސްގެ ބައެއްގެ ގޮތުގައި %17.06 އަށްވާ، 8,872,502.00 (އަށް މިލިއަން އަށްސަތޭކަ ހަތްދިހަ ދެހާސް ފަސްސަތޭކަ ދޭއް) ޔޫ.އެސް ޑޮލަރު، ދިވެހި ފައިސާއިން (15.42 ގެ ރޭޓުން) އަދަދުކުރާނަމަ 136,813,980.84 (އެއްސަތޭކަ ތިރީސް ހަ މިލިއަން އަށްސަތޭކަ ތޭރަހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) ދައްކަން ޖެހޭނެތީ މިހާރު މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ސްރީލަންކާގެ ކުންފުނިން ވަކިވަކި ރަށްތަކަށް ހުށަހަޅާފައިވާ ޖުމުލަ އަގު ކަމުގައިވާ 50,560,293.00 (ފަންސާސް މިލިއަން ފައްސަތޭކަފަސްދޮޅަސް ހާސް ދުއިސައްތަ ނުވަދިހަ ތިނެއް) ޔޫ.އެސް ޑޮލަރަކީ ފައިނޭންސް ކޮސްޓް ހިމަނައިގެން އެ ކުންފުނިން ހުށަހަޅާފައިވާ އަގެއް ކަމަށްވާތީ، އެ އަގުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެކަމުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެކަމެއްކަން.

11. މިހާތަނަށް މި މަޝްރޫޢުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާއި މި މައްސަލައާ ގުޅިގެން ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކާއި ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު، މި މަޝްރޫޢުއަކީ ވަކި ފަރާތަކުން ނުވަތަ ފަރާތްތަކަކުން މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށާއި ހޯދައިދިނުމުގެ ނިޔަތުގައި ވަކި ފަރާތަކާ ހަވާލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް ބެލެވޭކަން.

12. މި މަޝްރޫޢުއާ ގުޅިގެން މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ސްރީލަންކާގެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ ޓެކްނިކަލް އެގްރީމެންޓްގައި ކަމަށްވާތީއާއި، މި އެގްރީމެންޓްގެ ސެކްޝަން 5A – “ކޮންޑިޝަންސް އޮފް ޕަރޓިކިއުލަރ އެޕްލިކޭޝަންސް” އިން ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު، މި ކޮންޓްރެކްޓްގެ މާއްދާތަކަށް ޢަމަލުކުރަން ފެށޭނީ 04 ކަމެއް ފުރިހަމަކުރުމުންކަމާއި އެކަންތައްތަކަކީ، (1) ކޮންޓްރެކްޓްގައި ސޮއިކުރުމާއި، (2) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮންސޯޓިއަމް ބޭންކްތަކާއެކު ލޯން އެގްރީމަންޓްގައި ސޮއިކޮށް، އެގްރީމަންޓަށް ޢަމަލުކުރަން ފެށުމާއި، (3) ކޮންޓްރެކްޓަރ އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދިނުމާއި، (4) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮންޓްރެކްޓަރއަށް އެޑްވާންސް ޕޭމަންޓް ބޭންކް ޓްރާންސްފަރގެ ގޮތުގައި ދިނުންކަމަށް ބަޔާންކޮށްފައިވާއިރު، ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ލިޔުންތަކުން އެނގޭގޮތުގައި މިހާތަނަށް ފުރިހަމަކޮށްފައިވަނީ އިސްވެ ދެންނެވުނު ހަތަރު ކަންތަކުގެ ތެރެއިން (1) ކޮންޓްރެކްޓްގައި ސޮއިކުރުން އެކަނިކަމަށާއި، ބާކީ ތިން ކަމެއް ފުރިހަމަވެގެން މެނުވީ ސޮއިކޮށްފައިވާ ޓެކްނިކަލް އެގްރީމެންޓްއަށް ޢަމަލުކުރުން ލާޒިމް ނުވާކަން.

އެހެންކަމުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށް މިކޮމިޝަނަށް ފެންނާތީއާއި، މަތީގައި ބަޔާންކުރެވިފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، މި މަޝްރޫއުގެ ޕްރޮސެސް ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×