ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑު އެކައުންޓުން 2015 ވަނަ އަހަރު އަމިއްލަ ބޭނުމަށް ފައިސާނަގާ ބޭނުންކޮށްފައިވާތީ ދަޢުވާކުރުމަށް ފޮނުވައިފި. | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑު އެކައުންޓުން 2015 ވަނަ އަހަރު އަމިއްލަ ބޭނުމަށް ފައިސާނަގާ ބޭނުންކޮށްފައިވާތީ ދަޢުވާކުރުމަށް ފޮނުވައިފި.

12 Aug 2018

ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑު އެކައުންޓުން 2015 ވަނަ އަހަރު 18,000.00 (އަށާރަހާސް) ރުފިޔާ ނަގާފައިވާކަމާއި އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފަށް ކަމަށްބުނާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރއާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

 

މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑު އެކައުންޓުން 2015 ވަނަ އަހަރު 18,000.00 (އަށާރަހާސް) ރުފިޔާ ނަގާފައިވާކަމާއި އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފަށް ކަމާއި އަދި އެފައިސާ އެ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އާ ޙަވާލުކޮށްފައިވާއިރު އެފައިސާ ޙަވާލުކޮށްފައިވަނީ ކޮންކަމަކަށް އެނގޭނެ އެއްވެސް ލިޔުމެއް ނެތްކަމާއި، މިފައިސާ ޙަވާލުކުރިތާ 1 އަހަރުގެ މުއްދަތު ފާއިތުވީއިރުވެސް ފައިސާ ޚަރަދުކުރިކަމުގެ ބިލެއް ނުވަތަ މުދަލެއް ސްކޫލަށް ލިބިފައިނުވާކަމާއި،

މިފައިސާ ނެގި ދުވަސްވަރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރ އޭނަގެ އަންހެނުންގެ ނަންމަތީގައި ސައިކަލެއް ގަނެފައިވާކަމާއި، ސައިކަލު ގަނެފާވާއިރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރ ގެ އަމިއްލަ ބޭންކް އެކައުންޓް އަދި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރ ގެ ކުންފުނީގެ އެކައުންޓުގައި އެއްފަހަރާ ސައިކަލަށް ފައިސާ ދެއްކޭވަރަށް ފައިސާ ނެތްކަމާއި،

އޮޑިޓަރ ޖެނެރަލް އޮފީހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒު އޮޑިޓް ކުރުމުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް މިފައިސާ ނަގާފައިވާ މައްސަލަ ފާހަގަކުރެއްވުމުން، މި ފައިސާ ދޫކުރިތާ 1 އަހަރުފަހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކައުންޓަށް އަނބުރާ ފައިސާ ޖަމާކޮށްފައިވާކަމާއި، މިފައިސާއަކީ އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރއަށް އެޑްވާންސްކޮށް ދީފައިވާ އެއްމަހުގެ މުސާރަކަމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ބުނިނަމަވެސް މިފައިސާއަކީ އެމަރުކަޒަށް ތަކެތި ގަތުމަށް ބޭނުންވާ ފައިސާކަމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ބުނުމުން ދީފައިވާ ފައިސާކަމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރި އަދި ފައިސާ ދޫކުރި މުވައްޒަފުކަމަށްވާ ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ބުނިނަމަވެސް، މިފައިސާ ނަގާފައިވަނީ އެމަރުކަޒުގެ ބޭނުމަށްނޫންކަން ލިބިފައިވާ ހެކިތަކުން ތަޙުޤީޤަށް ފާހަގަކުރެވެއެވެ.

އެހެންކަމުން، މައްސަލައިގެ ހަޤީގަތްތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، މިމައްސަލައިގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފާއިދާއެއް ލިބިގަތުމުގެ ތުހުމަތު ކުރެވޭކަމާއި، މިގޮތުން އެފަރާތުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ކުށުގެ ޢަމަލަކީ، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އަދި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފައިސާއާ ބެހޭ އެންމެ އިސްވެރިއެއްގެ ޙައިޞިއްޔަތުން ބަޖެޓާއި ފައިސާ ހޯދުމުގައި ޒިންމާވާންޖެހޭ ފަރާތްކަމުގައި ހުރެމެ، ޚަރަދުކުރެވެނީ ކޮން ބޭނުމަކަށްކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ތައްޔާރުކޮށްފައިނުވަނީސް، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑު އެކައުންޓުން 18,000.00 (އަށާރަހާސް) ރުފިޔާ ދޫކުރުމަށް ހުއްދަދީ، އަމިއްލައަށް ޕޭމަންޓް ވައުޗަރުގައި ހުއްދަދިން އެއް ފަރާތެއްގެ ގޮތުން ސޮއިކޮށް ފައިސާ ނެގިނެގުންކަމާއި، ޕޭމަންޓް ވައުޗަރު ތައްޔާރުކުރީ ފައިސާ ދޫކުރިފަހުންކަމާއި، ފައިސާ ނެގީ އެޑްވާންސް މުސާރާއިގެ ގޮތުގައިކަން އޭނާގެ އަމިއްލަ އިޢުތިރާފުން އެނގެން އޮންނައިރު، މި ގޮތަށް ފައިސާ ނެގުމަކީ ސިވިލް ސަރވިސްގެ ގަވާއިދާއި ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށްވާއިރު، އެ ފައިސާ ނަގާ، އެ ފައިސާއިން މަރުކަޒުގެ ބޭނުމަށް އެއްވެސް ޚަރަދެއް ނުކޮށް، އެ ފައިސާ އަމިއްލަ ބޭނުމަށް ޚަރަދުކޮށް ނާޖާއިޒު ފާއިދާއެއް ހޯދާފައިވާތީ، މިކަމުގައި ޖިނާޢީ ޤަޞްދެއް އޮތްކަމާއި، މިކަމަކީ ނާޖާއިޒު މަންފާއެއް ހޯދުމަށް އޭނާ ކުރިކަމެއްކަމަށް ޝައްކެތް ނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ  12 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

 އަދި، މިމައްސަލައިގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އަށް ދޫކޮށްފައިވާ 18,000.00 (އަށާރަހާސް) ރުފިޔާ ދޫކޮށްފައިވަނީ އަދި ފައިސާ ދޫކުރުމަށް ތައްޔާރުކުރެވުނު ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް ޕޭމަންޓް ވައުޗަރު ޗެކުކޮށްފައިވަނީ ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާއިކަން މިމައްސަލައިގައި ލިބިފައިހުރި ކިތާބީ ހެކިންނާއި އެފަރާތުގެ އަމިއްލަ އިޢުތިރާފުން އެނގެން އޮންނައިރު،  އެފައިސާ ދޫކުރުމާ ގުޅިގެން ތައްޔާރުކުރެވުނު ޕޭމަންޓް ވައުޗަރާއެކު ފުރިހަމަވާންޖެހޭ ލިޔެކިޔުންތައް ނެތްއިރު، ވައުޗަރު ތައްޔާރުކޮށް އަދި ޗެކުކުރި ފަރާތެއްގެ ޙައިސިއްޔަތުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ސޮއިކުރުމުގެ ސަބަބުންނާއި އެފައިސާ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އަށް ދޫކުރުމުން މިކަމުގައި ޖިނާޢީ ޤަޞްދެއް އޮތްކަމާއި، މިކަމަކީ ވަކިފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކޮށްފައިވާކަމެއްކަން ޝައްކެތް ނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުވާތީއާއި، އަދި އެ ފައިސާ ދޫކުރުމާ ގުޅިގެން ތައްޔާރުކުރެވުނު ޕޭމަންޓް ވައުޗަރުގައި ހުއްދަދިން ދެވަނަ ފަރާތެއްގެ ގޮތުން ސޮއިކޮށްފައިވަނީ ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން  މިމައްސަލައިގައި ލިބިފައިހުރި ކިތާބީ ހެކިންނާއި އޭނާގެ އަމިއްލަ އިޢުތިރާފުން އެނގެން އޮންނާތީ،  ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ  12 ވަނަ މާއްދާގެ (ހ) ގެ ދަށުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ އަދި އެމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×